ޚަބަރު

ޔަހޫދީންގެ މަސްލަޙަތު ޙިމާޔަތް ކުރަން އެމެެރިކާއިން ޔަމަނަށް ބޮންއަޅަނީ


ޔަހޫދީންގެ މަސްލަޙަތު ޙިމާޔަތް ކޮށްދޭން ފޫގަޅައިގެން އޮތް އެމެރިކާއިން ޔަމަނަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފިއެވެ. އެމެރިކާއަކީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރެވެ. އަދި, ފަލަސްޠީނާއި ލުބްނާންގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ އެންމެ ބޮޑު ބައިވެރިޔާ, އަދި އެހީތެރިޔާއެެވެ. އެމެރިކާއިން ޔަމަނަށް އަނެއްކާ ވެސް ބޮން އަޅަން ފަށާފައި ވަނީ, ޔަމަންގައި ހަރަކާތްތެރިވާ ޙޫޘީ ޖަމާޢަތުން ޔަހޫދީންނާ ދެކޮޅަށް ހިންގަމުންދާ އަސްކަރީ ހަރަކާތްތައް ހުއްޓުވުމުގެ ނަމުގައެވެ.

މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންނާ ބެހޭ އަސްކަރީ އިދާރާ (ޔޫއެސް ސެންޓްކޮމު)ން ބުނީ, ޔަމަންގެ 15 ސަރަޙައްދަކަށް ވައިގެ ޙަމަލާތައް އަމާޒު ކޮށްފައިވާނެ ކަމުގައެވެ. މަންޒަރު ފެނުނު ޔަމަނުގެ ރައްޔިތުން ބުނީ, އެމެރިކާގެ ޙަމަލާތައް އަމާޒު ކޮށްފައިވާ ތަންތަނުގެ ތެރޭގައި އެ ޤައުމުގެ އަސްކަރީ މަރުކަޒުތަކާއި ވައިގެ ބަނދަރުތައް ހިމެނޭ ކަމުގައެވެ. ޔަމަނަށް ދީފައިވާ ޙަމަލާތަކާ ގުޅޭ އިތުރު ތަފުސީލު ސެންޓްކޮމުން ހާމަކޮށްފައެއް ނެތެވެ.

ޔަމަނުގެ ޙޫޘީން ޔަހޫދީންނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ފަށާފައި ވަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން މީގެ އަހަރެއްހާ ދުވަސް ކުރިން ލާއިންސާނީ ޢުދުވާނެއް ފެށުމާ ގުޅިގެންނެވެ. ޙޫޘީންގެ އަމާޒަކީ, ޢުދުވާން ހުއްޓައިލަން ޔަހޫދީންނަށް ބާރު އެޅުމެވެ. އަދި, ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޖަމާޢަތްތަކަށް ވާގިވެރިވުމެވެ.

ޙޫޘީންގެ އަސްކަރީ ހަރަކާތުގެ ދަށުން އެ ޖަމާޢަތުން ދަނީ ރަތް ކަނޑު ހުރަސްކޮށް ދަތުރުކުރާ އާގުބޯޓުފަހަރަށް ޙަމަލާ ދެމުންނެވެ. ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޔަހޫދީންނާއި ގުޅުން އޮތް, އަދި ޒަޔަނިސްޓު ދައުލަތަށް މުދާ އުފުލާ އާގުބޯޓުފަހަރަށެވެ. މީގެ އިތުރުން, ޔަހޫދީންގެ މަދަދުގާރުންގެ ތެރޭގައި ހިމެނޭ އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރީ މަނަވަރުތަކާއި, އެ ޤައުމުތަކާ ގުޅުން އޮތް އާގުބޯޓުފަހަރަށް ވެސް ޙޫޘީން ދަނީ ޙަމަލާތައް އަމާޒު ކުރަމުންނެވެ. ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޙޫޘީން 100އެއްހާ އުޅަނދަށް ޙަމަލާ ދީފައިވެއެވެ. އަދި, އެ ޙަމަަލާތަކުގައި ދެ އާގުބޯޓު ފައްތައިލާފައިވެއެވެ.

ޙޫޘީންގެ ސަރުކާރުގެ ދަޢުލަތުގެ މީޑިޔާ, އަލް-މަސީރަތު ޓީވީން ބުނީ ވެރިރަށް ޞަންޢާގެ އިތުރުން ބަނދަރުމަތީ ރަށެއް ކަމުގައިވާ އަލް-ޙުދަޔިދާގެ ވައިގެ ބަނދަރަށް ވެސް އެމެރިކާގެ ވައިގެ ޙަމަލާތައް އަމާޒު ކޮށްފައިވާ ކަމުގައެވެ. އަދި, ދެކުނުގައި އޮތް ޛިމާރާއި އިރުދެކުނުގައި އޮތް އަލް-ބަޔިޟާއަށް ވެސް ޙަމަލާ ދީފައިވާ ކަމުގައެވެ. ބަޔިޟާއުގެ ރައްޔިތުން ބުނީ, އެމެރިކާގެ ވައިގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޙޫޘީންގެ އަސްކަރީ މަރުކަޒުތަކަށް ކަމުގައެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ޔަމަނަށް ދީފައިވާ ވައިގެ ޙަމަލާތަކަކީ, ޔަހޫދީންގެ ލާއިންސާނީ ޖަރީމާތައް ކާމިޔާބު ނުވާތީ އެ ކަމާ "މާޔޫސްވެގެން" ދީފައިވާ ޙަމަލާތަކެއްގެ ގޮތުގައި ޙޫޘީންގެ ތަރުޖަމާނު ސިފަ ކުރިއެވެ. އަދި, އެ ފަދަ ޙަމަލާތަކާ ގުޅިގެން ޔަހޫދީންނާ ދެކޮޅަށް ފަށާފައިވާ އަސްކަރީ ހަރަކާތްތައް ހުއްޓައިނުލާނެ ކަމަށް ބުނެ, ޙޫޘީން ވަނީ އިންޒާރު ދީފައެވެ.

ޔަހޫދީންނާ ދެކޮޅަށް ޙޫޘީން އަސްކަރީ ހަރަކާތްތައް ފެށުމާ ގުޅިގެން ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭން އެމެރިކާއިން ވަނީ ތެދުވެފައެވެ. އަދި, ޔަހޫދީންގެ އާގުބޯޓުފަހަރަށް ރައްކާތެރިކަން ދިނުމުގެ ގޮތުން ރަތް ކަނޑުގެ ސަރަޙައްދަށް އަސްކަރީ މަނަވަރުތައް ފޮނުވާފައެވެ. ޔަމަންގެ ޢާންމުން ދިރިއުޅޭ ރަށްތަކަށް އެމެރިކާއިން ވައިގެ ޙަމަލާތައް ދޭން ފަށާފައި ވަނީ އިނގިރޭސިވިލާތުގެ އަސްކަރިއްޔާއާ ގުޅިގެންނެވެ.

ނަމަވެެސް, ޔަމަނަށް އެމެރިކާއިން އެންމެ ފަހުން ދީފައިވާ ޙަމަލާތަކުގައި އިނގިރޭސިވިލާތުގެ އަސްކަރިއްޔާއިން ބައިވެރިވެފައި ނުވާ ކަމުގައި އެ ޤައުމުން ބުންޏެވެ. ރަތް ކަނޑުގެ އިތުރުން މެޑިޓެރޭނިޔަން ކަނޑާއި, ޢަދަން ކަނޑު, އަދި އިންޑިޔާ ކަނޑުން ދަތުރު ކުރާ އުޅަނދުފަހަރަށް ވެސް ޙޫޘީންގެ ޙަމަލާތައް އަމާޒު ކޮށްފައިވެއެވެ. މިއާ އެކު, ކަނޑުމަގުން މުދާ އުފުލުގެ ވިޔަފާރިއަށް ދަނީ މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ. އަދި, ޤައުމުތަކުގެ އިޤުތިޞާދަށް އެ ކަމުގެ ނޭދެވޭ އަސަރުތައް ކުރަމުންނެވެ. ރަތް ކަނޑު ހުރަސް ކުރުމުގެ ބަދަލުގައި ކަނޑުމަގުން މުދާ އުފުލާ ކުންފުނިތަކުގެ އާގުބޯޓުފަހަރު ވަނީ, ވިލާތާއި އޭޝިޔާ ބައްރާ ދެމެދު ކުރާ ދަތުރުތަކުގައި އެފްރިކާ ބައްރުގެ ދެކުނު ތަނޑީގެ މަގު ބޭނުން ކުރަން ފަށާފައެވެ. އެއީ, ދިގު އަދި ޚަރަދު ބޮޑު ދަތުރެކެވެ.