ޚަބަރު

އަނިޔާއިން ރަނގަޅުވެފައިވީ ނަމަވެސް ފްރާންސްގެ ސްކޮޑުން އެމްބާޕޭ ބާކީކޮށްފި


ޔުއެފާ ނޭޝަންސް ލީގުގައި ފްރާންސްއިން މި މަހު ކުޅޭ މެޗުތަކަށް އެކުލަވާލި ސްކޮޑުން ތަޖުރިބާކާރު ފޯވާޑް ކިލިއަން އެމްބާޕޭއަށް ފުރުސަތު ގެއްލިއްޖެއެވެ.

ނޭޝަންސް ލީގުގައި އިސްރާއީލާއި ބެލްޖިއަމާ ދެކޮޅަށް ފްރާންސްއިން މި މަހު ކުޅޭ ދެ މެޗަށް އެކުލަވާލި ސްކޮޑުން އެމްބާޕޭއަށް ފުރުސަތު ގެއްލިފައިވާއިރު، އަނިޔާގެ ސަބަބުން މިދިޔަ ހަފްތާގައި ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުގައި އެމްބާޕޭ ކުޅެފައެއް ނުވެއެވެ. ނަމަވެސް ޔުއެފާ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ފްރާންސްގެ ލިލްއާ ދެކޮޅަށް ރެއާލް ކުޅުނު މެޗުގައި އޭނާ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާފައެވެ.

އެމްބާޕޭ ސްކޮޑުގައި ނުހިމެނޭތީ އެކަމާއި ގުޅޭ ގޮތުން ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްސް ބުނެފައިވަނީ އެމްބާޕޭއާ އޭނާ ވާހަކަ ދެއްކި ކަމަށާއި، އަދިވެސް އެމްބާޕޭގެ އަނިޔާ އެއްކޮށް ރަނގަޅުވެފައި ނުވާ ކަމަށެވެ. އެހެންކަމުން އެކަމުގައި އިތުރު ރިސްކެއް ނަގަން ބޭނުންނުވާ ކަމަށްވެސް ޑިޝޯމްޕްސް ވަނީ ބުނެފައެވެ.

މި ސީޒަން ފެށުމުގެ ކުރިން ފްރާންސްގެ ޕީއެސްޖީން ރެއާލް މެޑްރިޑާއި ގުޅުނު އެމްބާޕޭ ވަނީ އެ ޓީމަށް މިހާތަނަށް ކުޅެދިން 10 މެޗުގައި 7 ލަނޑު ކާމިޔާބުކޮށްފައެވެ.

އެމްބާޕޭ ސްކޮޑުގައި ނުހިމެނޭއިރު ފޯވާޑް އެންޓޮއިން ގްރީޒްމަން ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ. އެހެންކަމުން ފްރާންސްގެ ފޯވާޑް ލައިން ވަރުގަދަ ކުރުމުގެ ގޮތުން ކޯޗު ޑިޝޯމްޕްސް ވަނީ ޗެލްސީގެ ކްރިސްޓޮފާ އެންކުންކޫއަށް ފުރުސަތު ދީފައެވެ.

މި މަހުގެ 10 ވަނަ ދުވަހު އިސްރާއީލާ ދެކޮޅަށް ކުޅޭ މެޗު ހަންގޭރީގެ ބުޑަޕެސްޓްގައި ކުޅުމަށްފަހު، އޭގެ ހަތަރު ދުވަސް ފަހުން އަމިއްލަ ގައުމުގައި ފްރާންސް ނިކުންނާނީ ބެލްޖިއަމާ ދެކޮޅަށެވެ. ނޭޝަންސް ލީގު އޭގެ ގްރޫޕް ދޭއްގައި ފްރާންސް ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު އޮތީ ދެވަނައިގައެވެ. އެއްވަނައިގައި އޮތީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ހަ ޕޮއިންޓް ހޯދައިގެން އިޓަލީއެވެ.