ރިޕޯޓް

ރާއްޖެ އިސްލާމްވުން: އިންޤިލާބީ ގޮތުން އައި ބޮޑު ބަދަލެއް!


  • އިސްލާމްދީނުގެ މަތިވެރި ނިޢުމަތް ދިވެހިންނާ ހަމައަށް ފޯރާފައިވަނީ ހިޖުރައިން 6 ވަނަ ޤަރުނުގެ ކުރީކޮޅުގައި

މި ދުނިޔެމަތީގައި ލިބޭނެ އެންމެ މަތިވެރި ނަސީބަކީ، ނިޢުމަތަކީ އިސްލާމީ ޙިދާޔަތުގެ އަލި ނޫރެވެ. ކޮންމެ ބަޔަކުވެސް އެދޭނީ ޖާހިލުކަމާޢި، ޢާފިލުކަފިލުކަމުގެ ނިދިން އުއްމަތް ހޭއަރާ ތަހުޒީބަށް ލޯހުޅުވިފައިވާ ބަޔަކަށްވުމެވެ. މީގެ އެތައް ސަތޭކަ އަހަރުކުރިން މި މަތިވެރި ނަސީބުވަނީ ދިވެހިންނަށް ލިބިފައެވެ. މިއީ ރާއްޖޭގެ ހަޔާތަށްވެސް މީހުންގެ ފިކުރާއި ވިސްނުމަށް އައި ބޮޑު އިންޤިލާބެއް އަދި ނިޒާމަށް ވެސް އައި ބޮޑު އިންޤިލާބެކެވެ. ސިޔާސީ ގޮތުންނާއި އިޤްތިސާދީ ގޮތުންވެސް މީހުންގެ ވިސްނުމަށްވެސް މިކަމުގެ ސަބަބުން ބަދަލު އައެވެ. އަދި ދިވެހިންގެ އެ އިންޤިލާބީ ބަދަލުގައި ސާބިތުކަމާއެކު ދެމިހުރުމުން ދައްކުވައިދެނީ މި ބަދަލުގެ ފުރިހަމަ ކަމެވެ.

އިސްލާމްދީނުގެ މަތިވެރި ނިޢުމަތް ދިވެހިންނާ ހަމައަށް ފޯރާފައިވަނީ ހިޖުރައިން 6 ވަނަ ޤަރުނުގެ ކުރީކޮޅެވެ. އެއީ މީލާދީން 12 ވަނަ ޤަރުނުގެ ކުރީކޮޅެވެ. ތާރީޚުން އެނގެން އޮތް ގޮތުގައި ރަސްމީގޮތުން ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ބެލެވެނީ ދިވެހިރާއްޖޭގެ އެއިރުގެ ރަދުން އިސްލާމް ދީނަށް ވެދެވަޑައިގަތް ދުވަހެވެ. މިދުވަސް ރާއްޖޭގައި އަންނަނީ ފާހަގަކުރައްވަމުންނެވެ.

ރާއްޖެ އިސްލާމްވި ދުވަހަކީ ރާއްޖޭގެ ތާރީޚް ބަދަލުކޮށްލި ދުވަހެކެވެ. މި ދުވަހަކީ ދިވެހި ކާބަފައިންގެ އުޅުމާއި ގުޅުމާއި އާދަކާދަ ބަދަލުކޮށްލެއްވި ދުވަހެކެވެ. ދިވެހިންނަށް ލިބިފައި މިވާ ތަރައްޤީއާއި ކުރިއެރުމާއި ތަހުޒީބާ މި ހަޟާރާތަކީ އިޞްލާމްދީން އައުމާ ގުޅިގެން ދިވެހި ދައުލަތަށް ލިބިގެންދިޔަ ކުރިއެރުމާ ކާމިޔާބީއެކެވެ.

ދިވެހި ތާރީޚްގެ ލިޔުންތަކުން އެނގޭގޮތުގައި އަދި ދިވެހި ދައުލަތް ރަސްމީގޮތުން ޤަބޫލުކުރައްވާ ގޮތުގައި ރާއްޖެ އިސްލާމްވީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލްއާޚިރު މަހުގެ ތެރޭގައެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ދިވެހި ދައުލަތުން މިދުވަސް ފާހަގަކުރައްވަން އެންމެ ފުރަތަމަ ފެއްޓެވީ ހިޖުރައިން 1374 ވަނަ އަހަރެވެ. އެ އަހަރުން ފެށިގެން 1387 ގެ ނިޔަލަށް 14 އަހަރު މި ދުވަސް ފާހަގަ ކުރެއްވުމަށްފަހު އޭގެ ފަހުން އެ ދުވަސް ފާހަގަކުރެއްވުން ވަނީ ހުއްޓަވާލައްވާފައެވެ. އެއަށްފަހު އަނެއްކާވެސް 1421 ވަނަ އަހަރުން ފެށިގެން ރާއްޖެ އިސްލާމްވި ދުވަސް ދަނީ ފާހަގަކުރައްވަމުންނެވެ.

ތާރީޚުން އެނގޭ ގޮތުގައި ރާއްޖެ އިސްލާމްވީ މަޣުރިބުކަރައިގެ އިލްމުވެރިއެއްގެ އަތްޕުޅު މައްޗަށް ކަމަށް ރަސްމީ ގޮތުން ވަނީ ކަނޑައަޅުއްވާފައެވެ. އެ ޢިލްމުވެރިޔާގެ ނަންފުޅަކީ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީ އެވެ. އޭރު ރާއްޖޭގެ ރަސްކަމުގައި ހުންނެވީ ސްރީތިރިބުވަނަ އާދީއްތިޔަ މަހާރަދުންނެވެ. މި ރަސްގެފާނު އިސްލާމްވެ ވަޑައިގަތުމުން ނަންފުޅަކަށް ވީ އައްސުލްޠާން މުޙައްމަދު ބުނި ޢަބްދިﷲ ސިރީބަވަނާދީއްތަ މަހާރަދުންނަށެވެ. މި ރަދުންނަށް ދިވެހިން ވަނީ ދަރުމަވަންތަ މަހާރަދުންގެ ނަންފުޅުން ނަންދީފައެވެ. މިއީ ހުރިހާ ގޮތަކުންވެސް ރާއްޖެއަށް އަގުހުރި ދަރުމަވަންތަ ޚިދުމަތްތަކެއް ކުރެއްވި ރަސްކަލެކެވެ.

ރާއްޖެ އިސްލާމްވިތާ ހިޖުރީ ގޮތުން 898 އަހަރު ފާއިތުވެގެންދާއިރު ދިވެހިރާއްޖެ ކުޑަކުޑަ އާބާދީއެއްގެ ގޮތުގައި، ކުދިކުދި ރަށްތަކެއްގައި، ޤައުމުގެ އެކިކަންކޮޅުތަކުގައި މިނިވަންކަމާއި އަމާންކަމާއިއެކު އޮތުމުގެ އެއް ސަބަބަކީވެސް އިސްލާމް ދީނެވެ. މީގެ އިތުރަށް ދިވެހިންގެ ކިބައިގައި ހުރި ގިނަ ރިވެތި ސިފަތަކާއި އާދަކާދަތަކާއި އިޖްތިމާޢީ އަގުތަކުގެ އެއްސަބަބަކީވެސް އިސްލާމް ދީންކަމަށް ދިވެހިން ޤަބޫލުކުރެއެވެ.ދިވެހިރާއްޖެއަށް އިސްލާމްދީން ނޫން ދީނެއް ނުވަތަ ދީންތައް ތަޢާރުފް ކުރަންޖެހޭނެ ކަމަށް އެހެން ފަރާތްތަކުން ގޮވާލާ ކޮންމެ ގޮވާލުމަކަށް ދިވެހިން އަންނަނީ ވަރަށް ސާބިތުކަމާއެކު ނޫނެކޭ ބުނަމުންނެވެ. އަދި އެކަން ދަމަހައްޓަމުންނެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަމުންދާއިރު ވިސްނާލަންޖެހޭ ގިނަކަންތައްތަކެއް އެބަހުއްޓެވެ. އިސްލާމީ ޢަޤީދާ ޒުވާނުންނާއި ކުޑަކުދިންނާއި އަދި ބޮޑެތި މީހުންގެ ހިތްތަކުގައި ވެސް ވަރުގަދަކުރަން އެބަޖެހެއެވެ. ދީނީ ލޯބިވަރުގަދަ ކުރަންޖެއެވެ. އިސްލާމީ ވަންތަކަން ކުރިއަށްނެރެ އެއްބައެއްވަންތަކަން މުޅިދުނިޔެއަށް ހާމަކުރަންޖެހެއެވެ. އިސްލާމީ ތަރުބިއްޔަތުގެ މަތީގެ ކުދިން ތަރުބީއްތު ކުރަން އެބަޖެހެއެވެ. މިކަމަކީ އަޅުގަނޑުމެންގެ އެންމެންގެ ބޮލުގައިވެސް އެޅިފައިވާ ޒިންމާއެކެވެ. މި ޒިންމާ ފުރިހަމައަށް އަދާކޮށްގެން، އިސްލާމްދީން ދެކެ ލޯބިވާ ޖީލުތައް އާލާކުރަން އެބަޖެހެއެވެ.