ޚަބަރު

ނޮޓިންހަމް ފޮރެސްޓުން ޗެލްސީ ހިފަހައްޓައިފި


އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ޗެލްސީއާ ދެކޮޅަށް ނޮޓިންހަމް ފޮރެސްޓް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

ޗެލްސީގެ ސްޓެމްފަޑް ބްރިޖްގައި ކުޅުނު މި މެޗު އެއްވަރުވެފައިވާއިރު ނޮޓިންހަމް އިން މެޗުގެ ފަހު 12 މިނިޓް ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

މި މެޗު އެއްވަރުވުމުން ޗެލްސީއަށް ލީގުގައި މިހާތަނަށް ކުޅުނު 7 މެޗުން 14 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނަ މަގާމް ލިބިފައިވާއިރު ނޮޓިންހަމް އަށް ހަ މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު އެ ޓީމު ވަނީ ލީގުގެ ދިހަވަނަ އަށް އަރާފަ އެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފްގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ހަތަރުވަނަ މިނިޓުގައި ނޮޓިންހަމް އިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ކްރިސް ވުޑް އެވެ.

ނޮޓިންހަމް އިން ލަނޑެއް ޖަހާ ކުރި ހޯދުމާއެކު ޗެލްސީން ވަނީ އެ ޓީމުގެ ހަމަލާތައް އިތުރުކޮށް ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 57 ވަނަ މިނިޓުގައި ނޮނީ މަޑުއެކޭ ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑު އޭނާ ކާމިޔާބުކޮށްފައިވަނީ އޭރިޔާ ތެރެއަށް ވަދެ ތިރިން ގޯލުގެ ދުރު ކަނަށް ފޮނުވާލައިގެންނެވެ.

މި މެޗުގެ 78 ވަނަ މިނިޓުގައި ރެފްރީ ވަނީ ނޮޓިންހަމްގެ ޖޭމްސް ވޯޑްޕްރޯސް އަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. އޭނާއަށް ރަތް ކާޑެއް ދައްކާފައިވަނީ ނިކޮލަސް ޖެކްސަން އަށް ލިބެން އޮތް ބޯޅައެއް ކޮންޓްރޯލް ކުރުމަށްޓަކައި ވެއްޓުނު ވަގުތު އެ ބޯޅަ އަތުން މަތަ ކުރުމުގެ ސަބަބުންނެވެ.

މި މެޗުގެ ފަހު ވަގުތު ދެ ޓީމަށްވެސް ވަނީ ނަތީޖާ ބަދަލު ކުރުމަށް ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން ނޮޓިންހަމްގެ ނިކޯ ވިލިއަމްސް ފޮނުވާލި ހަމަލާ ޗެލްސީގެ ކީޕަރު ސަންޗޭޒް ދިފާއުކުރިއިރު އެންކުންކޫ ފޮނުވާލި ހަމަލާ ކީޕަރު ސެލްޒް ވަނީ ވަރަށް ހުށިޔާރު ކަމާއެކު ދިފާއުކޮށް އެ ޓީމަށް މި މެޗުން ޕޮއިންޓެއް ކަށަވަރު ކޮށްދީފަ އެވެ.