ޚަބަރު

އިމްރާން ޚާނަށް ތާޢީދު ކުރާ މީހުންނާއި ފުލުހުންނާ ދެމެދު ބޮޑު ކުރިމަތިލުމެއް


ޕާކިސްތާނުގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލުމަށް އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ތާޢީދު ކުރާ މީހުުންނާއި އޭނާގެ ޕާކިސްތާން ތަހްރީކް އިންސާފު (ޕީޓީއައި) ޕާޓީގެ މެންބަރުން ފަށާފައިވާ މުޒާހަރާތައް ހުއްޓުވަން ފުލުހުން ބާރުގެ ބޭނުން ކުރަން ފަށައިފިއެވެ. ޕީޓީއައިގެ މެންބަރުން ވެރިރަށް އިސްލާމްއާބާދުގައި މުޒާހަރާ ކުރަން ރާވާފައި ވަނީ އެ ރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝަންގހާއީ ކޯޕޮރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ)ގެ ބައްދަލުވުމާ ދިމާކޮށެވެ. އޮކްޓޫބަރު 15ން 16އަށް ބާއްވާ އެ ބައްދަލުވުމުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ވެރިން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ޕީޓީއައިން މުޒާހަރާތައް ފަށާފައި ވަނީ, މެލޭޝިިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް އިސްލާމްއާބާދަށް ދަތުރުފުޅެއް ކުރައްވަމުން ގެންދެވި ދަނޑިވަޅެއްގައެވެ. މުޒާހަރާތަކަށް ހުރަސް އެޅުމުގެ ގޮތުން ޕާކިސްތާނުގެ ފުލުހުން ވަނީ އިސްލާމްއާބާދުގެ އިތުރުން އެ ރަށާ އިންވެގެންވާ ސަރަޙައްދުތަކުން މޮބައިލް ފޯނުގެ ޚިދުމަތްތައް ކަނޑައިލާފައެވެ. އަދި, އިސްލާމްއާބާދަށް އަރަން އޮތް މައި މަގުތަކުގައި ކޮންޓެއިނަރު ފަދަ ހުރަސްތައް ޖަހައި, މަގުތައް ބަންދުކޮށް, ޕީޓީއައިގެ މެންބަރުންނަށް ހުރަސް އަޅާފައެވެ.

ޕީޓީއައިގެ މެންބަރުންނާއި ޚާނަށް ތާޢީދު ކުރާ މީހުން މަސައްކަތް ކުރަމުން ދަނީ އިސްލާމްއާބާދުގައި ހުންނަ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ އިމާރާތް ކައިރީގައި އެއްވުމަށެވެ. އެ ކަމަށް ހިތްވަރު ދެއްވައި އެކްސްގައި ޝާއިޢު ކުރެއްވި ޕޯސްޓެއްގައި ޚާން ވިދާޅުވީ "މިއީ, މި ހަނގުރާމަ ކޮޅެއްގައި ޖައްސަން ޖެހިފައިވާ ވަގުތު" ކަމުގައެވެ. ނަމަވެސް, ފުލުހުން ވަނީ މުޒާހަރާތައް ހުއްޓުވަން ބާރުގެ ބޭނުން ކޮށްފައެވެ.

މުޒާހަރާތަކުގައި ބައިވެރިވާން އިސްލާމްއާބާދަށް ވަންނަން މަސައްކަތް ކުރަމުންދާ މީހުން ހުއްޓުވަން ފުލުހުން ދަނީ ކަރުނަ ގޭސް ފަދަ ހަތިޔާރު ބޭނުން ކުރަމުންނެވެ. މި ކުރިމަތިލުންތަކުގައި ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވެފައިވީ ނަމަވެސް, އަނިޔާވެފައިވާ މީހުންގެ ޢަދަދުތައް ސާފެއް ނޫނެވެ. މުޒާހަރާތައް ހުއްޓުވަން ފުލުހުން ކުރަމުންދާ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭން އެ ޤައުމުގެ އަސްކަރިއްޔާއިން ވެސް ވަނީ ސިފައިން ފޮނުވާފައެވެ.

ޕީޓީއައިން ބުނީ, މުޒާހަރާތައް ހުއްޓުވަން ފުލުހުން ކުރަމުންދާ މަސައްކަތުގެ ދަށުން ގިނަ ޢަދަދެއްގެ ބަޔަކު ހައްޔަރަށް ގެންގޮސްފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ޚާންގެ ޢާއިލާގެ މެންބަރުން ހިމެނޭ ކަމުގައި ވެސް އެ ޕާޓީން ބުންޏެވެ. މުޒާހަރާގެ ބައިވެރިންގެ ޑިމާންޑަކީ, 2023 އޮގަސްޓު މަހުން ފެށިގެން ޖަލުގައި ހުންނެވި ޚާން މިނިވަން ކުރުމެވެ. އަދި, ސަރުކާރު އިސްތިޢުފާ ދިނުމެވެ.

ޚާން އަދި ޕީޓީއައިން ޤަބޫލު ކުރާ ގޮތުގައި ބޮޑުވަޒީރު ޝެހްބާޒް ޝަރީފުގެ ސަރުކާރަކީ ޣައިރު ޤާނޫނީ ސަރުކާރެކެވެ. މި އަހަރުގެ ކުރީކޮޅު ޕާކިސްތާނުގައި ބޭއްވި ޢާންމު އިންތިޚާބުގައި ޤާނޫނު ހަދާ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައި ވަނީ ޕީޓީއައިއަށް ތާޢީދު ކުރާ ކެނޑިޑޭޓުންނެވެ. ނަމަވެސް, ސަރުކާރުގެ ފިއްތުންތަކާ ގުޅިގެން އޭގެ ތެރެއިން ގިނަ ބޭފުޅުން ވާދަ ކުރައްވާފައި ވަނީ މިނިވަން ކެނޑިޑޭޓުންގެ ގޮތުގައެވެ. އަދި, އެކަނި ސަރުކާރެއް އެކުލަވައިލެވޭ ވަރަށް އަޣުލަބިއްޔަތު ލިބިފައި ނެތުމުން ޝަރީފް ވަނީ ޕީޓީއައިގެ ބަރިވެރިވުމާ ނުލައި އިއްތިޙާދު ސަރުކާރެއް އެކުލަވައިލައްވާފައެވެ.

މި ކަންކަމާ ދެކޮޅަށް އަޑު އުފުލައި ޚިޔާލު ފާޅު ކުރުމަކީ ޕީޓީއައިއަށް ލިބިގެންވާ ޙައްޤެއް ކަމަށް ޕާކިސްތާނުގެ ދާޚިލީ ވަޒީރު މުޙުސިން ނަޤުވީ އެއްބަސްވެ ވަޑައިގަންނަވައެވެ. "އެއީ އެ މީހުންނަށް ލިބިގެންވާ ޙައްޤެއް, ނަމަވެސް މިއީ އެ ކަން ކުރަން އެންމެ މުނާސަބު ވަގުތެއް ނޫން،" އޭނާ ވިދާޅުވިއެވެ. އޭނާ އިޝާރާތް ކުރައްވާފައި އެ ވަނީ, އިސްލާމްއާބާދުގައި ބޭއްވުމުގެ ތައްޔާރީތައް ކުރަމުންދާ ބައިނަލްއަޤުވާމީ ސަމިޓަށެވެ.

އެ ސަމިޓުގައި އިންޑިޔާގެ ޚާރިޖީ ވަޒީރު ސުބްރަމަނިޔަމް ޖެއިޝަންކަރު ބައިވެރިވެ ވަޑައިގަންނަވާނެ ކަން އިޢުލާނު ކޮށްފައިވާއިރު, މިއީ ފާއިތުވި ދަހަރެއްހާ ދުވަހުގެ ތެރޭގައި އިންޑިޔާގެ ޚާރިޖީ ވަޒީރަކު ޕާކިސްތާނަށް ދަތުރުފުޅެއް ކުރައްވާ ފުރަތަމަ ފަހަރެވެ. މަޤުވީ ވިދާޅުވީ, އެސްސީއޯގެ ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް ސަޢޫދީ ޢަރަބިއްޔާގެ ވަފުދެއްގެ އިތުރުން ޗައިނާގެ ބޮޑުވަޒީރު ލީ ޗެންގ ވެސް އިސްލާމްއާބާދަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމުގައެވެ.

ޕީޓީއައިން ފަށާފައިވާ މުޒާހަރާތައް ހުއްޓުވުމުގެ ގޮތުން ފުލުހުން އިސްލާމްއާބާދުގެ އިތުރުން އެ ރަށާ އިންވެގެން އޮތް ރާވަލްޕިންޑީގައި ވެސް މޮބައިލް ފޯނުގެ ޚިދުމަތްތައް ވަނީ މެދުކަނޑައިލާފައެވެ. އަދި, ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް, އެ ދެ ރަށުގެ މަދަރުސާތައް ވެސް ވަނީ ވަގުތީ ގޮތުން ބަންދު ކޮށްފައެވެ.