ޚަބަރު

އެމްޕޮކްސް ކޮންޓްރޯލް ކުރަން ކޮންގޯގައި ވެކްސިން ޖަހައިދޭން ފަށައިފި


ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމުގައިވާ އެމްޕޮކްސް ފެތުރުން ކޮންޓްރޯލް ކުރުމަށް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ވެކްސިން ޖަހައިދޭން ފަށައިފިއެވެ. ކޮންގޯގައި ވެކްސިން ކެމްޕޭން ފަށާފައި މި ވަނީ އެފްރިކާ ބައްރުގެ 15 ޤައުމެއްގައި ހަލުވިކަމާ އެކު ބަލި ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.

އެފްރިކާ ބައްރުގެ ބައެއް ޤައުމުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ އެމްޕޮކްސް ބަލި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރި, ބަލިމަޑުކަމެއް ފެށިދާނެ ކަމުގެ ނުރައްކާ ބޮޑުވުމާ ގުޅިގެން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން އޮގަސްޓު މަހުގެ ކުރީކޮޅު ވަނީ ޢާންމު ޞިއްޙަތުގެ ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފައެވެ. ކޮންގޯގައި ބަލި ފެތުރެން ފަށާފައި ވަނީ 2023 ޖަނަވަރީ މަހުއެވެ.

ވެކްސިން ކެމްޕޭން ފެށުމުގެ ގޮތުން ކޮންގޯގެ އިރުމަތީގައި އޮންނަ ގޮމާގައި ޚާއްޞަ ރަސްމިއްޔާތެއް ބޭއްވިއެވެ. އެންމެ ފުރަތަމަ ވެކްސިން ޖަހައިދީފައި ވަނީ އެ ޤައުމުގެ ޞިއްޙީ ޚިދުމަތްތެރިންގެ ޓީމަކަށެވެ. އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ, ވެކްސިން ޖަހައިދިނުމުގެ ކެމްޕޭން ފެށި ނަމަވެސް, ގިނަ ޢަދަދެއްގެ ބަޔަކަށް ވެކްސިން ޖަހައިދެވޭނެ ކަމަށް ނުބެލެވޭ ކަމުގައެވެ. ސަބަބަކީ, ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ބޭނުންވާ މިންވަރަށް އެ ޤައުމުގައި ވެކްސިން ނެތުމެވެ. މި ވަގުތު އެ ޤައުމުގައި ހުރީ ވެކްސިންގެ 265,000 ޑޯޒެވެ.

"ވެކްސިން ޖަހައިދިނުމުގެ މަސައްކަތް ފެށުމަކީ ޢާއިލާތަކާއި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެޅުނު ހަރުދަނާ ފިޔަވަޅެއް،" ޑަބްލިޔުއެޗްއޯން އެފްރިކާއަށް ކަނޑައަޅާފައި ހުންނަވާ ޑިރެކްޓަރ މަޓްޝިޑިސޯ މޮއެޓީ ވިދާޅުވިއެވެ.

އެފްރިކާ ބައްރުގައި ހަލުވިކަމާ އެކު އެމްޕޮކްސް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް އޮތީ ކުރިމަތިވެފައެވެ. އޭގެ ތެރޭގައި, ބައްޔަށް ޚާއްޞަ ކޮށްފައިވާ ވެކްސިން އެ ޤައުމުތަކުގައި ލިބެން ނެތުމާއި, އެ ބައްރުގެ ޤައުމުތަކުގެ ޞިއްޙީ ނިޒާމު ބަލިކަށިވުން ހިމެނެއެވެ. މި ވަގުތު ބަލި ފެތުރެމުންދާ ޤައުމުތަކަށް ވެކްސިން ހަދިޔާ ކުރުމުގެ މަސައްކަތް ބައިނަލްއަޤުވާމީ އިދާރާތަކާއި ވެކްސިން ސްޓޮކުތައް ގުދަންކޮށްފައި ހުރި ޤައުމުތަކުން ވަނީ ފަށާފައެވެ.

އެފްރިކާ ބައްރުގެ ޤައުމުތަކުގައި މި އަހަރުގެ މިހާތަނަށް ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ މީހުންގެ ޢަދަދު 30,000 އަށް އުފުލިފައިވާ ކަމުގައި ޑަބްލިޔުއެޗްއޯން ދާދިފަހުން ހާމަކުރިއެވެ. ޞިއްޙަތާ ބެހޭ އދގެ މައި އިދާރާ, ޑަބްލިޔުއެޗްއޯން ބުނީ, އެމްޕޮކްސް ޖެހިގެން މި އަހަރުގެ މިހާތަނަށް މަރުވެފައިވާ މީހުންގެ ޢަދަދު 990 އަށް އުފުލިފައިވާ ކަމުގައެވެ. މި އަހަރު އެފްރިކާގެ ޤައުމުތަކުން ރިޕޯޓު ކޮށްފައިވާ ކޭސްތަކުގެ ތެރެއިން 90 އިންސައްތަ ރިޕޯޓު ކޮށްފައި ވަނީ ކޮންގޯން ކަމުގައި ޑަބްލިޔުއެޗްއޯން ހާމަކުރިއެވެ.

އެފްރިކާ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ)ން ބުނީ ހުސްވި އަހަރު އެފްރިކާ ބައްރުގެ ޤައުމުތަކުން 14,957 މީހަކަށް އެ ބަލި ޖެހުނު ކަމުގައެވެ. އަދި, 739 މީހުން އެ ބަލީގައި މަރުވެފައިވާ ކަމުގައެވެ. 2022ވަނަ އަހަރާއި އަޅައިބަލާއިރު, 2023ވަނަ އަހަރު ބަލީގެ ކޭސްތަކުގެ ޢަދަދު ވަނީ 78.5 އިންސައްތަ އިތުރުވެ, އެފްރިކާގެ ހަތް ސްޓޭޓެއްގައި ބަލި ފެތުރެން ފަށާފައެވެ.

އެންމެ ފަހުން މި ނުރައްކާތެރި ބަލި ޖެހިފައިވާ މީހުން ދެނެގަނެވިފައިވާ ޤައުމުތަކުގެ ތެރޭގައި ގާނާ, މެލޭޝިޔާ, މަޣުރިބު, އިންޑިޔާ, އުރުދުން, ތައިލެންޑް, ބަންގްލަދޭޝް އަދި ސްވިޑެން ހިމެނެއެވެ. މި ވަގުތު އެންމެ ހަލުވިކަމާ އެކު ބަލި ފެތުރެމުން ދަނީ ކޮންގޯގައެވެ. އަދި, ދެވަނައަށް އެންމެ ހަލުވިކަމާ އެކު ބަލި ފެތުރެމުން ދަނީ ކޮންގޯއާ އިންވެގެންް އޮތް ބުރުންޑީގައެވެ.

ޢާންމު ގޮތެއްގައި އެމްޕޮކްސަކީ އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުންނަށް ޖެހޭ ނުރައްކާތެރި ބައްޔަކަށްވީ ނަމަވެސް, ކޮންގޯގައި ފެތުރެމުންދާ ބަލީގެ އައު ވޭދަނައެއްގެ ސަބަބުން 15 އަހަރުން ދަށުގެ ކުޑަކުދިންނަށް ވެސް ދަނީ ބަލި ޖެހެމުންނެވެ. މި ވަގުތު ކޮންގޯގައި ބަލި ޖެހިފައިވާ މީހުންގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނެއެވެ.