ޚަބަރު

ވަގުތީ ހިޔާތައް ފުރި ލުބްނާންގެ ރައްޔިތުން ނިދަނީ މަގުތަކުގައި: އދ


ލުބްނާންގެ ވަގުތީ ހިޔާތައް ފުރުމާ ގުޅިގެން އެ ޤައުމުގެ ގިނަ ޢަދަދެއްގެ ރައްޔިތުން މަގުތަކުގެ މަތީގައި ނިދަން މަޖުބޫރުވެފައިވާ ކަން އދން ހާމަކޮށްފިއެވެ. އެ ޤައުމުގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން 1.2 މިލިޔަން މީހުންގެ ގެދޮރު ނެތިފައިވާ ކަމުގައި އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. ޔަހޫދީންގެ މެދުކެނޑުމެއް ނެތް ނިރުބަވެރި ޙަމަލާތަކާ ގުޅިގެން ވެރިރަށް ބައިރޫތުގެ އިތުރުން އެ ޤައުމުގެ ދެކުނުގެ ރަށްތަކުގައި ދިރިއުޅޭ އެތަކެއް ސަތޭކަ ހާސް ބަޔަކު ދަނީ އަމިއްލަ ވަޒަން ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދަތުރު ކުރަން މަސައްކަތް ކުރަމުންނެވެ.

ރެފިއުޖީންނާ ބެހޭ އދގެ އިދާރާގެ އިސް އޮފިޝަލެއް ކަމުގައިވާ ރޫލާ އަމީން ވިދާޅުވީ ލުބްނާންގެ އެކި ކަންކޮޅުތަކުގައި ބިނާ ކޮށްފައިވާ 900އެއްހާ ވަގުތީ ހިިޔާ ފުރި ބާރުވެފައިވާ ކަމުގައެވެ. އަދި, ޔަހޫދީންގެ ޙަމަލާތަކާ ގުޅިގެން އަމިއްލަ ވަޒަން ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައިވާ އެތަކެއް ސަތޭކަ ހާސް ބަޔަކަށް މަގުތަކާއި ޕާކުތަކުގައި ދިރިއުޅެން މަޖުބޫރުވެފައިވާ ކަމުގައެވެ.

"ލުބްނާންގެ ސަރުކާރުން ބަލަހައްޓާ 900އެއްހާ ވަގުތީ ހިޔާ މި ވަގުތު އޮތީ ފުރިފައި, އެ ތަންތަނުގައި އިތުރު މީހުންނަށް ޖާގައެއް ނެތް،" އަމީން ވިދާޅުވިއެވެ. ޕާކުތަކާއި މަގުތަކުގައި ދިރިއުޅެން މަޖުބޫރުވެފައިވާ ޢާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖައްސަން ލުބްނާންގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމުގައި އޭނާ ވިދާޅުވިއެވެ. މި ގޮތުން, ބައިރޫތުގައި ހުރި ބައެއް ހޮޓާތަކާއި ކުލަބުތައް ވަގުތީ ހިޔާތަކުގެ ގޮތުގައި ބޭނުން ކުރަން ފަށާފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

"މަގުތައް އޮތީ ތޮއްޖެހިފައި, އަދި މަގުތަކާއި ޕާކުތަކުގެ އިތުރުން ގޮނޑުދޮށުގައި ނިދަން ޢާންމުންނަށް ވަނީ މަޖުބޫރުވެފައި،" ލުބްނާންގައި ހުންނަ ހިޖުރަ ކުރާ މީހުންނާ ބެހޭ އދގެ އިދާރާ (އައިއޯއެމް)ގެ ވެރިޔާ މެތިއު ލޫޗިއާނޯ ވިދާޅުވިއެވެ. ބައިރޫތުގެ އިތުރުން ލުބްނާން ފަރުބަދައިގެ ސަރަޙައްދުގައި ބިނާ ކޮށްފައިވާ ވަގުތީ ހިޔާތައް ފުރިފައިވާ ކަން ވެސް އޭނާ ކަށަވަރު ކޮށްދެއްވިއެވެ. މި ވަގުތު ވަގުތީ ހިޔާގެ ގޮތުގައި ބޭނުން ކުރާ ގިނަ މަރުކަޒުތަކަކީ މަދަރުސާތަކެވެ.

ލުބްނާންގައި ވަޒީފާ އަދާ ކުރާ ބޭރު މީހުންނަށް ވެސް ނުރައްކާތެރި ހާލަތެއް މެދުވެރިފައިވާ ކަން ލޫޗިއާނޯ ހާމަކުރެއްވިއެވެ. އޭނާ ވިދާޅުވީ, ހާލުގައި ޖެހިފައިވާ ބޭރު މީހުންގެ ތެރޭގައި ގިނައީ އަންހެނުން ކަމަށާއި, އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކީ ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ކަމުގައެވެ. އެހެންކަމުން, އެ މީހުންނަށް ވަގުތީ ހިޔާތަކުން ޖާގަ ހޯދުމަށާއި, އިންސާނީ އެހީ ހޯދުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. ލުބްނާންގައި ވަޒީފާ އަދާ ކުރާ ބިދޭސީންގެ ތެރެއިން ގިނަ މީހުންނަކީ މިޞްރާއި, ސޫދާންގެ އިތުރުން ސްރީ ލަންކާގެ ރައްޔިތުންނެވެ.

ލުބްނާންގެ ރަށްތަކަށް ޔަހޫދީ ފައުޖުން ދެމުންދާ ލާއިންސާނީ ޙަމަލާތަކުން ސަލާމަތްވުމަށް އެތަކެއް ހާސް ބަޔަކު ދަނީ އެ ޤައުމާ އިންވެގެން އޮތް ސޫރިޔާއަށް ހިޖުރަ ކުރަމުންނެވެ. ނަމަވެސް, ލުބްނާނާއި ސޫރިޔާ ގުޅޭ މުޞައްނަޢާ ސަރަޙައްދީ ހުރަހަށް ޔަހޫދީ ފައުޖުން ވަނީ ވަރުގަދަ ވައިގެ ޙަމަލާތަކެއްދީ, ސޫރިޔާއަށް ދަތުރު ކުރަން މަސައްކަތް ކުރަމުންދާ މީހުންނަށް ހުރަސް އަޅާފައެވެ. ޔަހޫދީންގެ ނިރުބަވެރި ޢުދުވާނީ ޙަމަލާތަކުން ސަލާމަތްވުމަށް ފާއިތުވިި 10 ވަރަކަށް ދުވަހުގެ ތެރޭގައި 300,000އެއްހާ މީހުން ސޫރިޔާއަށް ހިޖުރަ ކޮށްފައިވާ ކަމުގައި ލުބްނާންގެ ސަރުކާރުން ބުންޏެވެ. އޭގެ ތެރޭގައި ގިނައީ ލުބްނާންގައި ދިރިއުޅޭ ސޫރިޔާގެ ރެފިއުޖީންނެވެ.

"އިތުރު ގޮތެއް ނެތުމުން ގިނަ ޢަދަދެއްގެ ބަޔަކު ފައިމަގުގައި [މުޞައްނަޢާ] ކައިރީގައި އޮންނަ މައި މަގު ހުރަސް ކުރާ މަންޒަރު އަޅުގަނޑުމެން ދުށިން،" އަމީން ވިދާޅުވިއެވެ. ފާއިތުވި 10 ވަރަކަށް ދުވަހުގެ ތެރޭގައި ސޫރިޔާއަށް ދަތުރު ކޮށްފައިވާ މީހުންގެ ތެރެއިން 85 އިންސައްތައަކީ ޒުވާން އުމުރުފުރައިގެ ކުދިންނާއި ކުޑަކުދިން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ލުބްނާންގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 2,000އަށް އުފުލިފައެވެ. އޭގެ ތެރޭގައި 127 ކުޑަކުދިންނާއި 261 އަންހެނުން ހިމެނޭ ކަމުގައި ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 9,000އަށް އަރައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.2 މިލިޔަނަށް އުފުލިފައިވާ ކަމުގައި ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ.