ޚަބަރު

192 ޤައުމަކާ ވާދަކުރަން ރާއްޖޭގެ ރޮބޮޓިކް ޓީމް ކޮރެއާއަށް


  • ކޮރެއާއަށް ދަރުތުކުރަނީ 10 ދަރިވަރުންގެ ޓީމުގެ 5 މެންބަރުން

  • އިންޖިއަރިންގ ދާއިރާގެ ޝައުގުވެރިކަން އުފައްދާނެ މުބާރާތެއް

"ފަސްޓް ގްލޯބަލް ޗެލެންޖް 2026" ރޮބޮޓިކް މުބާރާތުގައި ބައިވެރިވާ ދިވެހި ދަރިވަރުންގެ ޓީމް ފުރައިފިއެވެ. މި މުބާރާތް އޮންނަނީ މިމަހުގެ 7އިން 10އަށް، ދެކުނު ކޮރެއާގެ އިންޗިއޮންގައެވެ.

ބައިނަލްއަޤްވާމީ މި މުބާރަކީ 192 ޤައުމެއްގެ ދަރިވަރުން ބައިވެރިވާ މުބާރާތެކެވެ.

ރޮބޮޓް ތައްޔާރުކުރާ ރާއްޖޭގެ ޓީމްގައި ޖުމުލަ 10 ދަރިވަރުން ހިމެނޭއިރު، މުބާރާތުގައި ބައިވެރިވާން 5 ދަރިވަރުން ވަނީ ކޮރެއާއަށް ފުރާފައެވެ. ހޯމް ޓީމްގެ ދަރިވަރުން ރާއްޖޭގައި ތިބެގެން، އޮންލައިންކޮށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ފަސްޓް ގްލޯބަލް ރޮބޮޓިކް ޗެލެންޖް ކުރިއަށްގެންދަނީ އެކި އަހަރުތަކުގައި އެކި ތީމްތަކަށެވެ. އެގޮތުން މިއަހަރުގެ ތީމް "އިގްނައިޓިންގ އިނޮވޭޝަން"ގެ ދަށުން، ދަރިވަރުން ތައްޔާރުކޮށްފައިވަނީ ޖަންގަލިތަކުގައި އަލިފާން ރޯވެ ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެހީވާނެ، ރޮބޮޓިކް އީޖާދެކެވެ.

މި މުބާރާތުގެ މަޤުޞަދަކީ ރޮބޮޓިކް އިންޖިނިއަރިން ފަދަ އިޖާދީ ދާއިރާތަކަށް، ޒުވާނުން ޝައުގުވެރިކުރުވުމެވެ. އަދި އެ ދަރިވަރުންގެ ހުނަރު ތަރައްޤީކުރުމަށް ޖާގަދީ، މިފަދަ އުފެއްދުންތައް އުފެއްދުމުގައި ދުޅަހެޔޮ ވާދަވެރިކަމެއް އުފެއްދުމެވެ.

މުބާރާތުގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން ޕީއެސްއެމް ނިއުސްއާ ވާހަކަދެއްކި ބައެއް ދަރިވަރުން ވަނީ، އެ ދަރިވަރުންގެ ހުނަރު ތަރައްޤީކުރުމަށް މިފަދަ ފުރުޞަތެއް ލިބުމަކީ ވަރަށް އުފާވާ ކަމެއްކަން ފާހަގަކޮށްފައެވެ.

"ދުނިޔޭގެ 192 ޤައުމުން ބައިވެރިވޭ. ރާއްޖެފަދަ ކުޑަ ޤައުމެއްގައިވެސް މިކަމުގެ ހުނަރު ހުރިކަން މި ސާބިތުކޮށްދެނީ. ފުރުޞަތު ލިބުނީތީ ވަރަށް އުފާވޭ. އުއްމީދުކުރަނީ މުބާރާތުގެ ރަނގަޅު ހިސާބަކަށް ދިއުމަށް." މުބާރާތުގައި ބައިވެރިވާ ދަރިވަރުން ފާހަގަކުރިއެވެ.

މި ފުރުޞަތަކީ ރާއްޖޭގެ ޖަމްޢިއްޔާއެއްކަމަށްވާ ވިމެން އިން ޓެކްގެ އެހީތެރިކަމާއެކު ރާއްޖެއިން ހޯދި ފުރުޞަތެކެވެ. މި ޓީމަށް ސްޓެމް ސެޓިފައިޑް މަރުކަޒެއް ކަމަށްވާ "ފޯލޫޕް ކޯޑިންގ އެކެޑަމީ" އިން ދަނީ ޚާއްޞަ ޓެކްނިކަލް ތަމްރީނުތައް ފޯރުކޮށްދެމުންނެވެ.

ފަސްޓް ގްލޯބަލްގެ ރާއްޖޭގެ ޕާޓްނަރު ކަމަށްވާ ވިމެން އިން ޓެކް މޯލްޑިވްސްގެ އިސްނެގުމުގެ ދަށުން 2023 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޓީމު މި މުބާރާތުގައި ބައިވެރިވަމުން އަންނައިރު، ފާއިތުވި އަހަރު ޕެނަމާގައި ބޭއްވި މުބާރާތުގައި ޓީމް މޯލްޑިވްސް ވަނީ ދުނިޔޭގެ ގަދަ 50 ގެ ތެރޭގައި ހިމެނިފައެވެ.