ޚަބަރު

ދެމަފިރިން އެކަކު އަނެކަކަށް ކިޔަމަންތެރިވުމަކީ ޢާއިލީ މައްސަލަތަކަށް އޮންނަ ފުރުޞަތު ހަނިވާކަމެއް: ޚުޠުބާ


  • ހުކުރު ޚުތުބާ ހާއްސަކޮށްފައިވާ މައުޞޫއަކީ"ގެވެށި އަނިޔާ"އަށް

  • އަނިޔާވެރިވުމުގެ ހުރިހައި ވައްތަރެއް އިސްލާމްދީނުގައި ވަނީ ޙަރާމްކުރައްވައިފައި

  • ދެމަފިރީން ވެސް މާތް ﷲ ކަނޑައަޅުއްވައިފައިވާ ޙުދޫދުގެ ތެރޭގައި ތިބޭންޖެހޭ

ދެމަފިރިން އެކަކު އަނެކަކަށް ކިޔަމަންތެރިވުމަކީ އާއިލީ ގުޅުން ބަދަހިވެ ގެވެށި އަނިޔާއަށް އޮންނަ ފުރުޞަތު ކުޑަވެގެންދާނެކަމެއްކަމަށް ހުކުރު ޚުޠުބާއި ވިދާޅުވެއްޖެއެވެ. މިއަދުގެ ހުކުރު ޚުޠުބާ ޚާއްސަކޮށްފައިވަނީ "ގެވެށި އަނިޔާ" މި މަޢުޟޫއަށެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވީ، އަނިޔާވެރިވުމުގެ ހުރިހާ ވައްތަރެއް އިސްލާމްދީނުގައި ޙަރާމްކުރައްވައިފައިވާކަމަށެވެ. ވަކިން ޚާއްސަކޮށް ގެވެށި އަނިޔާގެ މައްސަލަތަކަކީ މުޖުތަމަޢުގައި ގަދަ އަޑުން ވާހަކަދެކެވޭ، އެ ކަމާމެދު ކަންބޮޑުވެ، އެ ކަން ހުއްޓުވުމަށްޓަކައި އަޑު އުފުލަމުންދާ މައްސަލައެކެވެ. ގެވެށިއަނިޔާގެ ތެރޭގައި ހިމެނެނީ، ފިރީން އަނބީންނަށް، އަނބީން ފިރީންނަށް ކުރާ އަނިޔާއާއި، މައިންބަފައިން ދަރިންނަށް ކުރާ އަނިޔާއާއި، ދަރީން މައިންބަފައިންނަށް ކުރާ އަނިޔާއާއި، އެކަކު އަނެކަކަށް ކުރާ ތަފާތު ބާވަތްތަކުގެ އަނިޔާއެވެ.

މުސްލިމް މުޖުތަމަޢަކީ ރަޙްމަތާއި، ކުލުނާއި، އޯގާވެރިކަމާއި، އަޅައިލުމުގެ މުޖުތަމަޢެއްކަން ފާހަގަކުރައްވާ ހުކުރު ޚުޠުބާގައި ވިދާޅުވީ، އެއްވެސް ބާވަތެއްގެ ގޯނާއެއް ކުރުމަކީ އިސްލާމްދީނުގެ އަސާސުކަމުގައިވާ އޯގާވެރިކަމާ އަރައިރުންވާ ކަމެއްކަމަށެވެ. ޚުޠުބާގައި ވިދާޅުވީ މުސްލިމް އަންހެނުންނަކީ އިސްލާމީ މުޖުތަމަޢުގެ ބިނާގެ އެއްބައިކަމުގައިވާއިރު، އަދި އެ ކަނބަލުން މުސްލިމް ފިރިހެނުންގެ އަނބީންނަށް، ނުވަތަ މައިންނަށް، ނުވަތަ އުޚްތުންނަށް، ނުވަތަ ދަރިންނަށްވާއިރު، އެ ކަނބަލުންނަށް އަނިޔާވެރިވުމުގެ ކުރީން، އެ ކަމާމެދު ކޮންމެ މުސްލިމަކު ވިސްނާން ޖެހޭނެކަމަށެވެ.

އެގޮތުން ކީރިތި ރަސޫލާ ދުވަހަކުވެސް އަންހެނެއްގެ ގައިގައި ޖައްސަވައިފައި ނުވާކަމަށާއި އިތުރު އެކަލޭގެފާނުގެ އެންމެ ފަހު ވަޞިއްޔަތްޕުޅުތަކުގެ ތެރޭގައި، އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ވަޞިއްޔަތްކުރައްވައިފައިވާކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

"ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި، އިންސާނީ ޙައްޤުތަކާ ބެހޭ އިސްލާމީ އުޞޫލުތައް އިޢުލާނުކުރައްވަމުން، ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައި ވެއެވެ. (فَاتَّقُوا اللهَ فِي النِّسَاءِ، فَإِنَّكُمْ أَخَذْتُـمُوْهُنَّ بِأَمَانِ اللَّهِ) މާނައީ: "ފަހެ ތިޔަބައިމީހުން އަންހެނުންނާ މެދު ﷲއަށް تقوىވެރިވާ! ފަހެ ތިޔަބައިމީހުން އެ ކަނބަލުން ލިބިގެންފައިވަނީ، ﷲގެ އަމާނާތެއްގެ ގޮތުގައި." އަމާނާތަކީ ރައްކައުތެރިވާން ޖެހޭނެ އެއްޗެއް. އެންމެ ބޮޑަށް ރައްކައުތެރިވާން ޖެހޭނީ، މާތް ﷲގެ އަމާނާތައް. އޭރުން މާތް ﷲ އަހުރެމެންގެ އަމާނާތްތައް ރައްކައުތެރިކޮށްދެއްވާނެތެ" ޚުޠުބާގައި ވިދާޅުވިއެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވީ ​ގެވެށިއަނިޔާގެ ރޯގާ އަހަރެމެންގެ ގޭތެރޭގައި ވަކިހިއްޕަމުންދަނީ އާއިލާ ތެރޭގައި ބަދަލުކުރެވޭ ހަރުކަށި މުޢާމަލާތުތަކުގެ ސަބަބުންކަމަށެވެ.

ބައެއް ފިރިހެނުން ހަރުކަށި ގޮތަކަށް މުޢާމަލާތުކުރަނީ އަޚްލާޤު ރިވެތި، ޢިލްމުވެރި ބަޔަކަށް އެމީހުންގެ ދަރީން ހެދުމަށް އިތުރުން ދަރީން ރަނގަޅަށް ބަލަހައްޓާ ކިޔަމަންތެރި އަތްނބަކު ގޭގައި ބޭންދުމަށް ޓަކައެވެ. އެހެނަމަވެސް ފިރިހެނުން މި ގޮތަށް ޢަމަލުކުރުމުގެ ނަތީޖާއަކީ، އަނބިމީހާއާއި ދަރީންގެ ނުކިޔަމަންތެރިކަން އިތުރުވުންކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ފިރީން އަނބީންނަށް އޯގާތެރިވެ އަޅައިލުން، އިސްލާމްދީނުގައި ވާޖިބުކުރައްވައިފައިވާ ފަދައިން، ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އުރެދުމެއް ނުވާ ކަންކަމުގައި، އަނބީންވެސް ފިރީންނަށް ކިޔަމަންތެރިވުން އިސްލާމްދީނުގައި ވާޖިބުކުރައްވައިފައިވާކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ. އަދި ފިރީންނަށް ކިޔަމަންތެރިވުމަކީ، އެ ކަނބަލުންގެ ދަރަޖަ މަތިވެރިވާނޭ ކަމެއްކަމަށާއި އެ ކަމުގެ ސަބަބުން، ޢާއިލީ ގުޅުން ބަދަހިވެ، ގެވެށިއަނިޔާއަށް އޮންނަ ފުރުޞަތު ހަނިވާނެކަމަށް ޚުޠުބާގައި ވަނީ ވިދާޅުވެފައެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ ގެވެށިއަނިޔާގެ ސަބަބުން، އިޖުތިމާޢީ ފޭރާން ހަލާކުވެ، މުޖުތަމަޢު ވިއްސިވިހާލިވާ ތަން ބަލާން ތިބެގެންނުވާނެކަމަށް ގޮވާލައްވާފައެވެ. އަދި މުޖުތަމަޢުގެ އެކުވެރިކަމާއި، އެއްބާރުލުން ނެތިގެންދިޔުމާމެދު ވިސްނައި ފިޔަވަޅު އަޅާ ގެވެށިއަނިޔާގެ ހުރިހާ ބާވަތަކުން ދުރުހެލިވުމަށް، އެންމެހާ ބޭފުޅުންނަށް ވަނީ ނަސޭހަތްތެރިވެފައެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވީ، ދެމަފިރީންވެސް މާތް ﷲ ކަނޑައަޅުއްވައިފައިވާ ޙުދޫދުގެ ތެރޭގައި ތިބޭންޖެހޭނެކަން އަބަދުވެސް ހަނދާން ބަހައްޓަންވާނެކަމަށެވެ އަދި އަނބީން ފިރީންނަށް ކިޔަމަންތެރިވެ، އަމާނާތްތެރިވާން ޖެހޭނޭކަމާއި، އަދި ފިރީންވެސް އަނބީންނަށް އޯގާތެރިވެ އެހީތެރިވާން ޖެހޭނެކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.