ޚަބަރު

ލުބްނާން-ސޫރިޔާ ގުޅޭ ސަރަޙައްދީ ހުރަހަށް ޔަހޫދީ ފައުޖުން ބޮންއަޅައިފި


ލުބްނާނާއި ސޫރިޔާ ގުޅޭ މުޞައްނަޢާ ސަރަޙައްދީ ހުރަހަށް ޔަހޫދީ ފައުޖުން ބޮންއަޅައިފިއެވެ. އެއީ, ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުން ސަލާމަތްވުމަށް, އެތައް ސަތޭކަ ހާސް ބަޔަކު ސޫރިޔާއަށް ހިޖުރަކުރަން ބޭނުން ކުރާ މަގެކެވެ. ލުބްނާންގެ ދަތުރުފަތުރާ ބެހޭ ވަޒީރު ޢަލީ ޙުމިއްޔާ ވިދާޅުވީ, ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުން ސަލާމަތްވުމަށް ސޫރިޔާއަށް ހިޖުރަ ކުރަން މަސައްކަތް ކުރަމުންދާ މީހުންނަށް ޔަހޫދީ ފައުޖުން ހުރަސް އަޅާފައިވާ ކަމުގައެވެ.

ޔަހޫދީ އަސްކަރިއްޔާގެ ވައިގެ ޙަމަލާތަކުގައި ސަރަޙައްދީ ހުރަސް އޮންނަ ސަރަޙައްދުގައި 12 ފޫޓުގެ ފުން ވަޅުގަނޑެއް ހެދިފައިވާ ކަމުގައި ވެސް ޙުމިއްޔާ ވިދާޅުވިއެވެ. ޔަހޫދީ ފައުޖުން ބުނީ, ލުބްނާނަށް ހަތިޔާރު އެތެރެ ކުރަން އެ ޤައުމުގެ މުޖާހިދުންގެ ޖަމުޢިއްޔާ, ޙިޒްބުاللهން މުޞައްނަޢާ ސަރަޙައްދީ ރޮނގު ބޭނުން ކުރާ ކަމުގައެވެ. ނަމަވެސް, އެ ތުހުމަތަށް ބާރުދޭނެ އެއްވެސް ހެއްކެއް ދައްކާފައެއް ނެތެވެ.

ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ފައުޖުން ލުބްނާންގެ ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތަކެއް ފަށާފައި ވަނީ ސެޕްޓެންބަރު 23ވަނަ ދުވަހުއެވެ. ޔަހޫދީންގެ ނިރުބަވެރި ޢުދުވާނީ ޙަމަލާތަކުން ސަލާމަތްވުމަށް ފާއިތުވިި 10 ވަރަކަށް ދުވަހުގެ ތެރޭގައި 300,000އެއްހާ މީހުން ސޫރިޔާއަށް ހިޖުރަ ކޮށްފައިވާ ކަމުގައި ލުބްނާންގެ ސަރުކާރުން ބުންޏެވެ. އޭގެ ތެރޭގައި ގިނައީ ލުބްނާންގައި ދިރިއުޅޭ ސޫރިޔާގެ ރެފިއުޖީންނެވެ.

ފަލަސްޠީނާއި ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޤަތުލުޢާންމުތަކާ ގުޅިގެން މެދުއިރުމަތީގައި ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. އަދި, މި ހަނގުރާމައިގެ ތެރެއަށް މެދުއިރުމަތީގެ ބޮޑު ބާރެއް ކަމުގައިވާ އީރާން ވައްދަން އަނިޔާވެރި ނަތަންޔާހޫ ދަނީ މަސައްކަތް ކުރަމުންނެވެ. އެއިރުން ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭން އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާއިން އީރާނާ ދެކޮޅަށް ތެެދުވާނެއެވެ.

މަސްރަޙު އިތުރަށް ހޫނުވުމުގެ ކުރިން, ލުބްނާންގައި ތިބި ބޭރު ޤައުމުތަކުގެ ރައްޔިތުން އަނބުރާ ޤައުމަށް ގެންދަން އެ ޤައުމުތަކުން ވަނީ ފިޔަވަޅުތައް އަޅަން ފަށާފައެވެ. ލުބްނާންގައި ތިބި ބޭރު ޤައުމުތަކުގެ ރައްޔިތުން އެ ޤައުމުން ބާލަން އެއްވެސް ޤައުމަކުން އަސްކަރީ އޮޕަރޭޝަނެއް ފަށާފައި ނެތް ނަމަވެސް, ޗާޓަރު އުދުހުންތައް މެދުވެރިކޮށް ލުބްނާނުން ފައިބަން ޤައުމުތަކުން ވަނީ އެ ޤައުމުގެތަކުގެ ރައްޔިތުންނަށް އިރުޝާދު ދީފައެވެ.

ފަލަސްޠީނާއި ލުބްނާންގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ލާއިންސާނީ ޖަރީމާތަކެއް ހިންގަމުން ދިޔަ ނަމަވެސް މެދުއިރުމަތީގައި ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ފެށިގެން ދިޔުމުގެ ފުރުޞަތު ކުޑަ ކަމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވިއެވެ. އެ ފަދަ ހާލަތެއް މެދުވެރިވިޔަ ނުދިނުމަށް މަސައްކަތް ކުރައްވަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އޮކްޓޫބަރު 1ވަނަ ދުވަހު އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން ޔަހޫދީ ފައުޖުގެ އަމާޒުތަކަށް 180އެއްހާ ބެލިސްޓިކް މިސައިލް ބޭނުން ކޮށްގެން ވަރުގަދަ ޙަމަލާތަކެއް ދިނެވެ. އަދި, ޔަހޫދީން މި ވަގުތު ދަނީ ބަދަލު ހިފުމުގެ ގޮތުން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދިނުމަށް ތައްޔާރުވަމުންނެވެ.

ލުބްނާނަށް ދެމުންދާ ޙަމަލާތައް 21 ދުވަހުގެ މުއްދަތަކަށް މެދުކަނޑައިލަން އެމެރިކާގެ އިތުރުން ވިލާތުގެ އިއްތިޙާދު (އީޔޫ)އާއި ބައެއް ޢަރަބި ޤައުމުތަކުން ގޮވައިލުމުން ޔަހޫދީން ވަނީ އެ ކަމަށް އިންކާރު ކޮށްފައެވެ. އަދި, ބަދަލު ހިފުމުގެ ގޮތުން އީރާނުގެ ތެޔޮ ވަޅުތަކާއި ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް ޙަމަލާ ދިނުމުގެ ފުރުޞަތު އޮތް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ބައިޑަން ވިދާޅުވީ, އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ކާރުޚާނާތަކަށް ޙަމަލާ ދިނުމާ އޭނާ ދެކޮޅު ކަމުގައެވެ.

އައިއާރްޖީސީން ޔަހޫދީ ފައުޖުގެ އަމާޒުތަކަށް ނުރައްކާތެރި ޙަމަލާތަކެއް ދީފައި ވަނީ, ފަލަސްޠީނާއި ލުބްނާންގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާއި ޖަރީމާތަކާ ގުޅިގެންނެވެ. އަދި, ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުاللهއާއި, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ކުރީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާގެ އިތުރުން އައިއާރްޖީސީގެ ކޮމާންޑަރުގެ ނައިބު ޢަައްބާސް ނިލްފުރޫޝާން ޝަހީދު ކޮށްލުމުން, އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.

ލުބްނާނަށް ދެމުންދާ ޙަމަލާތަކުގެ ރައްދުގައި ޙިޒްބުاللهން ވެސް ދަނީ ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް އަމާޒު ކުރަމުންނެވެ. އޮކްޓޫބަރު 3ވަނަ ދުވަހު ޙިޒްބުاللهން ވަނީ ޔަހޫދީންގެ މުހިންމު ރަށެއް ކަމުގައިވާ ޚައިފާގައި ހުންނަ ދެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް 230 ރޮކެޓު ޙަމަލާ ދީފައެވެ. އަދި, ލުބްނާންގެ ދެކުނުގެ ރަށްތަކަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިންނަށް ޙަމަލާތަކެއްދީ, އޭގެ ތެރެއިން 17 މީހުން މަރައިލާފައެވެ.

ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ލުބްނާންގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 2,000އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނޭ ކަން ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 9,000އަށް އަރައެވެ. ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ 37 މީހުން ޝަހީދު ކޮށްލައި, އިތުރު 151 މީހުން ޒަޚަމު ކޮށްލާފައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.2 މިލިޔަނަށް އުފުލިފައިވާ ކަމުގައި ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ.

2023 އޮކްޓޫބަރު 7ން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 41,788އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 96,794އަށް މީހުން ޒަޚަމު ކޮށްލާފައެވެ.