ޚަބަރު

ޣައްޒާ ޢުދުވާނަށް އެއް އަހަރު: ޙަމަލާތައް ހުއްޓާލާނެކަމުގެ އިޝާރާތެއް ނެތް


ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ލާއިންސާނީ ޢުދުވާނެއް ފަށާފައި ވަނީ މީގެ އެއް އަހަރު ކުރިންނެވެ. އެ ޢުދުވާނުގެ ދަށުން މެދުކެނޑުމެއް ނެތި ޔަހޫދީ ފައުޖުން ދަނީ ޣައްޒާގެ މުސްލިމުންގެ ގެދޮރާއި, ހަސްފަތާލުތަކާއި, މަދަރުސާތަކާއި މިސްކިތްތަކަށް ބޮންއަޅަމުންނެވެ. އެއްވެސް ރަޙުމެއް ނެތި ކުށެއް ނެތް އަންހެނުންނާއި ކުޑަކުދިން ޝަހީދު ކުރަމުންނެވެ.

ޔަހޫދީ ފައުޖުގެ އެންމެ ފަހުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޣައްޒާގެ އުތުރުގައި ހުންނަ މިސްކިތަކާއި މަދަރުސާއަކަށެވެ. އެއީ, ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން ގެދޮރު ނެތިފައިވާ މީހުން ވަގުތީ ހިޔާތަކެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ އިމާރާތްތަކެކެވެ. އެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 26އަށް އަރައެވެ. އަދި, އިތުރު 93 މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ.

މަސްތަކަކަށް ފަހު ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އުތުރުގެ ސަރަޙައްދުތަކަށް އަސްކަރީ ޓޭންކުފަހަރާ އެކު އަނިޔާވެރި ސިފައިން ފޮނުވާފައެވެ. އެ މީހުން ހިންގި ޤަތުލުޢާންމުތަކުގައި އިތުރު 20 މީހުން ޝަހީދުކޮށްލި ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. ގެދޮރު ނެތި ކޮށްލާފައިވާ ރެފިއުޖީން ދިރިއުޅޭ މަދަރުސާތަކާއި މިސްކިތްތަކުގެ އިތުރުން ހަސްފަތާލުތަކަށް ވެސް ޔަހޫދީ ފައުޖުން ދަނީ ރަޙުމު ކުޑަ ޙަމަލާތައް އަމާޒު ކުރަމުންނެވެ.

ޔަހޫދީ ފައުޖުގެ އެންމެ ފަހުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ދަޔިރް އަލް-ބަލަޙުގައި ހުންނަ އިބްނު ރުޝްދު މަދަރުސާއާއި ޝުހަދާއު އަލް-އަޤްޞާ މިސްކިތަށެވެ. "މިއީ, 20 އަހަރަށްވުރެ ގިނަ ދުވަސްވީ މިސްކިތެއް, މި ސަރަޙައްދުގައި [ޔަހޫދީންގެ ޢުދުވާނާ ގުޅިގެން] ގެދޮރު ގެއްލިފައިވާ ގިނަ ޢަދަދެއްގެ ބަޔަކު ދިރިއުޅޭ. އެ ތަނަށް ބޮން އެޅުމުން އަޅުގަނޑަށް ބޮޑު ސިހުމެއް ލިބުނު،" ޝުހަދާއު އަލް-އަޤްޞާ މިސްކިތުގެ އިމާމު އަޙްމަދު ފިލްޔަތު ވިދާޅުވިއެވެ.

ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން ޣައްޒާގެ 2.3 މިލިޔަން މީހުންގެ އާބާދީގެ ބޮޑު އިންސައްތައެއް ވަނީ ގެދޮރު ނެތިފައެވެ. ޣައްޒާއަށް ވަދެނިކުމެ ހެދެން އޮތް ހުރިހާ މަގެއް ބަންދުކޮށް, ޔަހޫދީ ފައުޖުން ވަނީ އެ ސަހަރަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރަން ހުރަސް އަޅާފައެވެ. އެ ސަހަރުގައި ދިރިއުޅޭ މުސްލިމުން ތިބީ ހައިހޫނުގައި ޖައްސާފައެވެ. މިއީ, ޤަތުލުޢާންމެއް ކަމުގައި އދގެ އެންމެ މަތީ ކޯޓުުން ވަނީ ކަނޑައަޅާފައެވެ.

ޣައްޒާ ޢުދުވާނަށް އެއް އަހަރު ފުރުމާ ގުޅިގެން އިންސާނިއްޔަތަށް ޓަކައި މަސައްކަތް ކުރާ އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދި ރެޑް ކްރޮސުން ވަނީ ޣައްޒާގެ މުސްލިމުންގެ ފުރާނައަށް އިޙުތިރާމުކޮށް, އެ މީހުންގެ ފުރާނަ ސަލާމަތް ކޮށްދޭން ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވައިލާފައެވެ. "ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ހިތްފަޅައިގެންދާ ފަދަ ޖަވާބު ނުލިބޭ އެތަކެއް ސުވާލެއް ކުރިމަތިވެއްޖެ. ޢާއިލާތައް ވަނީ ވިއްސިވިހާލި ކޮށްލާފައި, ލޯބިވާ މީހުން ވަނީ ގަދަބާރުން ބަންދުކޮށްފައި. އެތަކެއް ސަތޭކަ ހާސް ބަޔަކު ވަނީ ޝަހީދު ކޮށްލާފައި އަދި ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ގެދޮރު ނެތިކޮށްލާފައި،" އެ ޖަމުޢިއްޔާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ ޢާންމުން ދިރިއުޅޭ ގެދޮރާއި މަދަރުސާތަކުގެ ތެރެއިން 27 އިމާރާތަކަށް ބޮންއަޅާފައެވެ. އަދި, ޣައްޒާގެ ދެކުނުގައި މިޞްރާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮތް ރަފަޙަށް ބޮންއަޅައި ތިން މީހުން ޝަހީދު ކޮށްލާފައެވެ. މޭ މަހުން ފެށިގެން ޔަހޫދީ ފައުޖުން ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ. އަދި, ރަފަޙާއި މިޞްރު ގުޅޭ ސަަރަޙައްދީ ރޮނގު ވަނީ އެ މީހުންގެ އަތްދަށަށް ގެންގޮސްފައެވެ.

ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޣައްޒާގެ އުތުރުގައި އޮތް ބަޔިތު ލާހިޔާއާއި ޖަބާލިޔާއަށް ވެސް ޔަހޫދީ ފައުޖުން ވައިގެ ޙަމަލާތަކެއް ދިނެވެ. އެ ޙަމަލާތަކުގައި އިތުރު 20 މީހުން ޝަހީދުކޮށްލި ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އޭގެ ތެރެއިން 10 މީހުން ޝަހީދު ކޮށްލާފައި ވަނީ އެ މީހުން ދިރިއުޅެމުން ދިޔަ ގެއަށް ދިން ނިރުބަވެރި ޙަމަލާތަކުގައެވެ. އަދި, އެހެން ގެއަކަށް ބޮންއަޅައި އިތުރު ފަސް މީހުން ޝަހީދު ކޮށްލިއެވެ. އަސްކަރީ ޓޭންކުފަހަރު ފޮނުވައިގެން ޔަހޫދީ ފައުޖުން ވަނީ ޖަބާލިޔާ ވަށައިލާފައެވެ.

ޔަހޫދީންގެ އަތްދަށުން ޣައްޒާ މިނިވަން ކުރުމަށް ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދު ކުރާ މުޖާހިދުންގެ ޖަމާޢަތްތަކުން ދަނީ ހިތްވަރާއެކު ހަނގުރާމަ ކުރަމުންނެވެ. ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ އިތުރުން އިސްލާމިކް ޖިހާދު ޖަމާޢަތުން ބުނީ, ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ޤަތުލުޢާންމު ހިންގަމުންދާ ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިންނަށް އަމާޒުކޮށް މެދުކެނޑުމެއް ނެތި ޙަމަލާ ދެމުންދާ ކަމުގައެވެ.

ޣައްޒާގެ ރައްޔިތުންނާއި އދގެ އޮފިޝަލުން ބުނީ, ޔަހޫދީންގެ ނުބައިކަމާއި ނުރައްކަލުން ސަލާމަތްވެވޭނެ އިންޗިއެއްހާ މިންވަރު ވެސް މި ވަގުތު ޣައްޒާގައި ނެތް ކަމުގައެވެ. ޔަހޫދީ ފައުޖުން އެންމެ ފަހުން ދިން ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ނޫސްވެރިޔާ ޙަސަން ޙަމަދު ހިމެނެއެވެ. އޭނާގެ މަރާ އެކު, ޣައްޒާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ނޫސްވެރިންގެ ޢަދަދު ވަނީ 175އަށް އުފުލިފައެވެ. ގިނަ ޢަދަދެއްގެ ޞިއްޙީ ޚިދުމަތްތެރިން ވެސް ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދު ކޮށްލާފައިވެއެވެ.

2023 އޮކްޓޫބަރު 7ން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 41,870އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 97,166އަށް މީހުން ޒަޚަމު ކޮށްލާފައެވެ.