ފަލަސްޠީނުގެ ޣައްޒާގެ އުތުރުގެ ސަރަޙައްދުތަކަށް ޔަހޫދީ ފައުޖުން ދެމުންދާ ނިރުބަވެރި ޙަމަލަތަކާ ގުޅިގެން އެ ސަރަޙައްދުގައި ދިރިއުޅޭ 400,000އެއްހާ މީހުން ގެދޮރުގައި ތާށިވެފައިވާކަން އދން ހާމަކޮށްފިއެވެ. ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން މި ވަގުތު އެންމެ ގިނަ ޙަމަލާތައް އަމާޒު ކުރަމުން ދަނީ އެ ސަހަރުގެ އުތުރުގައި އޮތް ޖަބާލިޔާ ރެފިއުޖީ ކޭމްޕަށެވެ.
އަސްކަރީ ޓޭންކުފަހަރު ބޭނުން ކޮށްގެން ޔަހޫދީ ފައުޖުން އެ ކޭމްޕު އޮންނަ ސަރަޙައްދު ވަށައިލާފައިވާއިރު, ޔަހޫދީ ފައުޖުގެ އަސްކަރީ މަތިންދާބޯޓުތަކުން މެދުކެނޑުމެއް ނެތި ދަނީ އެ ކޭމްޕަށް ބޮން އަޅަމުންނެވެ. ފަލަސްޠީނުގެ ރެފިއުޖީންނާ ބެހޭ އދގެ އިދާރާ (އުންރްވާ)ގެ ވެރިޔާ ފިލީޕޯ ލަޓްޒަރީނީ ވަނީ މި ކަމާ މެދު ކަންބޮޑުވުން ފާޅު ކުރައްވާާފައެވެ.
"ޔަހޫދީން ދަނީ ޣައްޒާގައި ހާލުގައި ޖައްސާފައިވާ ރައްޔިތުން އެއްތަނުން އަނެއް ތަނަށް ބަދަލުވާން މަޖުބޫރު ކުރުވަމުން, ޚާއްޞަކޮށް ޖަބާލިޔާ ރެފިއުޖީ ކޭމްޕުގައި ދިރިއުޅޭ މީހުން. އެހެން ތަނަކަށް ބަދަލުވާން އެ މީހުން [ޣައްޒާގެ ރައްޔިތުން] ދެކޮޅު ހަދަނީ, ޣައްޒާގައި ރައްކާތެރި އެއްވެސް ތަނެއް ނެތް ކަން އިނގޭތީ،" އޭނާ ވިދާޅުވިއެވެ. ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކާ ގުޅިގެން އުންރްވާން ހިންގާ ވަގުތީ ހިޔާތައް ބަންދު ކުރަން މަޖުބޫރުވެފައިވާ ކަމުގައި ކަން ވެސް އޭނާ ހާމަކުރެއްވިއެވެ.
ޣައްޒާގެ އުތުރުގެ ސަރަޙައްދުތަކަށް ޔަހޫދީ ފައުޖުން އެންމެ ފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި 20 މީހުން ޝަހީދު ކޮށްލައި, ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލިއެވެ. އޭގެ ތެރޭގައި ފަރަޙަތު ޢާއިލާގެ ނުވަ މެންބަރުން ހިމެނެއެވެ. އެ މީހުން ޝަހީދު ކޮށްލާފައި ވަނީ, ޣައްޒާ ސިޓީގެ އުތުރުގައި އޮންނަ ޝަޖާޢައްޔަތުގައި އެ މީހުން ދިރިއުޅެމުން ދިޔަ ގެއަށް ބޮންއަޅައިގެންނެވެ. ޣައްޒާގެ މެދުތެރޭގައި އޮތް ނުޞަޔިރާތު ރެފިއުޖީ ކޭމްޕަށް ޙަމަލާދީ, އަލް-ޖަމާލް ޢާއިލާގެ ހަތަރު މެންބަރުން ވެސް ޝަހީދު ކޮށްލިއެވެ. އޭގެ ތެރޭގައި ދެ ކުޑަކުދިން ހިމެނެއެވެ.
ނުޞަޔިރާތަށް ޔަހޫދީ ފައުޖުން ދިން ނިރުބަވެރި ޙަމަލާތަކުގައި އެ ސަރަޙައްދުގެ ފޭލިގެއެއްގައި ދިރިއުޅޭ ޢާއިލާއެއްގެ ހަތަރު މެންބަރުން ވެސް ޝަހީދު ކޮށްލިއެވެ. އަދި, ބުރަޔިޖު ރެފިއުޖީ ކޭމްޕުގައި ހުރި ގެއަކަށް ރަޙުމު ކުޑަ ވައިގެ ޙަމަލާތަކެއްދީ, އެ ގޭގެ އަހުލުވެރިންގެ ތެރެއިން ތިން މީހުން ޝަހީދު ކޮށްލިއެވެ. އޭގެ ތެރޭގައި ވެސް މައުސޫމު ކުޑަކުއްޖަކު ހިމެނެއެވެ.
ޣައްޒާގެ ޞިއްޙީ ޚިދުމަތްތެރިން ބުނީ, ޖަބާލިޔާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ސާފު ނުވާ ކަމުގައެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންނަށް ފަރުވާ ދިނުމަށް އެ ސަރަޙައްދަށް ދަތުރު ކުރަން ޔަހޫދީ ފައުޖުން ހުރަސް އަޅަމުންދާ ކަމުގައެވެ. "[ޔަހޫދީ ފައުޖުން] އެ ދަނީ ޖަބާލިޔާ ސުންނާފަތި ކުރަމުން،" އެ ކޭމްޕުގައި ދިރިއުޅޭ ރައްޔިތުން ބުންޏެވެ. ޖަބާލިޔާގައި ހިންގަމުންދާ ޤަތުލުޢާންމު, އެ ސަރަޙައްދުގައި އޮތް ބަޔިތު ޙާނޫނާއި ބަޔިތު ލާހިޔާއަށް ފުޅާ ކުރަން ތައްޔާރުވަމުންދާ ކަން ޔަހޫދީ ފައުޖުން ވަނީ ހާމަކޮށްފައެވެ.
ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޔަހޫދީ ފައުޖުން އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަންގާފައިވާއިރު, އިންޑޮނީޝިޔާ ހަސްފަތާލާއި, ކަމާލު ޢަދުވާން ހަސްފަތާލުގެ އިތުރުން އަލް-ޢަވްދާ ހަސްފަތާލު ހުސް ކުރަން ވެސް ޔަހޫދީ ފައުޖުން ވަނީ އަމުރު ކޮށްފައެެވެ. އެ ތަނުގައި ފަރުވާ ހޯދަމުންދާ ބަލި މީހުން އެހެން ހަސްފަތާލުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާއިރު, ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން ބުނީ ޣައްޒާގެ ހަސްފަތާލުތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި މަރުކަޒުތަކުގައި އެކަށީގެންވާ ޞިއްޙީ ފަރުވާ ފޯރުކޮށްދެވެން ނެތް ކަމުގައެވެ. ޔަހޫދީ ފައުޖުން ވަނީ ހަސްފަލާތުތަކަށް ބޮންއަޅައި, ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަދި, ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އިތުރުން ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ވެސް ޣައްޒާއަށް އެތެރެ ކުރުމަށް ހުރަސް އަޅާފައެވެ. ޔަހޫދީންގެ ޙަމަލާތަކުން ރައްކާތެރިކަން ހޯދޭނެ އެއްވެސް ތަނެއް މި ވަގުތު ޣައްޒާގައި ނެތް ކަމުގައި އދން ވެސް ބުންޏެވެ.
ޣަައްޒާގެ މިނިވަން ކަމަށް ޖިހާދު ކުރާ މުޖާހިދުންގެ ޖަމާޢަތްތައް ކަމުގައިވާ ޙަމާސާއި އިސްލާމިކް ޖިހާދުގެ މުޖާހިދުން ދަނީ އެ ސަހަރުގެ މުސްލިމުންނާ ދެކޮޅަށް ޤަތުލުޢާންމު ހިންގަމުންދާ ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިންނާ ކުރިމަތިލަމުންނެވެ. އެ ދެ ޖަމާޢަތުން ބުނީ, ޔަހޫދީ ފައުޖުގެ އަސްކަރީ ޓޭންކުފަހަރަށް އަމާޒުކޮށް ވަރުގަދަ ރޮކެޓު ޙަމަލާތަކެއް ދީފައިވާނެ ކަމުގައެވެ. ޒަޔަނިސްޓު ދައުލަތުގެ ރަށްތަކަށް އަމާޒުކޮށް ވެސް ޣައްޒާގެ މުޖާހިދުން ދަނީ މެދުކެނޑުމެއް ނެތި ރޮކެޓު ޙަމަލާތައް ދެމުންނެވެ. އެންމެ ފަހުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އިސްރާއީލުގެ ދެކުނުގައި އޮތް ސްދެރޯތަށެވެ.
2023 އޮކްޓޫބަރު 7ން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 41,965އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 97,590 މީހުން ޒަޚަމު ކޮށްލާފައެވެ.