ޚަބަރު

ބްރޯޑްކާސްޓަރުންނަށް ޒަމާނީ ތަމްރީން ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއްދަނީ ކުރަމުން: މަރިޔަމް ވަޙީދާ


  • ބްރޯޑްކާސްޓިންގެ ޚިދުމަތަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ގެންނަންޖެހޭ

  • ކޮމިޔުނިޓީ ބްރޯޑްކާސްޓިންގެ ޚިދުމަތް ފެށުމަށް ދަނީ މަސައްކަތްކުރަމުން

ދިވެހިރާއްޖޭގައި ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ޒަމާނީ ތަމްރީން ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މަރިޔަމް ވަޙީދާ ވިދާޅުވެއްޖެއެވެ.

މަރިޔަމް ވަޙީދާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދުވަހާ ގުޅިގެން ދެއްވި ޚާއްސަ މެސެޖުގައެވެ.

ރާއްޖޭގެ ބްރޯޑްކާސްޓިން ދުވަހާ ގުޅިގެން ދެއްވި ޚާއްސަ މެސެޖުގައި ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މަރިޔަމް ވަޙީދާ ވިދާޅުވީ، އެ ކޮމިޝަންގެ އަމާޒަކީ ރާއްޖޭގެ ބްރޯޑްކާސްޓަރުންނާ ގުޅިގެން މަސައްކަތްކޮށް، އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ބްރޯޑްކާސްޓްގެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.

އެގޮތުން ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެންމެ ފަހުގެ ޒަމާނީ ތަމްރީންތައް ފޯރުކޮށްދޭންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތުން އެފަރާތްތަކަށް ތަމްރީން ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް މަރިޔަމް ވަޙީދާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ޓީވީގެ ކުރިމަތިން ފެންނަ ނޫސްވެރިންގެ އިތުރުން ޓީވީގެ ފަހަތުގައި މަސައްކަތްކުރާ ޓެކްނިކަލް މުވައްޒަފުންނަށްވެސް ތަމްރީނާއި ތަޖުރިބާ ހޯދައިދިނުން." މަރިޔަމް ވަޙީދާ ވިދާޅުވިއެވެ.

މަރިޔަމް ވަޙީދާ ވިދާޅުވީ ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ރަށްތަކުގައި ކޮމިޔުނިޓީ ބްރޯޑްކާސްޓިންގެ ޚިދުމަތް ޤާއިމްކުރުމުގެ މަސައްކަތްކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް އޯޑިއަންސް ސާރވޭއެއް ހެދުމުގެ މަސައްކަތްކުރަމުންދާކަން މަރިޔަމް ވަހީދާ ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޫބަރުމަހުގެ 4 ވަނަ ދުވަހެވެ. އެންމެ ފުރަތަމަ ރާއްޖޭގައި ބްރޯޑްކާސްޓިންގެ ޚިދުމަތް ފެށީ، ރޭޑިއޯ ބްރޯޑްކާސްޓިންގެ ޚިދުމަތާއެކު 1962 ވަނަ އަހަރުއެވެ.