ޚަބަރު

ހުޅުމާލޭގެ 2 އެކޮމޮޑޭޝަން ބްލޮކެއް ފާސްކޮށް، 8 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް


  • ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް މާލެ ސަރަހައްދުގައި އޮޕަރޭޝަންތައް ދަނީ ހިންގަމުން

ހުޅުމާލޭގެ ދެ އެކޮމޮޑޭޝަން ބްލޮކެއް ފާސްކޮށް، 8 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މާލެ ސަރަޙައްދުގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޙަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ޚާއްސަ ހަރަކާތެއް މޯލްޑިވްސް އިމިގްރޭޝަނުން ދަނީ ހިންގަމުންނެވެ. އެގޮތުން، ހުޅުމާލޭގެ އެކޮމޮޑޭޝަންތައް ބަލައި ފާސްކުރުމުގެ ހަރަކާތެއް ބުރާސްފަތި ދުވަހު އެ އިދާރާއިން ވަނީ ކުރިއަށްގެންގޮސްފައެވެ.

ހުޅުމާލޭގައި ބިދޭސީން ދިރިއުޅެމުން އަންނަ އެކޮމޮޑޭޝަންތައް ބަލައި، ފާސްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނުގައި 2 ތަނެއް ބަލައި ފާސްކުރުމަށްފަހު 8 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. މި އޮޕަރޭޝަނުގައި އަލަށް އިމިގްރޭޝަނަށް ވަންނަ އޮފިސަރުންނަށް ދޭ ހާއްސަ ތަމްރީނުގެ ދަށުން "އިމިގްރޭޝަން އޮފިސަރ ޓްރެއިނީސް" ބައިވެރިވި ކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް އިމިގްރޭޝަނުން ވަނީ މިދިޔަ މަހު ހުޅުމާލޭގެ ދެ ފިޔަވަހީގައި މާސް އިންސްޕެކްޝަނެއްވެސް ކުރިއަށްގެންގޮސްފައެވެ. މި ހަރަކާތުގައި 314 ތަނެއް ބަލައި ފާސްކޮށް 28 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

މާލެ ސަރަހައްދުގައި ހިންގާ މި އޮޕަރޭޝަންތަކަކީ އިމިގްރޭޝަނުން ސިލްސިލާކޮށް ހިންގާ އޮޕަރޭޝަންތަކެވެ. އެގޮތުން، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ހިންގާ އޮޕަރޭޝަނުގެ އިތުރުން އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް ޚާއްސަ އޮޕަރޭޝަނަކާއި ބިދޭސީން ދިރިއުޅޭ ތަންތަން ބަލައި ފާސްކުރުމުގެ އޮޕަރޭޝަންވެސް އިމިގްރޭޝަނުން އަންނަނީ ހިންގަމުންނެވެ.

އިމިގްރޭޝަނުން ހިންގި އެކި އޮޕަރޭޝަންތަކުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށް ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުނު 4054 ބިދޭސީން ވަނީ އަނބުރާ އެ މީހެއްގެ ޤައުމަށް ފޮނުވާލާފައެވެ.

އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަހީދު ވިދާޅުވެފައިވާ ގޮތުގައި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށް ގެންދެވޭ މަސައްކަތުން ވަރަށް ރަނގަޅު ނަތީޖާއެއް ދަނީ ފެންނަމުންނެވެ. އަދި ސަރުކާރުގެ އަމާޒަކީ 3 އަހަރު ދުވަހުގެ ތެރޭގައި ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުން ކަމަށްވެސް ޝަމްޢާން ވިދާޅުވިއެވެ.