ޚަބަރު

ޣައްޒާ ޢުދުވާން ހުއްޓައިލުމަކީ މިހާރު ޙިޒްބުاللهގެ ޝަރުޠެއް ނޫން: ހުޅަނގުގެ މީޑިޔާ


ލުބްނާނުގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهން ޔަހޫދީންނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ފަށާފައި ވަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ދިފާޢުގައެވެ. އަދި, ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޙަމާސް ޖަމާޢަތުގެ މުޖާހިދުންނަށް ވާގިވެރިވުމުގެ ގޮތުންނެވެ. ޙިޒްބުاللهން ބުނަމުން ގޮސްފައި ވަނީ, ޔަހޫދީންނަށް ޙަމަލާ ދިނުން ހުއްޓައިލާނީ ޣައްޒާގެ ޢާންމު ރައްޔިތުން ޝަހީދު ކުރުމަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނަށް ނިމުމެއް ގެނައުމުން ކަމުގައެވެ.

ޙިޒްބުالله ހުއްޓުވުމުގެ ނަމުގައި ސެޕްޓެންބަރު 23ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ލާއިންސާނީ ޖަރީމާތަކެއް ފަށާފައެވެ. އަދި, ވެރިރަށް ބައިރޫތުގެ އިތުރުން އެހެން ބޮޑެތި ރަށްތަކަށް ފަނާކުރަނިވި ވައިގެ ޙަމަލާތަކެއް ދިނުމަށް ފަހު އޮކްޓޫބަރު 1ވަނަ ދުވަހު ޔަހޫދީން ވަނީ ލުބްނާނުގެ ދެކުނުގެ ސަރަޙައްދުތަކަށް އެ މީހުންގެ އަނިޔާވެރި ސިފައިން ފޮނުވާފައެވެ. އަދި, ބަރުހަތިޔާރާ އެކު އެ ސަރަޙައްދުތަކަށް އަރައި ލުބްނާންގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ޤަތުލުޢާންމު ހިންގަން ފަށާފައެވެ.

ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން ޙިޒްބުاللهގެ ރާގު ބަދަލުވެފައިވާ ކަމަށް ހުޅަނގުގެ މީޑިޔާތަކުން ރިޕޯޓު ކުރިއެވެ. އެ މީޑިޔާތަކުން އިޝާރާތް ކޮށްފައި ވަނީ, ޙިޒްބުاللهގެ ވެރިޔާގެ ނައިބު ނަޢީމް ޤާސިމް ޓީވީ މެދުވެރިކޮށް ދާދިފަހުން ދެއްވި ބަސްދީގަތުމަކަށެވެ. ސެޕްޓެންބަރު 27ވަނަ ދުވަހު ޔަހޫދީ ފައުޖުން ބައިރޫތަށް ދިން ނިރުބަވެރި ޙަމަލާތަކުގައި ޙިޒްބުاللهގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުالله ޝަހީދުކޮށްލި ފަހުން, އޭނާގެ ޒިންމާތަކާއި މަސްޢޫލިއްޔަތުތައް މިހާރު އަދާ ކުރައްވަމުން ގެންދަވަނީ ޤާސިމެވެ.

ޤާސިމް ވިދާޅުވީ ޔަހޫދީންނާ އެކު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލަން ލުބްނާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ނަބީޙް ބައްރީ ފަށްޓަވާފައިވާ މަސައްކަތްތަކަށް ތާޢީދު ކުރަން ޙިޒްބުاللهން ތައްޔާރަށް އޮތް ކަމުގައެވެ. ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓައިލުމުގެ ޝަރުޠު ޙިޒްބުاللهން ދޫކޮށްލާފައިވާ ކަމުގައި އޭނާ ވިދާޅުވެފައެއް ނުވެއެވެ.

އެއްވެސް ޝަރުޠަކާ ނުލައި ޔަހޫދީންނާ މަޝްވަރާ ކޮށްގެން ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލަން ހުށަހަޅުއްވާފައި ވަނީ ބައްރީއެވެ. އޭނާއަކީ ޙިޒްބުاللهއަށް ތާޢީދު ކުރައްވާ ބޭފުޅެކެވެ. ޤާސިމް ވިދާޅުވީ, ބައްރީގެ ހުށަހެޅުމަށް ޙިޒްބުاللهން ތާާޢީދު ކުރަން ތައްޔާރަށް އޮތް ނަމަވެސް, ޙަމާސާއި ފަލަސްޠީނުގެ ރައްޔިތުންނާ އެކު ޙިޒްބުاللهން ދެމިއޮންނާނެ ކަމުގައެވެ. އަދި, އެ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގައެވެ.

"ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމުގެ ނަމުގައި ބައްރީ ކުރައްވަމުން ގެންދަވާ ސިޔާސީ މަސައްކަތްތަކަށް ތާޢީދު ކުރަން އަޅުގަނޑުމެން ތައްޔާރު. ނަމަވެސް, ދުޝްމަނުން [ޔަހޫދީން] ހަނގުރާމަ [ލާއިންސާނީ ޖަރީމާތައް] ހުއްޓައިލަން ދެކޮޅު ހަދާ ނަމަ, ގޮތް ނިންމާނީ ހަނގުރާމައިގެ މައިދާނުން،" ޤާސިމް ވިދާޅުވިއެވެ. ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެނައުމުގެ ޝަރުޠާ ނުލައި ޔަހޫދީންނާ އެކު މަޝްވަރާ ކޮށްގެން ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމާ ގުޅޭ ގޮތުން ޙަމާސްގެ އެހެން ދެ އޮފިޝަލަކު ވެސް ދާދިފަހުން ވާހަކަފުޅު ދައްކަވާފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. ނަމަވެސް, އެ ޝަރުޠު ދޫކޮށްލާފައިވާ ކަން ޙިޒްބުاللهން ރަސްމީ ސިފައެއްގައި ކަށަވަރު ކޮށްދީފައެއް ނެތެވެ.

މި ކަމާ ގުޅޭ ގޮތުން ޙަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ ސާމީ އަބޫ ޒަހްރީ ވިދާޅުވީ, ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެނައުމަކީ ޙިޒްބުاللهން ޔަހޫދީންނާ އެކު ހަދާ ކޮންމެ އެއްބަސްވުމެއްގެ މައިގަނޑު ޝަރުޠަށް ވާނެ ކަމުގެ ޔަގީން ކަން އޮތް ކަމުގައެވެ. ނަމަވެސް, އެ ޝަރުޠު ދޫކޮށްލުމަށް ޙިޒްބުاللهން ނިންމާފައިވާ ކަމުގައި ލުބްނާނުގެ ސަރުކާރުގެ އޮފިޝަލަކު ވެސް ބުންޏެވެ. ސަބަބަކީ, ޔަހޫދީންގެ ޖަރީމާތަކުގައި ލުބްނާންގެ ޢާންމު ރައްޔިތުންގެ ތެރެއިން އެތަކެއް ހާސް ބަޔަކު ޝަހީދު ކުރަމުން ދިޔުމެވެ. އަދި, އެތަކެއް މިލިޔަން މީހުން ގެދޮރު ނެތިކޮށްލާފައިވުމެވެ. ޙިޒްބުاللهގެ ސިޔާސީ ގޮފީގެ ވެރިން ވެސް އެ ކަމާ އެއްބަސްވާ ކަމުގައި ލުބްނާން ސަރުކާރުގެ މަޞްދަރުތަކުން ބުންޏެވެ.

ލުބްނާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުން ވެސް ދަނީ, އެ ޤައުމުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް ހުއްޓުވަން ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލަން ޙިޒްބުاللهއަށް ބާރު އަޅަމުންނެވެ. އަދި, ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެނައުމަކީ އެ ކަމުގެ ޝަރުޠުތެއްގެ ގޮތުގައި ނުހެދުމަށް ގޮވައިލަމުންނެވެ. "އަޅުގަނޑުމެންގެ [ލުބްނާނުގެ ރައްޔިތުންގެ] ތަޤުދީރު ޣައްޒާގެ ރައްޔިތުންގެ ތަޤުދީރާ ގުޅުވޭކަށް ނެތް،" ލުބްނާންގައި ދިރިއުޅޭ ދުރްޒީ ދަރިކޮޅުގެ މީހުންގެ އިސް އޮފިޝަލެއް ކަމުގައިވާ ވަލީދު ޖުމްބިލާޠު ވިދާޅުވިއެވެ.

ލުބްނާނުގައި ދިރިއުޅޭ މަސީހީދީނުގެ ރައްޔިތުން ތަމްސީލު ކުރައްވާ ސިޔާސީ ބޭފުޅެއް ކަމުގައިވާ ސުލަޔިމާން ފަރަންޖިއްޔާ ވިދާޅުވީ ޙިޒްބުاللهން އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ އެ ޤައުމުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް ކަމުގައެވެ. ލުބްނާނުގެ ރައްޔިތުންނަށް އެކަތިގަނޑެއްގެ ގޮތުގައި އަލުން ތެދުވެ, ނަޞްރު ޙޯދުމުގެ ފުރުޞަތު ލިބޭނީ އެއިރުން ކަމުގައި އޭނާ ދެކެވަޑައިގަންނަވައެވެ.

މި ކަމާ އެއްބަސްވާ ބޭފުޅުންގެ ތެރޭގައި ޙިޒްބުاللهގެ އިސް އޮފިޝަލެއް ކަމުގައިވާ މަޙްމޫދު ޤިމާޠީ ހިމެނި ވަޑައިގަންނަވައެވެ. ޢިރާޤުގެ ޓީވީއަކަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވީ, ލުބްނާނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުމަކަށް ގެނައުމުން, މައްސަލަތަކަށް ސިޔާސީ ޙައްލެއް ހޯދުމަށް ޙިޒްބުاللهން ތައްޔާރަށް އޮތް ކަމުގައެވެ. ނަމަވެސް, އެއްވެސް ސިޔާސީ ޙައްލެއް ހޯދަން ޔަހޫދީން ބޭނުން ނުވާ ކަން އެ މީހުންގެ އަމަލުތަކުން ދަނީ އެނގި, ހާމަވަމުންނެވެ.

ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ލުބްނާނުގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 2,000އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައި ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 9,000އަށް އަރައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.2 މިލިޔަނަށް އުފުލިފައިވާއިރު, އދން ބުނީ އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ މަގުތަކުގެ މަތީގައި ކަމުގައެވެ.