ޚަބަރު

ރާއްޖެއަށް އެތެރެކުރި 29 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި


ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރަނިކޮށް 29 ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލައިގަނެފިއެވެ. މިއީ މަގުމަތީ އަގުންނަމަ ގާތްގަޑަކަށް 145 މިލިއަން ރުފިޔާގެ ތަކެތިކަމަށް ފުލުހުން ވިދާޅުވެއެވެ.

މިއަދު މީޑިއާއަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ މިތަކެތި އެތެރެކޮށްފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބޭރުންކަމަށް ބެލެވޭކަމަށާ، މިތަކެތި އަތުލައިގަނެފައިވަނީ ދޯންޏެއްގައި މިތަކެތި ހިފައިގެން ދަތުރުކުރަނިކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުންކަމަށެވެ.

img:http://s3.psmnews.mv/images/660x400/14652888937042.jpg|މަސްތުވާތަކެތި ރައްކާކޮށްފައިހުރި ސިލިންޑަރ- ފޮޓޯ: ޕީއެސްއެމް

ފުލުހުން ވިދާޅުވީ މި އޮޕަރޭޝަނަކީ މީގެ ހަތަރު ފަސްވަރަކަށް ދުވަސް ކުރިން ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑާއި، އިންޓެލިޖެންސް، އަދި މެރިން ޕޮލިސްއާއި ކޯސްޓްގާޑް ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ.

އެގޮތުން މ.ރަތްކޮކާގޭ އަޙުމަދު ސަދޫހް ޙުޞައިން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މަޢުލޫމާތު ލިބިގެން ބަލަމުންދިޔައިރު އޭނާ ދެފަހަރެއްގެ މަތިން މި ޝިޕްމެންޓް އެތެރެކުރެވޭތޯ މަސައްކަތްކުރިކަން އެނގިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ފަހުން އޭނާއާ ޢާއިލީ ގޮތުން ގުޅުމެއް އޮންނަ ދޯނި ކެޕްޓަނެއްކަމަށްވާ ލ މާމެންދޫ އާސްތާނާ މުޙައްމަދު ނިއުޝާދު މަސައްކަތްކުރަމުންދާ ދޯނީގައި މި ތަކެތި ގެނައުމަށް އޭނައާ ވާހަކަދައްކާ އެމަސައްކަތް ކުރިކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން މަޢުލޫމާތުދެއްވައެވެ.

img:http://s4.psmnews.mv/images/660x400/14652891088239.jpg|ރާއްޖެއަށް އެތެރެކުރި 29 ކިލޯގެ މަސްތުވާތަކެތި- ފޮޓޯ: ޕިއެސްއެމް ނިއުސް

ކޯސްޓް ގާޑާ ގުޅިގެން މި ދޯނި އަތުލައިގަތީ އދ އަތޮޅާއި ދިމާބޭރުން ދަރުތުކުރަމުންދަނިކޮށް ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓްގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ،މޫސާ ޢަލީ ވިދާޅުވީ މި ދޯނި ދޫނިދޫއަށް ގެނައުމާއެކު ބަލާފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ގޭސްސިލިންޑަރެއް ފެނިގެން އެ ކަނޑާ ބެލިއިރު އޭގެ ތެރޭން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިން އަޅާފައިހުރި 19 ޕެކެޓެއް ފެނިފައިވާކަމަށެވެ.

މިމައްސަލައާ ގުޅިގެން މިހާތަނަށް 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަވާފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. އަދި މިމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މ.ރަތްކޮކާގެ އަޙުމަދު ސަދޫހް ޙުސައިންއާ އަދި ދޯނިދުއްވަން ހުރި ލ.މާމެންދޫ މުޙައްމަދު ނިއުޝާދަކީ މަސްތުވާތެއްޗާ މަރާމާރީގެ ތަފާތު މައްސަލަތަކުގެ ރިކޯޑް އޮންނަ ފަރާތްތައްކަން ފުލުހުން ފާހަގަކުރައްވައެވެ. އަދި މި ދެ މީހުންގެ ބަންދުގެ މުއްދަތަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދެއްވާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.