ޚަބަރު

ފުލުހުންގެ ހަރަކާތްތައް އިތުރުކުރުމުގެ އޮޕަރޭޝަނާއެކު މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރެވެން ފަށައިފި


  • ކޮންމެ ދުވަހަކު އެކްސިޑެންޓްތައް ހިނގާ މިންވަރު ވަނީ ދަށްވެފައި

  • ހަރުދަނާ ނިޒާމެއްގެ ތެރެއިން ފުލުހުންދަނީ މަގުމަތި މޮނިޓަރކުރަމުން

މާލެ ސަރަހައްދުގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވަނީ މިދިޔަ މަހުގެ 8 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަނާއެކު މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވަމުންދާކަމުގެ ފެހި ސިގްނަލް މިހާރު މިވަނީ ލިބެން ފަށާފައެވެ.

މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ފުލުހުންގެ ހަރަކާތްތައް އިތުރުކޮށް، ޚާއްސަ އޮޕަރޭޝަނެއް ފެށީ ވަރަށް މުހިންމު މަޤުޞަދެއްގައެވެ. އެއީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އެކްސިޑެންޓްތައް މަދު ކުރުމަށެވެ. މަގުމައްޗަކީ ދުއްވާ މީހުންނާއި ހިނގާބިނގާވެ އުޅޭ މީހުންނަށްވެސް އަމާންތަނަކަށް ހެދުމަށެވެ.

މިދިޔަ މަހުގެ 8 ވަނަ ދުވަހު މި އޮޕަރޭޝަން ފުލުހުން ފެށިއިރު، އެ ދުވަސްވަރަކީ ގިނަ އަދަދެއްގެ އެކްސިޑެންޓްތައް ހިނގާ، ހިތާމަވެރި ހާދިސާތަކެއް ހިނގާފައިވާ ދުވަސްވަރެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިދިޔަ މަހުގެ ތެރޭގައި ހިނގި ނުރައްކާތެރި ދެ އެކްސިޑެންޓެއްގައި 2 ޒުވާނަކު ދުނިޔެ ދޫކުރިއެވެ.

ކޮންމެއަކަސް، މާލެ ސަރަހައްދުގައި އެކްސިޑެންޓްތައް ގިނަ ދުވަސްވަރެއްގައި ފުލުހުން ފެށި މި އޮޕަރޭޝަނުން އެދެވޭ ބަދަލުތަކެއް މިހާރު މިވަނީ ފެންނަން ފަށާފައެވެ. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން މަޑުމަޑުންދަނީ ކަށަވަރުވަމުންނެވެ.

މި އޮޕަރޭޝަންގެ ސަބަބުން އައި ބަދަލުތަކާ ބެހޭގޮތުން މާލެ ޕޮލިސްގެ ހެޑް އަދި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢާސިމް ޢަބްދުﷲ ވަނީ ޕީއެސްއެމް ނިއުސްއާ މަޢުލޫމާތު ޙިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ޢާންމުކޮށް ކޮންމެ ދުވަހަކު 9 އެކްސިޑެންޓް ހިނގި ނަމަވެސް، މި އަދަދު މިހާރު ވަނީ 5 އަކަށް ދަށްވެފައެވެ.

"މި އޮޕަރޭޝަނާއެކު އަޅުގަނޑުމެންނަށް ފާހަގަކުރެވިފައިވަނީ މީހުން ބާރު ސްޕީޑްގައި ދުއްވާ މިންވަރާއި ނުރައްކާކޮށް އަދި ފަރުވާ ކުޑަކޮށް މީހުން ދުއްވާ މިންވަރު ވަރަށް ބޮޑަށް ދަށް ކުރެވިއްޖެ." ޢާސިމް ވިދާޅުވިއެވެ.

ޢާސިމް ވިދާޅުވި ގޮތުގައި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުންވަމުން އަންނަކަން ރައްޔިތުންވެސް ޤަބޫލުކުރެއެވެ.

ފުލުހުންގެ މި އޮޕަރޭޝަންގައި ހަމައެކަނި މަގުތަކުގައި ފުލުހުންގެ އަދަދު އިތުރުވީކީއެއް ނޫނެވެ. ހަރުދަނާ ނިޒާމެއްގެ ތެރެއިން މާލޭގެ 21 ސަރަހައްދެއްގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. މާލެއާއި ހުޅުމާލޭގައި ކޮމާންޑު ސެންޓަރުތަކެއްވަނީ ޤާއިމްކޮށްފައެވެ.

އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކި ސަރަހައްދުތަކަށް ފުލުހުން ޑިޕްލޮއިކޮށް، އެ ސެންޓަރުތަކުންދަނީ އެކި ސަރަހައްދުތައް މޮނިޓަރކުރަމުންނެވެ. މި އޮޕަރޭޝަންގެ ނަތީޖާ ފެންނަމުންދަނީ، ހަމައެކަނި މަގުމަތީގައި ހިނގާ އެކްސިޑެންޓްތަކުގެ އަދަދު ދަށްވަމުންދިޔުމުން އެކަންޏެއް ނޫނެވެ. އެހެނިހެން ކުށްތައްވެސް މާލެ ސަރަހައްދުގައި ދަނީ މަދު ވަމުންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ޢާންމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، މިދިޔަ އަހަރުގެ ސެޕްޓެންބަރުމަހާއި މިއަހަރުގެ ސެޕްޓެންބަރުމަހާ އަޅާބަލާއިރު ފުލުހުންނަށް ހުށައަޅާފައިވާ ވައްކަމުގެ މައްސަލަތައް 37 އިންސައްތައަށްވަނީ ދަށްވެފައެވެ. އަދި މި 2 މަހާ އަޅާބަލާއިރު މުދާ ގެއްލިގެން ހުށައަޅާފައިވާ މައްސަލަތައްވެސް 61 އިންސައްތަވަނީ ދަށްވެފައެވެ.

ކޮންމެއަކަސް ފުލުހުން ފަށާފައިވާ މި އޮޕަރޭޝަނުން ހެޔޮ ނަތީޖާ މިދަނީ ފެންނަމުންނެވެ. ނަމަވެސް އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ މަޑުމަޑުން ދުއްވަންޖެހޭނީ ނުވަތަ ބަލައިގެން ދުއްވަން ޖެހޭނީ ފުލުހުން އަޅާފާނެ ފިޔަވަޅަކަށް ބިރަކުން ނޫންކަމެވެ.

އެއީ މުޅި މުޖުތަމަޢުގެ ސަލާމަތަށްޓަކައި ކޮންމެ ފަރުދަކުވެސް އަދާކުރަންޖެހޭ ޒިންމާއެއްކަން ކޮންމެ މީހަކުވެސް ދަންނަންޖެހެއެވެ. ދުއްވާ ކޮންމެ އުޅަނދެއް ހެޔޮ މަގަށް އަޅުވާނެ ފުލުހަކު ހުރުމަކީ އެއީ ޙައްލެއް ނޫނެވެ. ޙައްލަކީ ކޮންމެ މީހަކުވެސް އަމިއްލައަށް އިސްނަގައިގެން ގަވާއިދަށް ޢަމަލުކުރުމެވެ.