ޚަބަރު

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރެއްވުމަށް ރައީސް ނިންމަވައިފި


  • މިއަދުން ފެށިގެން ކައުންޓްޑައުން ވަނީ ފަށާފައި

ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ނިންމެވިކަން ހާމަކުރެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމެވެ.

މިއަހަރު ފާހަގަކުރަމުން މިދަނީ ރާއްޖެ އިސްލާމްވިތާ 898 އަހަރު ފުރުމެވެ. އެހެންކަމުން ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭނީ 2026 ވަނަ އަހަރުއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވީ، ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ދުވަހަކީ ވަރަށް ތާރީޚީ ދުވަހަކަށްވާނެ ކަމަށެވެ. އަދި އެއާއެކު ރާއްޖެ، މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގެ ދަށުގައި އޮތްތާ ހާސް އަހަރު ފުރޭ ނުވަތަ ސާސްކަފަށް ކުރާ ދަތުރު ފެށިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާއި ގުޅިގެން އެކަމުގެ ކައުންޓްޑައުން މިހާރު ފަށާފައިވާކަމަށެވެ.

"ރައީސް ވަނީ ނިންމަވާފައި ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރެއްވުމަށް. އެކަން ފާހަގަކުރެއްވުމަށްޓަކައި މިއަދުން ފެށިގެން ކައުންޓްޑައުން ފެށުމަށް އެމަނިކުފާނު ވަނީ ނިންމަވާފައި." ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވިއެވެ.

ދިވެހި ތާރީޚްގެ ލިޔުންތަކުން އެނގޭގޮތުގައި އަދި ދިވެހި ދައުލަތް ރަސްމީގޮތުން ޤަބޫލުކުރައްވާ ގޮތުގައި ރާއްޖެ އިސްލާމްވީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލްއާޚިރު މަހުގެ ތެރޭގައެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ދިވެހި ދައުލަތުން މިދުވަސް ފާހަގަކުރައްވަން އެންމެ ފުރަތަމަ ފެއްޓެވީ ހިޖުރައިން 1374 ވަނަ އަހަރެވެ.

އެ އަހަރުން ފެށިގެން 1387 ގެ ނިޔަލަށް 14 އަހަރު މި ދުވަސް ފާހަގަ ކުރެއްވުމަށްފަހު އޭގެ ފަހުން އެ ދުވަސް ފާހަގަކުރެއްވުން ވަނީ ހުއްޓަވާލައްވާފައެވެ. އެއަށްފަހު އަނެއްކާވެސް 1421 ވަނަ އަހަރުން ފެށިގެން ރާއްޖެ އިސްލާމްވި ދުވަސް ދަނީ ފާހަގަކުރައްވަމުންނެވެ.