ޚަބަރު

ސަޢޫދީ ރަސްގެފާނު ފުއްޕާމޭގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަނީ


ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީރު އަލް-ސުޢޫދު ފުއްޕާމޭގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަމުން ގެންދަވާ ކަން އެ ޤައުމުގެ ޝާހީ ގަނޑުވަރުން ހާމަކޮށްފިއެވެ. ޝާހީ ގަނޑުވަރާ ޙަވާލާދީ އެ ޤައުމުގެ ދައުލަތުގެ މީޑިޔާއިން ބުނީ ފުއްޕާމޭގެ އާލާސްކަންފުޅަކާ ގުޅިގެން ރަސްގެފާނު ސަލްމާންގެ ޓެސްޓުތަކެއް އޮކްޓޫބަރު 6ވަނަ ދުވަހު ހަދާފައިވާ ކަމުގައެވެ.

ނަމަވެސް, 88 އަހަރުގެ ރަސްގެފާނު ސަލްމާނަށް ކުރިމަތިވެފައިވާ އާލާސްކަންފުޅުގެ އިތުރު ތަފުސީލު ޝާހީ ގަނޑުވަރުން ހާމަކޮށްފައެއް ނެތެވެ. މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން އެމެރިކާއާ އެކު އެންމެ ގާތް ގުޅުމެއް ބާއްވަމުންދާ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން މި އަހަރުގެ މޭ މަހުގެ ތެރޭގައި ވެސް އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވިއެވެ. އެ ފަހަރު ވެސް ފަރުވާ ހޯއްދަވާފައި ވަނީ ފުއްޕާމޭގެ އާލާސްކަންފުޅަކަށެވެ.

ސަޢޫދީ ޢަރަބިއްޔާއަކީ ތެޔޮ އެކްސްޕޯޓު ކުރާ އެންމެ ބޮޑު ޤައުމެވެ. ރަސްގެފާނު ސަލްމާން އެ ޤައުމުގެ ކެބިނެޓުގެ ބައްދަލުވުމެއްގެ ރިޔާސަތު އެންމެ ފަހުން ބަލަހައްޓަވާފައި ވަނީ އޮގަސްޓު މަހުއެވެ. އެ މަހުގެ ތެރޭގައި ރަސްގެފާނު ސަލްމާން ވަނީ, އޭނާ, ނުވަތަ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާންގެ ބައިވެރިވުމާ ނުލައި, އެ ޤައުމުގެ ކެބިނެޓުގެ ބައްދަލުވުންތައް ކުރިއަށް ގެންދިޔުމުގެ ހުއްދަ ޝާހީ އަމުރެއްގެ ދަށުން ދެއްވާފައެވެ. އެ އަމުރުގައިވާ ގޮތުން, ރަސްގެފާނު ނުވަތަ ވަލީއަޙުދަށް ބައިވެރިވެ ވަޑައިނުގެންނެވޭ ހާލަތްތަކުގައި ކެބިނެޓުގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ ރަސްގެފާނު ސަލްމާންގެ ބައްޕާފުޅު, ރަސްގެފާނު ޢަބްދުލްޢަޒީޒް އަލް-ސުޢޫދުގެ ދަރިފަސްކޮޅުގެ އެންމެ ދޮށީ ބޭފުޅެކެވެ.