ޚަބަރު

ސީއޭ މޯލްޑިވްސަށް ސީއޭޕީގެ މެންބަރުކަން ލިބިއްޖެ


  • މިއީ ސީއޭ މޯލްޑިވްސަށް ބައިނަލްއަޤްވާމީ ގޮތުން ލިބުނު ކުރިއެރުމެއް

  • ސީއޭޕީއަކީ އައިފެކްއިން ކަނޑައާޅަފައިވާ ބައިނަލްއަޤްވާމީ ޖަމާޢަތެއް

އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް، ސީއޭ މޯލްޑިވްސްއަށް ކޮންފެޑެރޭޝަން އޮފް އޭޝިއަން އެންޑް ޕެސިފިކް އެކައުންޓަންޓްސް، ސީއޭޕީގެ މެންބަރުކަން ލިބިއްޖެއެވެ. މިއީ، ރާއްޖޭގެ އެކައުންޓެންސީ ދާއިރާ ރެގިއުލޭޓްކުރާ އިދާރާގެ ހައިސިއްޔަތުން ސީއޭ މޯލްޑިވްސްއަށް ބައިނަލްއަޤުވާމީ ގޮތުން ލިބިފައިވާ ކުރިއެރުންތަކަށް އިތުރުވި ބޮޅެއްކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ސީއޭޕީއޭއަކީ، އޭސިއާ ޕެސިފިކް ސަރަހައްދުގެ ސަރަހައްދީ ޖަމާއަތުގެ ގޮތުގައި ދުނިޔޭގެ އެކައުންޓިންގެ މައި އިދާރާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓްސް، އައިފެކްއިން ކަނޑައަޅާފައިވާ ޖަމާއަތެކެވެ. އެ ޖަމާއަތުގެ މެންބަރުންގެ ތެރޭގައި އޮސްޓްރޭލިއާ، ނިއުޒިލޭންޑް، ޗައިނާ، އިންޑިއާ، ޖަޕާން، ދެކުނު ކޮރެއާ އަދި ކެނެޑާ ފަދަ ޤައުމުތަކުގެ އެކައުންޓެންސީ އިދާރާތައް ހިމެނެއެވެ.

ދުނިޔޭގެ 143 އަށްވުރެ ގިނަ ޤައުމުގެ 188 ޕްރޮޕެޝަނަލް އެކައުންޓަންސީ އިދާރާތަކުގެ މައްޗަށް އެކުލެވޭ ދުނިޔޭގެ އެކައުންޓަންސީގެ މައި އިދާރާ އިންޓަނޭޝަނަލް ޕެޑެރޭޝަން އޮފް އެކައުންޓަންޓްސް، އައިފެކްގެ މެންބަރެއްގެ ހައިސިއްޔަތުން އެ އިދާރާގައި ރާއްޖެ ތަމްސީލުކުރަނީ ސީއޭ މޯލްޑިވްސްއިންނެވެ. ސީއޭ މޯލްޑިވްސްއަކީ، އޭޝިއަން - އޯޝެނިއަން ސްޓޭންޑަރޑް ސެޓަރސް ގްރޫޕް (އޭއޯއެސްއެސްޖީ)އާއި ސައުތު އޭޝިއަން ޕެޑެރޭޝަން އޮފް އެކައުންޓަންޓްސް، ސަފާ ގެވެސް މެންބަރެކެވެ. އަދި ވަކިވަކި ޤައުމުތަކުގެ އެކައުންޓަންސީ ބޮޑީތަކާއިއެކު ހެދިފައިވާ އެމްއޯޔޫތަކުގެ ތެރެއިން އިތުރު ޕާޓްނަރޝިޕްތައްވެސް ސީއޭ މޯލްޑިވްސްއިން ހަދާފައިވެއެވެ.

މިފަދަ ބައިނަލްއަޤުވާމީ ޕާޓްނަރޝިޕްތަކުގެ ސަބަބުން ސީއޭ މޯލްޑިވްސްގެ ބައިނަލްއަޤުވާމީ ސްޓޭންޑިންގ ވަރުގަދަވެ، ރާއްޖޭގެ އެކައުންޓަންސީ އަދި އޮޑިޓިންގ ދާއިރާ މިހާރަށްވުރެ ތަރައްޤީކުރަން ފުރުސަތުތައް ފަހިވެގެންދާނެކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.