ޚަބަރު

ދިވެހިންގެ ދިރިއުޅުމުގެ ހަޤީގަތާއި އަސާސްތައް ފެށިގެން އަންނަނީ އިސްލާމްދީނުން: ވަޒީރު ނަޞީރު


  • ރާއްޖެ އިސްލާމުވުމަކީ ރާއްޖެއަށް ލިބިގެންދިޔަ ވަރަށް ބޮޑު ނިޢުމަތަކާއި ނަސީބެއް ކަމަށް ވިދާޅުވި

ދިވެހިންގެ ދިރިއުޅުމުގެ އަސާސްތައް ފެށިގެން އަންނަނީ މާތްވެގެންވާ އިސްލާމް ދީނުންކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު އާދަމް ނަޞީރު މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ބޭއްވެވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވީ ރާއްޖޭގެ ތާރީޙުގައި އެންމެ ބޮޑު އިންޤިލާބީ ބަދަލެއް އައި ދުވަހަކީ ރާއްޖެ އިސްލާމްވީ ދުވަސް ކަމަށެވެ. އަދި އެދުވަހަކީ ދިވެހިންގެ ދިރިއުޅުމުގެ ހުރިހާ ކަމެއް އެންމެ ރަނގަޅު މަގަށް އެނބުރިގެން ދިޔަ ދުވަސްކަމަށްވެސް ވަޒީރު އާދަމް ނަޞީރު ވިދާޅުވިއެވެ.

ވަޒީރު ފާހަގަކުރެއްވިގޮތުގައި ރާއްޖެ އިސްލާމުވުމަކީ ރާއްޖެއަށް ލިބިގެންދިޔަ ވަރަށް ބޮޑު ނިޢުމަތަކާއި ނަސީބެކެވެ.

"ރާއްޖޭގެ ތާރީޙަށް ބަލާއިރު، ރާއްޖޭގައި އިލްމުވެރިކަމެއް ލިޔެވިފައިވާ ފޮތްތެރިކަމެއް، ފެންނާން އޮތީ ރާއްޖެ އިސްލާމުވުމަށްފަހު،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އާދަމް ނަޞީރު ވިދާޅުވީ ދިވެހިންގެ ދިރިއުޅުމުގައި އެންމެ އިސްކަން ދެވޭ ކަމަކީ އިސްލާމްދީންކަމަށެވެ. އަދި ދިވެހިންގެ ބަސްކޮށާރުގައިވެސް ދީނާއި ގުޅިފައިވާ ހާއްސަ ބަސްތައް ހިމެނޭކަން ވަޒީރު ވިދާޅުވިއެވެ.

އިހުގައި ދިވެހިންގެ ދިރިއުޅުމުގެ އާދަކާދަތަކާއި އިސްލާމް ދީނާއި ގުޅިފައިވާ މިންވަރު ހާމަކުރައްވާ ވަޒީރު ވަނީ ބައެއް ކަންތައްތައް ހިއްސާކުރައްވާފައެވެ.

"ދިވެހި ފިލާ ހެދުމަށް މޫ ކަނޑާ އިރު، ގިބްލައާއި ދިމާއަށް ދުވެފައި ހުންނަ މޫ ކަނޑައިގެން، ގެއެއް އަޅާ އިރު، އެނދު އަށި ހަދަނީ ގިބްލައާއި ދިމާއަށް، އަދި މިސްކިތް އިމާރަތްކުރާއިރު،ވެސް ތަފާތު ކަންތައްތައް ހުރޭ، މިސްކިތް ހުންނަނީ ވަރަށް އުހުގައި،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ދިވެހިންގެ ދިރިއުޅުމުގައި އެންމެ އުހުގައި އޮތް ހަޤީގަތާއި، ހުރިހާ އަމަލުތަކާއި ހުރިހާ އަސާސްތައް ފެށިގެން އަންނަނީ އިސްމާލްދީނުން ކަމަށެވެ.

"އިސްމާލްދީނަކީ ދިވެހިންގެ ދިރިއުޅުމުގައި އެންމެ އުހުގައި އޮތް އެމީހުންގެ ދިރިއުޅުމުގެ އަސާސް ދިވެހިންގެ ވިސްނުމުގެ ހަޤީގަތް ގުޅިފައިވަނީ އިސްމާލްދީނާއި، ދިވެހިންގެ ދިރިއުޅުގެ އަސާސްތައް ފެށިގެން އަންނަނީ އިސްލާމްދީނުން،" ވަޒީރު ވިދާޅުވިއެވެ.

ރާއްޖެ އިސްމާލްވީ ފަހުން މިހާރު 800 އެތައް އަހަރެއް ވެފައިވާއިރު، ދިވެހި ތާރީޚްގެ ލިޔުންތަކުން އެނގޭގޮތުގައި އަދި ދިވެހި ދައުލަތް ރަސްމީގޮތުން ޤަބޫލުކުރައްވާ ގޮތުގައި ރާއްޖެ އިސްލާމްވީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލްއާޚިރުމަހުގެ ތެރޭގައެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ދިވެހި ދައުލަތުން މިދުވަސް ފާހަގަކުރައްވަން އެންމެ ފުރަތަމަ ފެއްޓެވީ ހިޖުރައިން 1374 ވަނަ އަހަރެވެ. އެ އަހަރުން ފެށިގެން 1387 ގެ ނިޔަލަށް 14 އަހަރު މި ދުވަސް ފާހަގަ ކުރެއްވުމަށްފަހު އޭގެ ފަހުން އެ ދުވަސް ފާހަގަކުރެއްވުން ވަނީ ހުއްޓަވާލައްވާފައެވެ. އެއަށްފަހު އަނެއްކާވެސް 1421 ވަނަ އަހަރުން ފެށިގެން ރާއްޖެ އިސްލާމްވި ދުވަސް ދަނީ ފާހަގަކުރައްވަމުންނެވެ.