ޚަބަރު

ބައިރޫތަށް ވަޑައިގެންނެވި ފަހުން އީރާނުގެ ޤުދްސް ފޯސްގެ ކޮމާންޑަރުގެ ޚަބަރެއް ނުވޭ: މަޞްދަރުތައް


ލުބްނާނުގެ ބައިރޫތަށް ހުސްވި ހަފުތާގައި ވަޑައިގެންނެވި އީރާނުގެ ބާރުގަދަ ޤުދްސް ފޯސްގެ ކޮމާންޑަރު އިސްމާޢީލް ޤައަނީގެ ޚަބަރެއް ސެޕްޓެންބަރު 4ވަނަ ދުވަހަށް ފަހު ނުވާ ކަން އީރާނުގެ މަޞްދަރުތަކުން ހާމަކޮށްފިއެވެ. ޤައަނީ ބައިރޫތަށް ވަޑައިގަންނަވާފައި ވަނީ ސެޕްޓެންބަރު 27ވަނަ ދުވަހު ޔަހޫދީ ފައުޖުން ދިން ނިރުބަވެރި ޙަމަލާތަކެއްގައި ލުބްނާނުގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުالله ޝަހީދު ކޮށްލުމާ ގުޅިގެންނެވެ. އީރާނުގެ ސަލާމަތީ ދާއިރާގެ މަޞްދަރުތަކުން ބުނީ, ބައިރޫތަށް ވަޑައިގެންނެވި ފަހުން ޤައަނީގެ އެއްވެސް ޚަބަރެއް ނުވާ ކަމުގައެވެ.

ޙިޒްބުاللهގެ އެކްޒެކެޓިވް ކައުންސިލުގެ ވެރިޔާ ހާޝިމް ޞަފީއްދީން ޝަހީދު ކޮށްލުމުގެ ނަމުގައި ޔަހޫދީ ފައުޖުން އޮކްޓޫބަރު 4ވަނަ ދުވަހު ބައިރޫތުގެ ޟާޙިޔާ ޑިސްޓްރިކްޓަށް ނިރުބަވެރި ޙަމަލާތަކެއް ދިން ވަގުތު ޤައަނީ އެ ރަށުގައި ހުންނެވި ކަމުގައި އީރާނުގެ މަޞްދަރުތަކުން ހާމަކުރިއެވެ. ނަމަވެސް, ދަތުރުފުޅުގައި ޤައަނީ ޞަފީއްދީނާ ބައްދަލު ކުރައްވާފައެއް ނުވެއެވެ.

ޞަފީއްދީން ޝަހީދު ކޮށްލަން ކަމަށް ބުނެ ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާތަކަށް ފަހު އޭނާގެ ޚަބަރެއް ވެސް ވެފައެއް ނެތެވެ. ޙިޒްބުاللهން ބުނީ, ޞަފީއްދީން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ގޮތުން ޔަހޫދީ ފައުޖުން ޟާޙިޔާ ޑިސްޓްރިކްޓަށް މެދުކެނޑުމެއް ނެތި ބޮން އަޅަމުންދާ ކަމުގައެވެ. އަދި, އޭނާ ޝަހީދުވެފައިވާ ކަން ޙިޒްބުاللهން ކަށަވަރު ކޮށްދީފައެއް ވެސް ނެތެވެ. ނަޞްރުالله ޝަހީދު ކޮށްލުމުން އޭނާގެ ޒިންމާތަކާ ދެން ހަވާލުވެ ވަޑައިގަންނަވާނެ ކަމަށް ބެލެވިފައި އޮތީ ޞަފީއްދީނެވެ.

ޤުދްސް ފޯސަކީ އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ ޖާސޫސީ އިދާރާއެވެ. ޤުދްސް ފޯސްގެ ވެރިޔާގެ މަޤާމާ ޤައަނީ ހަވާލުވެޑައިގަތީ އެ މަޤާމު ފުރުއްވަމުން ގެންދެވި ޤާސިމް ސުލަޔިމާނީ ޝަހީދު ކޮށްލުމާ ގުޅިގެންނެވެ. ސުލަޔިމާނީ ޝަހީދު ކޮށްލާފައި ވަނީ އެމެރިކާގެ އަސްކަރިއްޔާއިން ޢިރާޤުގެ ވެރިރަށް ބަޣްދާދަށް 2020ވަަނަ އަހަރު ދިން ނިރުބަވެރި ޙަމަލާއެއްގައެވެ.

ލުބްނާނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފެށީ ސެޕްޓެންބަރު 23ވަނަ ދުވަހުއެވެ. ނަޞްރުالله ޝަހީދު ކޮށްލާފައި ވަނީ ފަނާކުރަނިވި ބޮންތަކެއް ބޭނުން ކޮށްގެން ސެޕްޓެންބަރު 27ވަނަ ދުވަހު ބައިރޫތުގެ ޟާޙިޔާ ޑިސްޓްރިކްޓަށް ދިން ނިރުބަވެރި ޙަމަލާތަކެއްގައެވެ. އެ ބޮންތައް ޔަހޫދީންނަށް ފޯރުކޮށްދީފައި ވަނީ އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާގެ ރައީސް ޖޯ ބައިޑަނެވެ. އެ ދުވަހުގެ ޙަމަލާތަކުގައި އައިއާރްޖީސީގެ ކޮމާންޑަރުގެ ނައިބު ޢައްބާސް ނިލްފުރޫޝާން ވެސް ޝަހީދު ކޮށްލިއެވެ. އީރާނުން ވަނީ ޔަހޫދީންގެ ކިބައިން އެ ކަމުގެ ބަދަލު ހިފާފައެވެ.

ނަޞްރުاللهއާއި ނިލްފުރޫޝާން ޝަހީދު ކޮށްލުމުން އެ ކަމުގެ ބަދަލު ހިފުމަށް އައިއާރްޖީސީން ޙަމަލާ ދީފައި ވަނީ އޮކްޓޫބަރު 1ވަނަ ދުވަހުއެވެ. ޒަޔަނިސްޓު ދައުލަތުގެ ރަށްތަކުގައި ހުރި ޔަހޫދީ ފައުޖުގެ އަސްކަރީ މަރުކަޒުތަކަށް 180އެއްހާ ބެލިސްޓިކް މިސައިލް ބޭނުން ކޮށްގެން ދިން ޙަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބުނު މަންޒަރު ވީޑިޔޯތަކުން ފެނުނެވެ. ނަމަވެސް, އެ ޙަމަލާތަކުގައި ލިބިފައިވާ ގެއްލުންތަކުގެ ތަފުސީލު ހާމަ ކުރަން ޔަހޫދީން ދަނީ ދެކޮޅު ހަދަމުންނެވެ. ޔަހޫދީ ފައުޖުން ބުނީ އީރާނުގެ ގިނަ މިސައިލްތައް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައެވެ.

ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ލުބްނާނުގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 2,000އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައި ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 9,000އަށް އަރައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.2 މިލިޔަނަށް އުފުލިފައިވާއިރު, އދން ބުނީ އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ މަގުތަކުގެ މަތީގައި ކަމުގައެވެ.