ޚަބަރު

ޣައްޒާ ޢުދުވާނަށް އެއް އަހަރު: ޣައްޒާއާއި ލުބްނާންގެ އިތުރުން ސޫރިޔާއަށް ވެސް އިތުރު ޙަމަލާތަކެއް


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނަށް އެއް އަހަރު ފުރުމާ ދިމާކޮށް ޣައްޒާގެ އިތުރުން ލުބްނާންގެ މުސްލިމުންގެ ގެދޮރަށް ދެމުންދާ ނިރުބަވެރި ޙަމަލާތައް އިތުރަށް ވަރުގަދަ ކޮށްފިއެވެ. ޒަޔަނިސްޓު ދަޢުލަތުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ފައުޖުގެ ނިރުވެރި ސިފައިން ލުބްނާންގެ މުސްލިިމުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ ޣައްޒާ ޢުދުވާނަށް އަހަރެއް ފުރުމާ ގާތްވެފައި ވަނިކޮށެވެ. ޔަހޫދީ ފައުޖުން ސޫރިޔާއަށް ވެސް ބޮންއަޅާފައިވެއެވެ.

ލުބްނާންގެ ވެރިރަށް ބައިރޫތުގައި ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ޔަހޫދީންގެ އަސްކަރީ މަތިންދާބޯޓުތަކުން ދެމުންދާ ފަނާކުރަނިވި ޙަމަލާތަކާ އެކު އެ ރަށް ވަނީ ގުގުމައިލާފައެވެ. މަންޒަރުތަކުން ފެންނަނީ ޔަހޫދީ ފައުޖުން ބޮންއަޅާފައިވާ އިމާރާތްތަކުގައި ރޯވެ, އަނދަމުންދާ މަންޒަރެވެ. އިވެމުން ދަނީ, ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާއިން ފޯރުކޮށްދެމުންދާ ނުރައްކާތެރި އަދި ފަނާކުރަނިވި ބޮންތައް ގޮވަމުންދާ އަޑުފަށްގަނޑެވެ.

ޣައްޒާ ޢުދުވާނަށް އެއް އަހަރު ފުރުމާ ދިމާކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ ޔަހޫދީންގެ ލާއިންސާނީ ޖަރީމާތައް ކުށްވެރިކޮށް, ޣައްޒާ ޢުދުވާން ހުއްޓައިލަން ގޮވައިލައި އެއްވުންތައް ބާއްވަމުންނެވެ. އިންޑޮނީޝިޔާގެ ޖަކަރުތާއާއި, ތުރުކީވިލާތުގެ އިސްތަންބޫލާއި, މަޣުރިބުގެ ރިބާޠުގެ އިތުރުން ވިލާތުގެ ގިނަ ޤައުމުތަކެއްގެ ބޮޑެތި ރަށްތަކާއި އެމެރިކާގެ ވޮޝިންގޓަނާއި ނިއު ޔޯކުގައި ވެސް ބޮޑެތި އެއްވުންތަކެއް ދަނީ ބާއްވަމުންނެވެ.

އެއްވުންތަކުގެ ބައިވެރިންގެ ގޮވައިލުމަކީ, ފަލަސްޠީނާއި ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ދެމުންދާ ރަޙުމު ކުޑަ ނިރުބަވެރި ޙަމަލާތައް ވަގުތުން ހުއްޓައިލުމެވެ. އަދި, މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ ޔަހޫދީންނާއި, އެ މީހުންނަށް ވާގިވެރިވާ މީހުން ޖަވާބުދާރީ ކުރުވުމެވެ. ފަލަސްޠީނާއި ލުބްނާންގެ މުސްލިމުން ޝަހީދު ކުރުމަށް ހިންގަމުންދާ ޖާރީމާތަކުގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާގެ ރައީސް ޖޯ ބައިޑަނެވެ. އޭނާ ދަނީ, ޢުދުވާންތައް ހުއްޓައިނުލައި ކުރިއަށް ގެންދަން ބޭނުން ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ޔަހޫދީންނަށް ފޯރުކޮށްދެމުންނެވެ.

ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ޢުދުވާން ހިންގަން ފެށީ, ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޙަމާސް ޖަމާޢަތަށް ވާގިވެރިވެ, ޣައްޒާގެ މުސްލިމުންނާ އެއްބައިވުމަށް ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުالله ތެދުވުމުންނެވެ. އަދި, ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް ޙަމަލާދޭން ފެށުމުންނެވެ.

ޙިޒްބުاللهން އަދިވެސް ދަނީ މެދުކެނޑުމެއް ނެތި ޔަހޫދީންގެ ރަށްތަކާއި ޔަހޫދީ ފައުޖުގެ އަމާޒުތަކަށް ޙަމަލާތައް އަމާޒު ކުރަމުންނެވެ. އެންމެ ފަހުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޔަހޫދީންގެ ބަނދަރުމަތީ ރަށް ޚައިފާއަށެވެ. އިސްރާއީލުގެ ތިންވަނައަށް އެންމެ އާބާދީ ބޮޑު ޚައިފާއަށް ދިން މިސައިލް ޙަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ޚައިފާގެ އިތުރުން ތުވަރިޔާއަށް ޙިޒްބުاللهން ދިން ވަރުގަދަ ޙަމަލާތަކުގައި ޔަހޫދީންގެ 10 މީހުން ޒަޚަމު ކޮށްލިއެވެ. ޙިޒްބުاللهން ބުނީ, އެ ދެ ރަށަށް ޙަމަލާ ދޭން ބޭނުންކޮށްފައި ވަނީ ފާދީ-1 މަރުކާގެ މިސައިލްތަކެއް ކަމުގައެވެ.

ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ލުބްނާންގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 2,000އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައި ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 9,000އަށް އަރައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.2 މިލިޔަނަށް އުފުލިފައިވާއިރު, އދން ބުނީ އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ މަގުތަކުގެ މަތީގައި ކަމުގައެވެ.

ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޔަހޫދީ ފައުޖުން ވަނީ ޙަމާސާއި ޙިޒްބުاللهގެ ވެރިންނާއި އިސް ކޮމާންޑަރުންގެ އިތުރުން އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ އިސް ކޮމާންޑަރުންތަކެއް ވެސް ޝަހީދު ކޮށްލާފައެވެ. އެ ކަމުގެ ބަދަލުހިފުމުގެ ގޮތުން އައިއާރްޖީސީން އޮކްޓޫބަރު 1ވަނަ ދުވަހު ޔަހޫދީ ފައުޖުގެ އަމާޒުތަކަށް ވަރުގަދަ ޙަމަލާތަކެއް ދިނެވެ. 180އެއްހާ ބެލިސްޓިކް މިސައިލް ބޭނުން ކޮށްގެން ދިން ޙަމަލާތަކުގައި ޔަހޫދީންގެ ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު މަންޒަރު, މީސްމީޑިޔާގައި ޝާއިޢު ކޮށްފައިވާ ވީޑިޔޯތަކުން ފެނުނެވެ.

ޔަހޫދީ ފައުޖުން މިހާރު ދަނީ އީރާނުގެ ކިބައިން ބަދަލުހިފުމަށް އެ ޤައުމަށް ނިރުބަވެރި ޙަމަލާތަކެއް ދޭން ތައްޔާރުވަމުންނެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, އީރާނުގެ ތެޔޮ ވަޅުތަކާއި ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް ޔަހޫދީން ޙަމަލާ ދޭނެ ކަމަށް ބެލެވޭ ކަމުގައެވެ. އަދި, އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ބިނާ ކޮށްފައިވާ މަރުކަޒުތަކަށް ޙަމަލާ ދިނުމަށް ޔަހޫދީ ފައުޖުން ރާވަމުންދާ ކަމުގެ ޚަބަރުތައް ފެތުރެން ފެށުމާ އެކު އެމެރިކާގެ ބައިޑަން ވަނީ އެ ކަން ނުކުރުމަށް ޔަހޫދީންނަށް ގޮވައިލައްވާފައެވެ.

ޣައްޒާ ޢުދުވާނަށް އެއް އަހަރު ފުރުމާ ދިމާކޮށް ޔަހޫދީ ފައުޖުން ވަނީ ސޫރިޔާއަށް ވެސް ޙަމަލާތަކެއް ދީފައެވެ. ސޫރިޔާގެ ދިފާޢީ ވުޒާރާއިން ބުނީ ޔަހޫދީ ފައުޖުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އެ ޤައުމުގެ މެދުތެރޭގެ ރަށްތަކަށް ކަމުގައެވެ. އެ ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަން ސާފެއް ނޫނެވެ. ނަމަވެސް, ޔަހޫދީންގެ ޙަމަލާތަކުގައި ޢުމްރަނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަން ސޫރިޔާގެ ދިފާޢީ ވުޒާރާއިން ހާމަކުރިއެވެ.

2023 އޮކްޓޫބަރު 7ން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 41,870އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 97,166އަށް މީހުން ޒަޚަމު ކޮށްލާފައެވެ.