ޚަބަރު

ޢައްޒާ ޢުދުވާން ހުއްޓައިލަން ޔަހޫދީން އަދިވެސް ދެކޮޅު: ޙަމާސް


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެންނަން ޔަހޫދީން އިންކާރު ކުރަމުންދާ ކަމުގައި އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ހާމަކޮށްފިއެވެ. ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ މީގެ އަހަރެއް ކުރިންނެވެ. އެ ޢުދުވާންތައް ހުއްޓުމަކަށް ގެނައުމަށް ކުރަމުންދާ މަޝްވަރާތައް ވިލަރެސް ކުރަނީ މިޞްރާއި ޤަޠަރު ގުޅިގެންނެވެ.

މަޝްވަރާތަކުގައި ޙަމާސް ޖަމާޢަތް ތަމްސީލު ކުރައްވާ ޣައްޒާގެ ވެރިޔާގެ ނައިބު ޚަލީލް އަލް-ޙައްޔާ ވިދާޅުވީ, މަޝްވަރާތަކަށް ޔަހޫދީން ހުރަސް އަޅަމުންދާ ކަމަށާއި, ޙަމާސާ އެކު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލަން ޔަހޫދީން އިންކާރު ކުރަމުންދާ ކަމުގައެވެ. ޣައްޒާ ޢުދުވާން ހުއްޓައިލަން ދެކޮޅު ހަދަމުން ދަނީ ޒަޔަނިސްޓު ދައުލަތުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއެވެ. އަދި, ޢުދުވާންތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިޔުމަށް ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާއިން ދަނީ ވާގިވެރިވަމުންނެވެ.

ޤަޠަރާއި މިޞްރުން މެދުވެރިންގެ ގޮތުގައި އިސްވެ ކުރަމުންދާ މަޝްވަރާތަކުގައި އެމެރިކާއިން ވެސް ދަނީ ނަމެއްގައި ބައިވެރިވަމުންނެވެ. ނަމަވެސް, އަހަރަކަށް ފަހު މަޝްވަރާތަކުގައި އެއްވެސް ކުރިއެރުމެއް ލިބިފައެއް ނެތެވެ. މަޝްވަރާތަކުގެ މައިގަނޑު މަޤުޞަދަކީ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް ހުއްޓުވައި, ޙަމާސުން ރަހީނު ކޮށްފައިވާ ޔަހޫދީ އަސީރުން މިނިވަން ކުރުވުމެވެ. އަދި, ޔަހޫދީންގެ ޖަލުތަކުގައި ބަންދު ކޮށްފައިވާ ފަލަސްޠީނުގެ އެތަކެއް ހާސް ރައްޔިތުން މިނިވަން ކުރުމެވެ.

ޣައްޒާ ޢުދުވާނަށް އެއް އަހަރު ފުރުމާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން ޙައްޔާ ވިދާޅުވީ, މަޝްވަރާތަކުގައި ޙަމާސުން ބައިވެރިވަމުން ދަނީ ހެޔޮ ނިޔަތެއްގައި ކަމުގައެވެ. އަދި, ޔަހޫދީންގެ ގިނަ ހުށަހެޅުންތަކަށް އެ ޖަމާޢަތުން ދޫދީފައިވާނެ ކަމުގައެވެ. ނަމަވެސް, އަނިޔާވެރި ނަތަންޔާހޫއާއި އޭނާގެ ސަރުކާރުން އެއްބަސްވުމެއް އެކުލަވައިލަން ހުރަސް އެޅެން އޮތް ހުރިހާ ގޮތަކަށް އަމަލު ކުރަމުންދާ ކަން އޭނާ ހާމަ ކުރެއްވިއެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ވެސް މި ކަމާ އެއްބަސްވެއެވެ. މަޝްވަރާތަކަށް ހުރަސް އެޅުމުގެ ގޮތުން އަނިޔާވެރި ނަތަންޔާހޫ ދަނީ އެއްބަސްވުމުގެ ދެލިކޮޕީއަށް އުނިއިތުރު ގެންނަން ހުށަހަޅަމުންނެވެ. އަދި, އެމެރިކާއިން ދަނީ އެ ފުރުޞަތު ފަހިކޮށްދެމުންނެވެ.

ޙައްޔާ ވިދާޅުވީ, ޔަހޫދީންނާ އެކު ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއިކުރަން ޙަމާސުން މިހާރު ވެސް ތައްޔާރަށް އޮތް ކަމުގައެވެ. ނަމަވެސް, އެ ޖަމާޢަތުގެ ޝަރުޠުތަކަށް އުނިއިތުރު ގެނައުމުގެ ފުރުޞަތު ޔަހޫދީންނަށް ނުދެވޭނެ ކަމުގައެވެ. ޙަމާސްގެ ޝަރުޠުތަކުގެ ތެރޭގައި ޢުދުވާން ހުއްޓައިލުމާއި, ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން އެ ސަހަރުން ފޭބުމާއި, ގެދޮރު ނެތިކޮށްލާފައިވާ ރެފިއުޖީންނަށް އެނބުރި ވަޒަނަށް ދިޔުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ އިތުރުން ރަހީނުންގެ ބަދަލުގައި ޔަހޫދީން ޖަލަށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުން މިނިވަން ކުރުން ހިމެނެއެވެ.

ޔަހޫދީންގެ އަޅުވެތިކަމަށް ކެތް ނުކުރެވިގެން މީގެ އަހަރެއް ކުރިން ޙަމާސްގެ މުޖާހިދުން ޒަޔަނިސްޓު ދައުލަތުގެ ރަށްތަަކަށް ދިން ޙަމަލާތަކުގެ ސަބަބުން ފަލަސްޠީނުގެ މިނިވަން ކަމުގެ މައްސަލައަށް ބައިނަލްއަޤުވާމީ މަސްރަޙުގެ ސަމާލު ކަން ލިބުނު ކަމުގައި ވެސް ޙައްޔާ ވިދާޅުވިއެވެ. "އަޅުގަނޑަށް ވަރަށް ޔަގީންކަމާ އެކު ދަންނަވަން ކެރޭ, ބައިނަލްއަޤުވާމީ މަސްރަޙުގައި އެންމެ ބޮޑު ސަމާލުކަމެއް މި ވަގުތު ދީފައިވާ މައްސަލައަކީ ޔަހޫދީންގެ އަޅުވެތިކަމާއި ފަލަސްޠީނުގެ މިނިވަންކަމާ ގުޅޭ މައްސަލަ ކަން. އަޅުގަނޑުމެންގެ ރައްޔިތުންނަށް މިނިވަން ކަން ހޯދައިނުދީ މި ސަރަޙައްދުގައި ސުލްޙައާއި ހަމަޖެހުން ޤާއިމު ނުކުރެވޭނެ ކަން ހުރިހާ ޕާޓީއަކުން މިހާރު ޤަބޫލު ކުރޭ،" ޙައްޔާ ވިދާޅުވިއެވެ.

2023 އޮކްޓޫބަރު 7ން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 41,909އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 97,303 މީހުން ޒަޚަމު ކޮށްލާފައެވެ.