ޚަބަރު

ބައިރޫތުގައި ހުރި ޙިޒްބުاللهގެ ޖާސޫސީ މަރުކަޒަށް ބޮންއަޅައިފި


ލުބްނާންގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން ވެރިރަށް ބައިރޫތުގައި ހުންނަ ޙިޒްބުاللهގެ ޖާސޫސީ މައި މަރުކަޒަށް ބޮންއަޅައިފިއެވެ. ޙިޒްބުاللهއަކީ ލުބްނާންގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތެކެވެ. ލުބްނާންގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ފަށާފައި ވަނީ ސެޕްޓެންބަރު 23ވަނަ ދުވަހުއެވެ.

ޔަހޫދީ ފައުޖުން ބުނީ ޙިޒްބުاللهގެ ޖާސޫސީ މައި މަރުކަޒަށް ޙަމަލާ ދީފައި ވަނީ, ޙިޒްބުاللهގެ އިސް އޮފިޝަލެއް ކަމުގައިވާ ހާޝިމް ޞަފީއްދީން ޝަހީދު ކޮށްލުމަށް ކަމުގައެވެ. ސެޕްޓެންބަރު 28ވަނަ ދުވަހު ޔަހޫދީ ފައުޖުން ދިން ޙަމަލާތަކުގައި އެ ޖަމާޢަތުގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުالله ވަނީ ޝަހީދު ކޮށްލާފައެވެ. ނަޞްރުاللهގެ ބަދަލުގައި ޙިޒްބުالله ހިންގުމުގެ ކަންކަމާ ދެން ހަވާލުވެ ވަޑައިގަންނަވާނީ ޞަފީއްދީން ކަމަށް ބެލެވެއެވެ. އޭނާ ޝަހީދު ކޮށްލަން ދިން ޙަމަލާތައް ކާމިޔާބުވި ކަން ޙިޒްބުاللهން ކަށަވަރު ކޮށްދީފައެއް ނެތެވެ.

ނަޞްރުاللهގެ އިތުރުން ޔަހޫދީ ފައުޖުން ދާދި ފަހުން ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ކުރީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާއާއި އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ ކޮމާންޑަރުގެ ނައިބު ޢައްބާސް ނިލްފުރޫޝާން ހިމެނެއެވެ. ނިލްފުރޫޝާން ޝަހީދު ކޮށްލާފައި ވަނީ ސެޕްޓެންބަރު 28ވަނަ ދުވަހު ބައިރޫތަށް ދިން ޙަމަލާތަކުގައެވެ.

އެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ވަނީ ދިފާޢީ ފިޔަވަޅުތައް އަޅާފައެވެ. އަދި, ދިފާޢީ ފިޔަވަޅެއްގެ ގޮތުން ޒަޔަނިސްޓު ދައުލަތުގެ ރަށްތަކާއި ޔަހޫދީ ފައުޖުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ އަދި ނުރައްކާތެރި ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި 180އެއްހާ ބެލިސްޓިކް މިސައިލް ބޭނުން ކޮށްފައިވެއެވެ. ގިނަ މިސައިލްތައް އޭގެ އަމާޒަށް ވާސިލުވެފައިވާ ކަމުގައި އައިއާރްޖީސީން ބުނި ނަމަވެސް, ޔަހޫދީ ފައުޖުން ބުނީ މިސައިލްތައް ދިފާޢުކޮށްފައިވާނެ ކަމުގައެވެ.

ޔަހޫދީ ފައުޖުން މިހާރު ދަނީ ބަދަލު ހިފުމުގެ ގޮތުން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދިނުމަށް ތައްޔާރުވަމުންނެވެ. އެ ޙަމަލާތައް އެ ޤައުމުގެ ތެޔޮ ވަޅުތަކާއި ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް އަމާޒު ކުރާނެ ކަމަށް ބެލެވެއެވެ. މިއާ އެކު, ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ވަނީ އުފުލެއް ފަށާފައެވެ. އީރާނުން ހިންގާ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ބިނާ ކޮށްފައިވާ ކާރުޚާނާތަކަށް ވެސް ޔަހޫދީ ފައުޖުގެ ޙަމަލާތައް އަމާޒު ކުރާނެ ކަމަށް ބެލެވެއެވެ. ޔަހޫދީން އީރާނަށް އިތުރު ޙަމަލާތަކެއް ދީފި ނަމަ, މެދުއިރުމަތީގައި ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ފެށުމުގެ ފުރުޞަތު އިތުރަށް ބޮޑުވެގެން ދާނެއެވެ.

ބައިރޫތަށް ޔަހޫދީ ފައުޖުން އެންމެ ފަހުން ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ބުރްޖު އަލް-ބަރާޖީނަތާއި, އަލް-ޝުވަޔިފާތުގެ އިތުރުން ޙާރަތު ޙުރައްޔިކަށެވެ. އަދި, އޮކްޓޫބަރު 1ވަނަ ދުވަހު އެއްގަމު މަގުން ލުބްނާންގެ ދެކުނުގެ ސަރަޙައްދުތަކަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން އެ ސަރަޙައްދުގައި އޮތް އަލް-ޢުދަޔިސަތަށް އަތްގަދަ ކުރަން މަސައްކަތް ކުރަމުންދާ ކަމުގައި ޙިޒްބުاللهން ބުންޏެވެ.

ޔަހޫދީން އީރާނަށް ޙަމަލާ ދިނުމަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި, ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ, އީރާނުގެ ތެޔޮ ވަޅުތަކާއި ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް ޙަމަލާ ދިނުމާ އޭނާ ދެކޮޅު ހައްދަވާ ކަމުގައެވެ. ނޮވެންބަރު މަހު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވަން ޒަޔަނިސްޓުންގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަސައްކަތް ކުރަމުންދާ ކަމަށް ޤަބޫލު ކުރައްވަންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ބައިޑަން ވިދާޅުވީ "އޭނާ [ނަތަންުޔާހޫ] އެ ކަމަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި ނަމަވެސް އަޅުގަނޑު އެ ކަމަށް ބަރޯސާއެއް ނުވާނަން،" ކަމުގައެވެ. ތާރީޚުގައި ވެސް ޔަހޫދީންނަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދީފައި ވަނީ އޭނާގެ ސަރުކާރުން ކަމުގައި ވެސް ބައިޑަން ވިދާޅުވިއެވެ.

ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ލުބްނާންގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 2,000އަށް އުފުލިފައެވެ. އޭގެ ތެރޭގައި 127 ކުޑަކުދިންނާއި 261 އަންހެނުން ހިމެނޭ ކަމުގައި ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 9,000އަށް އަރައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.2 މިލިޔަނަށް އުފުލިފައިވާ ކަމުގައި ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ.

ޔަހޫދީ ފައުޖުގެ ލާއިންސާނީ ޤަތުލުޢާންމުގައި ގިނަ ޢަދަދެއްގެ ޢާންމުން ޝަހީދު ކޮށްލަމުންދާތީ އދގެ ތަރުޖަމާނު ސްޓިފަން ދުޖަރީކް ވަނީ އެ ކަމާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އެއީ, "އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ" ޖަރީމާތަކެއް ނޫން ކަމުގައި އޭނާ ވިދާޅުވިއެވެ. ޔަހޫދީން ބައިރޫތަށް ދެމުންދާ ޙަމަލާތަކުގައި އެމެރިކާގެ ރައްޔިތަކު ވެސް ވަނީ ޝަހީދު ކޮށްލާފައެވެ. ބައިރޫތަށް ދިން ވައިގެ ޙަމަލާތަކެއްގައި ކާމިލް އަޙްމަދު ޖަވާދު ޝަހީދު ކޮށްލުމުން އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މެތިޔު މިލަރ ވަނީ އެ ކަމާ މެދު ހައިރާން ކަން ފާޅު ކުރައްވާފައެވެ.

ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކަށް ރައްދު ދިނުމުގެ ގޮތުން ޙިޒްބުاللهން ވެސް ދަނީ ޔަހޫދީންނަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ. އޮކްޓޫބަރު 4ވަނަ ދުވަހު އެކަނިވެސް ޙިޒްބުاللهން ވަނީ ޔަހޫދީންގެ އަމާޒުތަކަށް 70އެއްހާ ރޮކެޓު ބޭނުން ކޮށްގެން ޙަމަލާ ދީފައެވެ. އަދި, ލުބްނާންގެ ދެކުނުގައިވާ ރަށްތަކަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިންނަށް އަމާޒުކޮށް ވެސް އެ ޖަމާޢަތުން ދަނީ ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ.