ޚަބަރު

އައު ކުޅުންތެރިންނަށް ވަގުތު ބޭނުންވާނެ, ކެތްތެރިވޭ: ޓެން ހާގް


އަލަށް ގުޅުނު ކުޅުންތެރިންނާއި އަދި ޒުވާން ކުޅުންތެރިންނަށް އިތުރު ވަގުތު ބޭނުންވާ ކަމަށް ބުނެ ސަޕޯޓަރުން ކެތްތެރިވުމަށް, މި ސީޒަނުގައި އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވާތީ ފާޑުކިއުންތައް އަމާޒުވެފައިވާ މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ.

ޔުއެފާ ޔޫރޮޕާ ލީގުގައި ޕޯޗުގަލްގެ ޕޯޓޯ އާއި ދެކޮޅަށް ކުޅުނު މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުވި މެޗަށްފަހު ވާހަކަ ދައްކަމުން ޓެން ހާގް ބުނެފައިވަނީ އޭނާ އެ ކްލަބަށް އާ މުވައްޒަފުންތަކެއް ގެނެސްފައިވާ ކަމަށާއި އެ މީހުން ކްލަބަށް ހޭނުމަށް ވަގުތު ބޭނުންވާނެ ކަމަށެވެ.

ޓެން ހާގް އިތުރަށް ބުނެފައިވަނީ މި ސީޒަނުގައި އެ ކްލަބާއި އަލަށް ގުޅުނު މެނުއަލް އުގާޓޭ އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި، ނަމަވެސް އޭނާއަށްވެސް ވަގުތު ބޭނުންވާނެ ކަމަށެވެ. އަދި ޕްރޮފެޝަނަލް ކުޅުންތެރިންނަށް އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށާއި، ނަމަވެސް ކްލަބަކާ އަލަށް ގުޅުމަށްފަހު އޭނާގެ އަސްލު ކުޅުން ފުރަތަމަ މެޗުގައި ދެއްކުމަކީ އުންމީދު ކުރަންވާނެ ކަމެއް ނޫން ކަމަށްވެސް ޓެން ހާގް ވަނީ ބުނެފައެވެ.

މި ސީޒަނުގައި ޔުނައިޓެޑަށް އެދެވޭ ނަތީޖާ ތަކެއް ހޯދިފައިނުވާއިރު، އެ ޓީމުން ދައްކަމުންދާ ދަށް ކުޅުމަށްވެސް ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ. މި ސީޒަނުގައި މިހާތަނަށް ލީގުގައި އެ ޓީމު ކުޅުން ހަ މެޗުން އެ ޓީމު އޮތީ 7 ޕޮއިންޓާއެކު ތާވަލުގެ 13 ވަނައިގަ އެވެ. މިއީ 87-1986 ގެ ސީޒަނަށްފަހު ޔުނައިޓެޑުން އެންމެ ދަށް ނަތީޖާތަކެއް ލީގުގެ ފުރަތަމަ ހަ މެޗުގައި ހޯދިފައިވާ ފަހަރެވެ.

އަދި އިނގިރޭސި ޕްރިމިއަރ ލީގުގައި މާދަމާ އެސްޓަން ވިލާއާ ދެކޮޅަށް ނިކުންނައިރު، އެސްޓަން ވިލާއިން ވަނީ މިދިޔަ ހަފްތާގައި ޔުއެފާ ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއަކުން ބަޔާން މިއުނިކް ބަލިކޮށްފައެވެ.