ޚަބަރު

ޙިޒްބުاللهގެ ވެރިކަމާ ޙަވާލުވާން ތިބި ކޮމާންޑަރުން ޝަހީދުކޮށްލާފައިވާނެ ކަމަށް ޔަހޫދީން ބުނެފި


ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުالله ޝަހީދުކޮށްލުމުން އޭނާގެ ޒިންމާތަކާއި މަސްޢޫލިއްޔަތުތަކާ ޙަވާލުވެ ވަޑައިގަންނަވާނެ ކަމަށް ބެލެވިފައިވާ ދެ ކޮމާންޑަރަކު ޝަހީދު ކޮށްލާފައިވާނެ ކަމުގައި ޒަޔަނިސްޓު ދައުލަތުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ. އޭނާ މިހެން ބުނެފައި މި ވަނީ, ނަޞްރުاللهގެ ބަދަލުގައި ޙިޒްބުاللهގެ ވެރިކަމާ ދެން ޙަވާލުވެ ވަޑައިގަންނަވާނެ ކަމަށް ބެލެވިފައިވާ ހާޝީމް ޞަފީއްދީން ޝަހީދު ކޮށްލުމުގެ ނަމުގައި ވެރިރަށް ބައިރޫތަށް ޔަހޫދީ ފައުޖުން ނުރައްކާތެރި ޙަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ.

ޙިޒްބުالله ނައްތައިލުމުގެ ނަމުގައި ލުބްނާންގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ ސެެޕްޓެންބަރު 23ވަނަ ދުވަހުއެވެ. ނަޞްރުالله ޝަހީދު ކޮށްލާފައި ވަނީ ބައިރޫތުގެ ޟާޙިޔާ ޑިސްޓްރިކްޓަށް ސެޕްޓެންބަރު 27ވަނަ ދުވަހު ދިން ޙަމަލާތަކެއްގައެވެ. އެއަށްފަހު, އޮކްޓޫބަރު 4ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ޞަފީއްދީން ޝަހީދު ކޮށްލަން އެ ސަރަޙައްދަށް އިތުރު ޙަމަލާތަކެއް ދީފައެވެ.

އެ ޙަމަލާތަކުގައި ޞަފީއްދީން ޝަހީދު ކޮށްލާފައިވާ ކަން ޙިޒްބުاللهން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. އެ ކަން ޔަހޫދީންނަށް ވެސް ކަށަވަރު ކުރެވިފައެއް ނުވެއެވެ. ނަމަވެސް, އެ ދުވަހުގެ ޙަމަލާތަކަށް ފަހު ޞަފީއްދީންގެ ޚަބަރެއްވެފައި ނުވާ ކަން ލުބްނާންގެ ސަލާމަތީ ދާއިރާގެ މަޞްދަރުތަކުން ވަނީ ހާމަކޮށްފައެވެ. އަނިޔާވެރި ނަތަންޔާހޫ ބުނީ, ނަޞްރުاللهގެ ބަދަލުގައި ޙިޒްބުاللهގެ ވެރިކަމާ ދެން ޙަވާލުވާނެ ކަމަށް ބެލެވިފައިވާ ދެ ކޮމާންޑަރުން ވެސް ޝަހީދު ކޮށްލާފައިވާނެ ކަމުގައެވެ. ނަމަވެސް, އެއީ ކޮން ދެ ބޭފުޅުންނެއް ކަން އޭނާ ސާފުކޮށްދީފައެއް ނެތެވެ.

އެންމެ ފަހުން ބައިރޫތަށް ދީފައިވާ ޙަމަލާތަކުގައި ޙިޒްބުاللهގެ އިސް އޮފިޝަލެއް ކަމުގައިވާ ސުހަޔިލް ޙުސައިން އަލް-ޙުސައިނީ ޝަހީދު ކޮށްލާފައިވާނެ ކަމުގައި ވެސް ޔަހޫދީ ފައުޖުން ބުންޏެވެ. ނަމަވެސް, ޙިޒްބުاللهން އެ ކަން ކަށަވަރު ކޮށްދީފައެއް ނެތެވެ. ލުބްނާންގެ އިރުދެކުނުގައި ހަރަކާތްތެރިވާ ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން މިހާރު ދަނީ އެ ޤައުމުގެ ހުޅަނގުދެކުނުގައިވާ ސަރަޙައްދުތަކަށް ޤަތުލުޢާންމުތައް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ޔަހޫދީ ފައުޖުގެ އެތަކެއް ހާސް ސިފައިން އެ ޤަތުލުޢާންމުތަކުގައި ބައިވެރިވަމުންދާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.

ޔަހޫދީ ފައުޖުން އަދިވެސް ދަނީ ލުބްނާންގެ ރަށްތަކަށް މެދުކެނޑުމެއް ނެތި ބޮން އަޅަމުންނެވެ. ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން އެއްގަމު މަގުން ލުބްނާންގެ ދެކުނުގެ ސަރަޙައްދުތަކަށް އަރައިގަނެ, ޤަތުލުޢާންމު ފުޅާ ކޮށްފައި ވަނީ އޮކްޓޫބަރު 1ވަނަ ދުވަހުއެވެ. އަދި, އޮކްޓޫބަރު 8ވަނަ ދުވަހު, ޔަހޫދީން ވަނީ އެ ސަރަޙައްދަށް އިތުރު ސިފައިން ފޮނުވާފައެވެ. ޔަހޫދީންގެ ޢުދުވާނުގެ ބަދަލު ހިފުމުގެ ގޮތުން އޮކްޓޫބަރު 8ވަނަ ދުވަހު ޙިޒްބުاللهން ވަނީ ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް 200އެއްހާ ރޮކެޓު ޙަމަލާ ދީފައެވެ. އެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އުތުރުގައި އޮތް ބަނދަރުމަތީ ރަށް, ޚައިފާއަށެވެ. އެ ޙަމަލާތަކުގައި ޢުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ޔަހޫދީ ފައުޖުގެ އެންމެ ނުރައްކާތެރި ޙަމަލާތައް އަދިވެސް އަމާޒު ކުރަމުން ދަނީ ޟާޙިޔާ ޑިސްޓްރިކްޓަށެވެ. ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި އެ ސަރަޙައްދުގައި ޢާންމުން ދިރިއުޅޭ އިމާރާތްތަކަށް ބޮންއަޅައި 36 މީހުން ޝަހީދު ކޮށްލާފައިވާ ކަން ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އަދި, އިތުރު 150 މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އެންމެ ފަހުގެ ޙަމަލާތަކުގައި ޟާޙިޔާގައި ޢާންމުން ދިރިއުޅޭ ހަތަރު އިމާރާތެއް ސުންނާފަތިކޮށް, ބިމާ ހަމަކޮށްލިއެވެ.

ނަޞްރުالله ޝަހީދު ކޮށްލަން ދިން ޙަމަލާގައި ޔަހޫދީ ފައުޖުން ވަނީ އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ ކޮމާންޑަރުގެ ނައިބު ޢައްބާސް ނިލްފުރޫޝާން ވެސް ޝަހީދު ކޮށްލާފައެވެ. އަދި, ޖުލައި 31ވަނަ ދުވަހު އީރާނުގެ ވެރިރަށް ތަހްރާނަށް ނިރުބަވެރި ޙަމަލާއެއްދީ, ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލާފައެވެ. އީރާނުން ވަނީ, އެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އޮކްޓޫބަރު 1ވަނަ ދުވަހު 180އެއްހާ ބެލިސްޓިކް މިސައިލް ބޭނުން ކޮށްގެން ޒަޔަނިސްޓު ދައުލަތުގެ ރަށްތަކުގައިވާ ޔަހޫދީ ފައުޖުގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ އަދި ނުރައްކާތެރި ޙަމަލާތަކެއް ދީފައެވެ.

އެ ޙަމަލާތަކުގެ ބަދަލު ހިފުމަށް ޔަހޫދީން މި ވަގުތު ދަނީ ތައްޔާރުވަމުންނެވެ. ނަމަވެސް, އީރާނުގެ ޚާރިޖީ ވުޒާރާއިން ވަނީ އެ ކަމާ ދެކޮޅަށް އިންޒާރު ދީފައެވެ. އަދި, އީރާނަށް ޙަމަލާއެއް ދިނުމުގައި ގަލްފުގެ ޤައުމުތަކުގެ ވައިގެ ސަރަޙައްދު ބޭނުން ކުރުމުގެ ފުރުޞަތު ނުދިނުމަށް އެ ޤައުމުތަކަށް ގޮވައިލާފައެވެ. އީރާން ސަރުކާރުގެ އިސް އޮފިޝަލަކު ބުނީ, އެ ޤައުމަށް ޙަމަލާ ދިނުމަށް ގަލްފުގެ ޤައުމުތަކުގެ ވައިގެ ސަރަޙައްދު ބޭނުން ކުރުމުގެ ހުއްދަ ޔަހޫދީންނަށް ދިނުމަކީ "ބަލައިގަނެވޭނެ އަމަލެއް ނޫން" ކަމުގައެވެ.

ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ލުބްނާނުގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 2,000އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައި ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 9,000އަށް އަރައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.2 މިލިޔަނަށް އުފުލިފައިވާއިރު, އދން ބުނީ އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ މަގުތަކުގެ މަތީގައި ކަމުގައެވެ.