ޚަބަރު

ތާރީހީ ދުވަހެއް: މެރިޓައިމް ސަރވިސްގެ ހިދުމަތް ހޯދުމަށް ފުރަތަމަ އުޅަނދު ބަނދަރުކޮށްފި


  • ހިދުމަތް ހޯދަން ބަނދަރުކޮށްފައިވަނީ ޕެނަމާއަށް ނިސްބަތްވާ އުޅަނދެއް

އުތުރު މެރިޓައިމް ސަރވިސް (ޔޫ.އެމް.އެސް)ގެ ޚިދުމަތް ހޯދުމަށް އައި ފުރަތަމަ އުޅަނދު މިއަދު ހެނދުނު އިހަވަންދިއްޕޮޅުގައި ބަނދަރުކޮށްފިއެވެ.

ޔޫ.އެމް.އެސްގެ ދަށުން ތަޢާރަފްކުރި ބައެއް ޚިދުމަތްތައް ހޯދުމަށް މިއަދު ހެނދުނު އިހަވަންދިއްޕޮޅަށް ބަނދަރުކުރީ "ޖިއަން ޖިއޭ" (JIAN JIE) ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެކެވެ. ޕެނަމާއަށް ނިސްބަތްވާ މި ބޯޓް ދަތުރުކުރަމުންދަނީ ޔޫއޭއީގެ އަބޫ ދާބީން ފުރައިގެން ޗައިނާއަށް ދިއުމަށެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވިދާޅުވީ އިހަވަންދިއްޕޮޅަށް ބަނދަރުކުރި "ޖިއަން ޖިއޭ" ބޯޓުން ކުރޫ ބަދަލުވާ ފަޅުވެރިން ވަނީ މިއަދު ހަވީރު އުލިގަމަށް ފައިބައި އުލިގަމުގައި ހަދާފައިވާ "ސީމަންސް ރެސްޓް އޭރިޔާ" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެފައިވާކަމަށެވެ.

ބޯޓުގެ ފަޅުވެރިންނަށް އުލިގަމުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. ފަޅުވެރިންނަށް މަރުހަބާ ކިޔުމަށް ބޮޑުބެރުގެ ހަރަކާތްތައް ކުރިއަށްގެންދިޔައެވެ. އަދި އުލިގަމުގެ ގިނަ އަދަދެއްގެ ރައްޔިތުންވެސް ފަޅުވެރިންނަށް މަރުހަބާ ކިއުމުގެ ހަރަކާތުގައި ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި އެމް.ޕީ.އެލްގެ ސީ.އީއޯ މުޙައްމަދު ވަޖީހް އިބްރާހިމް، ހޯރަފުށި ދާއިރާގެ މެމްބަރު އަލީ މޫސާ އަދި އުލިގަމު ކައުންސިލްގެ ރައީސް އަޙްމަދު މުއާޒް މުޙައްމަދު ބައިވެރިވެވަޑައިގަތެވެ.

އުލިގަމުގައި ހުޅުވި "ސީމަންސް ރެސްޓް އޭރިޔާ" އަކީ އުލިގަމުގައި އެމް.ޕީ.އެލް އިން ޤާއިމްކޮށްފައިވާ އިންޓަނޭޝަނަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް އިން އެތެރެވާ އުޅަނދު ފަހަރުގެ ފަޅުވެރިންނަށް، އެ ރަށުގައި މަޑުކޮށް، އަރާމުކޮށްލައި ބައެއް ކުޅިވަރުތައް ކުޅެވޭގޮތަށް ހަދާފައިވާ ތަނެކެވެ.

އުލިގަމަށް ފޭބި ފަޅުވެރިންގެ ތެރޭގައި ހިމެނޭ "ޖިއަން ޖިއޭ" (JIAN JIE) ބޯޓުގެ ކެޕްޓަން ބުނީ ބޯޓު ދަތުރުކުރުމުގައި އޭނާ ހޭދަކުރި 20 އަހަރުގެ ތެރޭގައި "މިހާ ފުރިހަމަ މެހެމާންދާރީއެއް އަދި ދުވަހަކުވެސް ތަޖުރިބާ ނުކުރެވޭ" ކަމަށެވެ.

"ވިހި އަހަރު އަހަރެން މި ދާއިރާގައި މަސައްކަތްކޮށްފި. އެކަމަކު މިހާތަނަށް ޒިޔާރަތްކުރި އެއްވެސް ތަނަކުން، މިހާ ފުރިހަމަ މެހެމާންދާރީއެއް ތަޖުރިބާއެއް ނުކުރަން،" ކެޕްޓަން ބުންޏެވެ.

އިހަވަންދިއްޕޮޅަށް ބަނދަރުކުރި އުޅަނދުން ވަނީ ޔޫ.އެމް.އެސްގެ ޚިދުމަތުގެ ދަށުން ކްރޫ ބަދަލުކުރުމުގެ ޚިދުމަތާއި ފެނާއި ސަޕްލައި ކުނި ނައްތާލުން އަދި ބައެއް ސްޕެއަރ ޕާޓްސް ހޯދުމަށް އެދިފައެވެ. އަދި މެއިންޓޭނަންސްގެ ބައެއް މަސައްކަތްތައްވެސް ކުރަންޖެހޭތީ ފަސް ވަރަކަށް ދުވަހު އިހަވަންދިއްޕޮޅުގައި މި އުޅަނދު މަޑުކުރާނެ ކަމަށް ލަފާކުރެވެއެވެ.

ކްރޫ ބަދަލުކުރުމުގެ ޚިދުމަތުގައި މި އުޅަނދުގައި މި ވަގުތު ތިބި 9 ކްރޫ ރާއްޖެއިން ފުރުވާލާނެއެވެ. އަދި ރާއްޖެއަށް ވައި މަގުން އަންނަ 6 ފަޅުވެރިން ހއ.އަތޮޅަށް ގެންގޮސް، އެ ބޯޓަށް އެރުވުމުގެ އިންތިޒާމްތައް ކުރިއަށް ގެންދާނެއެވެ.

މި އުޅަނދަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އެމް.ޕީ.އެލްގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތައްވެސް ބައިވެރިވާނެއެވެ.

އުތުރުގައި މެރިޓައިމްގެ ޚިދުމަތްތައް ފެށީ ދިވެހިރާއްޖޭގެ އިޤްތިސާދު ސިންދަފާސްކޮށް، މެރިޓައިމްގެ ދާއިރާއިން އިޤްތިސާދަށް އިތުރު މަންފާ ހޯދުޖަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްނަގައިގެން ފެށި މަސައްކަތެކެވެ.

އެމްޕީއެލްގެ ސީ.އީ.އޯ ވަޖީހް ވިދާޅުވީ މި ބޯޓު އިހަވަންދިއްޕޮޅުގައި މަޑުކުރާ ދުވަސްވަރުގައި އެ ސަރަހައްދުގެ ރައްޔިތުންނަށް ވިޔަފާރިގެ އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށާއި މިއީ މެރިޓައިމްގެ ދާއިރާގެ ތަރައްޤީއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމުގެ މި ހުރިހާ ޚިދުމަތެއްގެ މަޢުލޫމާތު އެއްތަނަކުން ފޯރިކޮށްދިނުމަށް ޔޫއެމްއެސް ވެބްސައިޓް މިހާރު ވަނީ ތައާރަފްކޮށްފައެވެ.