ޚަބަރު

ޕީޓީއައިއާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި ގިނަ ޢަދަދެއްގެ ފުލުހުން ޒަޚަމުވެއްޖެ


ޕާކިސްތާނުގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލުމަށް އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ތާޢީދު ކުރާ މީހުުންނާއި އޭނާގެ ޕާކިސްތާން ތަހްރީކް އިންސާފު (ޕީޓީއައި) ޕާޓީގެ މެންބަރުން ފަށާފައިވާ މުޒާހަރާތައް ހުއްޓުވަން މަސައްކަތް ކުރަމުންދާ ފުލުހުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވެއްޖެއެވެ. އެ ޤައުމުގެ ދާޚިލީ ވަޒީރު މުޙުސިން ނަޤުވީ ވިދާޅުވީ, ޕީޓީއައިގެ މެންބަރުން ފުލުހުންނަށް ޙަމަލާ ދިނުމާ ގުޅިގެން 80އެއްހާ ފުލުހުން ޒަޚަމުވެފައިވާ ކަމުގައެވެ.

ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާ ދެކޮޅަށް އަޑު އުފުލުމަށް ޕީޓީއައިގެ މެންބަރުން ބޮޑު ހިނގައިލުމަށް ފަށާފައި ވަނީ ޚައިބަރް ޕަޚްތުންޚާ ޕުރޮވިންސުންނެވެ. އެ މީހުންގެ މިސްރާބު ޖަހާފައި ވަނީ ވެރިރަށް އިސްލާމްއާބާދަށް އަރައި, ޤާނޫނު ހަދާ މަޖިލީހުގެ އިމާރާތް ކައިރިއަށް އެއްވުމަށެވެ. ނަމަވެސް, ފުލުހުން ވަނީ އިސްލާމްއާބާދަށް އެރެން އޮތް މައި މަގުތައް ބަންދުކޮށް, ހިނގައިލުމުގެ ބައިވެރިންނަށް ހުރަސް އަޅާފައެވެ.

ޚައިބަރް ޕަޚްތުންޚާގެ ސަރަޙައްދީ ސަރުކާރުގެ ވެރިކަމުގައި އޮތީ ޚާންގެ ޕީޓީއައިއެވެ. ނަޤުވީ ވިދާޅުވީ, ހިނގައިލުމުގައި އިސްކޮށް ހުންނެވީ އެ ޕުރޮވިންސުގެ ޗީފް މިިނިސްޓަރު ކަމުގައެވެ. "ޗީފް މިނިސްޓަރު ކުރީގައި ހުންނަވައިގެން ފަށާފައިވާ ހިނގައިލުމުގެ ބައިވެރިން ވަނީ ފުލުހުންނަށް އަމާޒުކޮށް ބަޑީގެ ޙަމަލާތައްދީ, ކަރުނަ ގޭސް ފަދަ ހަތިޔާރު ބޭނުން ކޮށްފައި،" ނަޤުވީ ވިދާޅުވިއެވެ. ހިނގައިލުމާއި މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން އިސްލާމްއާބާދަށް އެރެން އޮތް މައި މަގުތައް ބަންދުކޮށްފައިވާއިރު, އެ ރަށުން މޮބައިލް ފޯނުގެ ޚިދުމަތްތައް ވެސް ވަނީ ކަނޑައިލާފައެވެ.

ޕީޓީއައިގެ މެންބަރުން ވެރިރަށް އިސްލާމްއާބާދުގައި މުޒާހަރާ ކުރަން ރާވާފައި ވަނީ އެ ރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝަންގހާއީ ކޯޕޮރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ)ގެ ބައްދަލުވުމާ ދިމާކޮށެވެ. އޮކްޓޫބަރު 15ން 16އަށް ބާއްވާ އެ ބައްދަލުވުމުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ވެރިން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އޭގެ ތެރޭގައި އިންޑިޔާއާއި, ޗައިނާގެ އިތުރުން ރަޝިޔާގެ އިސްވެރިން ހިމެނެއެވެ.

ޕީޓީއައިގެ މެންބަރުން އިސްވެ ފުލުހުންނަށް ޙަމަލާ ދީފައިވާ ކަމަށް ނަޤުވީ ކުރައްވާ ތުހުމަތުތައް އެ ޕާޓީން ދޮގު ކުރެއެވެ. އަދި, ސުލްޙަވެރި މުޒާހަރާއެއް ބާއްވަން މަސައްކަތް ކުރަމުންދާ ޕީޓީއައިގެ މެންބަރުންނަށް ހުރަސްއަޅައި, ފުލުހުން އެ މީހުން ޙަމަލާ ދެމުންދާ ކަމަށް ޕީޓީއައިން ބުންޏެވެ.

ޕީޓީއައިގެ މެންބަރުންނަށް އިސްލާމްއާބާދަށް އެރިޔަ ނުދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި އެ ޤައުމުގެ އަސްކަރިއްޔާއިން ވެސް ދަނީ ބައިވެރިވަމުންނެވެ. ނަޤުވީ ވިދާޅުވީ, އެސްސީއޯގެ ބައްދަލުވުމަށް ހުރަސް އަޅަން ޕީޓީއައިން ރާވާފައިވާ ކަމުގެ ޖާސޫސީ މަޢުލޫމާތު ލިބިފައިވާ ކަމުގައެވެ. "އެ ފަދަ އަމަލެއް ހިންގުމުގެ ފުރުޞަތު ދެވޭކަށް ނެތް, އަޅުގަނޑު ތަކުރާރުކޮށް ބުނަން, ރަތް ޒޯނުގެ ތެރެއަށް ނުވަންނާތި, ހަރުކަށި ފިޔަވަޅުތަކެއް އަޅަން މަޖުބޫރު ނުކުރާތި،" ޕީޓީއައިގެ މެންބަރުންނަށް އިންޒާރު ދެއްވަމުން ނަޤުވީ ވިދާޅުވިއެވެ.

ޕީޓީއައިން ބުނީ, މުޒާހަރާތައް ހުއްޓުވަން ފުލުހުން ކުރަމުންދާ މަސައްކަތުގެ ދަށުން ގިނަ ޢަދަދެއްގެ ބަޔަކު ހައްޔަރަށް ގެންގޮސްފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ޚާންގެ ޢާއިލާގެ މެންބަރުން ހިމެނޭ ކަމުގައި ވެސް އެ ޕާޓީން ބުންޏެވެ. މުޒާހަރާގެ ބައިވެރިންގެ ޑިމާންޑަކީ, 2023 އޮގަސްޓު މަހުން ފެށިގެން ޖަލުގައި ހުންނެވި ޚާން މިނިވަން ކުރުމެވެ. އަދި, ސަރުކާރު އިސްތިޢުފާ ދިނުމެވެ.

ޚާން އަދި ޕީޓީއައިން ޤަބޫލު ކުރާ ގޮތުގައި ޝަރީފުގެ ސަރުކާރަކީ ޣައިރު ޤާނޫނީ ސަރުކާރެކެވެ. މި އަހަރުގެ ކުރީކޮޅު ޕާކިސްތާނުގައި ބޭއްވި ޢާންމު އިންތިޚާބުގައި ޤާނޫނު ހަދާ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައި ވަނީ ޕީޓީއައިއަށް ތާޢީދު ކުރާ ކެނޑިޑޭޓުންނެވެ. ނަމަވެސް, ސަރުކާރުގެ ފިއްތުންތަކާ ގުޅިގެން އޭގެ ތެރެއިން ގިނަ ބޭފުޅުން ވާދަ ކުރައްވާފައި ވަނީ މިނިވަން ކެނޑިޑޭޓުންގެ ގޮތުގައެވެ. އަދި, އެކަނި ސަރުކާރެއް އެކުލަވައިލެވޭ ވަރަށް އަޣުލަބިއްޔަތު ލިބިފައި ނެތުމުން ޝަރީފް ވަނީ ޕީޓީއައިގެ ބަރިވެރިވުމާ ނުލައި އިއްތިޙާދު ސަރުކާރެއް އެކުލަވައިލައްވާފައެވެ.

އިސްލާމްއާބާދުގައި ބާއްވާ އެސްސީއޯގެ ސަމިޓުގައި އިންޑިޔާގެ ޚާރިޖީ ވަޒީރު ސުބްރަމަނިޔަމް ޖެއިޝަންކަރު ބައިވެރިވެ ވަޑައިގަންނަވާނެ ކަން އިޢުލާނު ކޮށްފައިވާއިރު, މިއީ ފާއިތުވި ދަހަރެއްހާ ދުވަހުގެ ތެރޭގައި އިންޑިޔާގެ ޚާރިޖީ ވަޒީރަކު ޕާކިސްތާނަށް ދަތުރުފުޅެއް ކުރައްވާ ފުރަތަމަ ފަހަރެވެ. މަޤުވީ ވިދާޅުވީ, އެސްސީއޯގެ ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް ސަޢޫދީ ޢަރަބިއްޔާގެ ވަފުދެއްގެ އިތުރުން ޗައިނާގެ ބޮޑުވަޒީރު ލީ ޗެންގ ވެސް އިސްލާމްއާބާދަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމުގައެވެ.