ޚަބަރު

އެންއައިއީ ހަރުދަނާކޮށް މުދައްރިސުންނަށް ފަހި ފުރުޞަތުތަކެއް ހޯދައިދޭނަން: ވަޒީރު ޑރ. ޝަފީޢު


  • އެންމެ ބޮޑު ގޮންޖެހުމަކީ ޕްރައިމަރީ ޓީޗަރުން މަދުވުންކަން ވަޒީރު ފާހަގަކުރެއްވި

  • މިހާރު ޚިދުމަތުގައި ތިބި މުދައްރިސުންނަށް ބޭނުންވާ އެކި ހުނަރުތައް ފޯރުކޮށްދޭނެ

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން ހަރުދަނާކޮށް މުދައްރިސުންނަށް ފަހި ފުރުޞަތުތަކެއް ހޯދައިދިނުމަށް މަސައްކަތްކުރަމުންދާކަމަށް ތަޢުލީމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ މުދައްރިސުންގެ ދުވަހާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައެވެ.

ތަޢުލީމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީއު ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ މުދައްރިސުން މަދުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރައްވާނެކަމަށެވެ. އެގޮތުން މުދައްރިސުން ތަމްރީން ކުރުމުގެ ޕްރޮގްރާމަށް ބޭނުންވާ ދަރިވަރުން ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށާއި މިހާތަނަށް 130 ދަރިވަރުން މުދައްރިސުކަމަށް ޝައުގުވެރިވާކަން ފާހަގަކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުގެ ސްކޫލްތަކުގައި 10،000 އެއްހާ މުދައްރިސުން ހަރަކާތްތެރިވަމުން އަންނައިރު އެންމެ ބޮޑު ގޮންޖެހުމަކީ ޕްރައިމަރީ ކްލާސްތަކަށް ކިޔަވައިދޭ މުދައްރިސުންގެ އަދަދު މަދުވުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ދިވެހި އަދި އިސްލާމް މާއްދާ ކިޔަވައިދޭ މުދައްރިސުން މަދު. މި ޕްރޮގްރާމްގައި ލިބިފައިވާ ދަރިވަރުންގެ ތެރެއިން އެކަށީގެންވާ އަދަދެއް ޕްރައިމަރީ ޓީޗަރުންނަށް ޚާއްސަ ކުރެވިއްޖެނަމަ ކޮންމެވެސް ވަރެއްގެ ހައްލުތަކެއް އަންނާނެކަމަށް ޤަބޫލުކުރަން." ތައުލީމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވިއެވެ.

ޕްރިންސިޕަލުންނަށާއި މުދައްރިސުންނަށް ތަމްރީނާ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވާ ތަޢުލީމީ ވަޒީރު ވިދާޅުވީ، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން ހަރުދަނާކޮށް އެތަނުގެ މެންޑޭޓުގައި ހިމެނޭ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓްގެ ކަންތައްތައް ހަރުދަނާކޮށް މުދައްރިސުންނަށް ފަހި ފުރުޞަތުތަކެއް ފަހިކޮށްދިނުމަށް މަސައްކަތް ފަށާފައިވާކަމަށެވެ.

އެގޮތުން މިހާރު ޚިދުމަތުގައި ތިބި މުދައްރިސުންނަށް ބޭނުންވާ އެކި ހުނަރުތައް ފޯރުކޮށްދެވޭނެކަމަށާއި ދުރަށް ދަތުރުނުކޮށް ރަށުގައި ތިބެގެން ތަމްރީންވުމުގެ މާހައުލެއް ޤާއިމްކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި 1،800 އެއްހާ ބިދެސީ މުދައްރިސުން ތިއްބެވިކަން ފާހަގަކުރައްވާ ވަޒީރުވަނީ އެ އަދަދު މަދުކުރުމަށް މަސައްކަތްތަކެއް ކުރައްވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގައި މިވަގުތު ތިބި ބޭރު ޢަރަބި މުދައްރިސުންގެ ބަދަލުގައި ޢަރަބިން ކިޔަވައިދިނުމަށް ދިވެހި މުދައްރިސުން ތަމްރީން ކުރުމަށް އިސްކަމެއް ދެއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.