ޚަބަރު

ތުރުކީވިލާތުން ފަލަސްޠީނަށް އެތެރެކުރާ މުދާ ހަ ގުނަ އިތުރުވެއްޖެ


ތުރުކީވިލާތުން ޒަޔަނިސްޓު ދައުލަތާ އެކު ވިޔަފާރި ކުރުން ހުއްޓައިލުމާ އެކު, އެ ޤައުމުން ފަލަސްޠީނަށް އެތެރެ ކުރާ މުދަލުގެ މިންވަރު ހަ ގުނަ އިތުރުވެފައިވާ ކަން ހާމަވެއްޖެއެވެ. ތުރުކީވިލާތުން އިސްރާއީލާ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންތައް ކަނޑައިލާފައި ވަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް ހުއްޓައިލަން ދެކޮޅު ހެދުމުންނެވެ.

ޣައްޒާ ޢުދުވާން ފަށާފައި ވަނީ މީގެ އަހަރެއް ކުރިން, 2023 އޮކްޓޫބަރު 7ގައެވެ. މި އަހަރުގެ ފުރަތަމަ ނުވަ މަހުގެ ތެރޭގައި ތުރުކީވިލާތުން ފަލަސްޠީނަށް އެތެރެ ކޮށްފައިވާ މުދަލުގެ އަގު 571.2 މިލިޔަން އެމެރިކާ ޑޮލަރަށް އުފުލިފައިވާ ކަން, ތުރުކީވިލާތުން ޢާންމު ކޮށްފައިވާ ތަފާސްހިސާބުތަކުން ސާފުވެއެވެ. ތުރުކީވިލާތުގެ އެކްޕޯޓަރސް އެސެމްބަލީ (ޓީއައިއެމު)ން ހިއްސާ ކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އެއީ 526 އިންސައްތައިގެ އިތުރުވުމެކެވެ.

ބެލެވޭ ގޮތުގައި, ތުރުކީވިލާތުން ފަލަސްޠީނަށް އެތެރެކުރާ މުދަލުގެ މިންވަރު އިތުރުވެފައި މި ވަނީ, އެ ޤައުމުން ޔަހޫދީންނާ އެކު ވިޔަފާރި ކުރުން ހުއްޓައިލުމުންނެވެ. މި އަހަރުގެ ފުރަތަމަ ހަތަރު މަހުގެ ތެރޭގައި ތުރުކީވިލާތުން ވަނީ 49.4 މިލިޔަން އެމެރިކާ ޑޮލަރުގެ މުދާ ފަލަސްޠީނަށް ފޮނުވާފައެވެ. އެއީ, އޭގެ ކުރީ އަހަރުގެ ތަފާސްހިސާބުތަކާ އަޅައިބަލާއިރު 35 އިންސައްތައިގެ ކުރިއެރުމެކެވެ.

ތުރުކީވިލާތުގެ އިދިކޮޅު ވެރިޔާ މުޞްޠަފާ ޔެނެރޯލޫ ވަނީ މި ކަމާ މެދު ކަންބޮޑުވުން ފާާޅު ކުރައްވާފައެވެ. އަދި, ތުރުކީވިލާތުގެ ސަރުކާރުން ސިއްރިޔާތުގައި އިސްރާއީލާ އެކު ވިޔަފާރީގެ ގުޅުންތައް ހިންގަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ. ޔަހޫދީންނާ އެކު ވިޔަފާރި ކުރުން މަނާކޮށްފައި އޮތް ނަމަވެސް, ތުރުކީވިލާތުން އިސްރާއީލަށް ދަތުރު ކުރާ އާގުބޯޓުފަހަރުގެ އަދަދު އިތުރުވެފައިވާ ކަމަށް އޭނާ ތުހުމަތު ކުރައްވައެވެ.

ތުރުކީވިލާތުން އިސްރާއީލަށް މުދާ އެތެރެ ކުރާ ކަމަށް ތުރުކީވިލާތުގެ މީޑިޔާތަކުން ވެސް ވަނީ ރިޕޯޓު ކޮށްފައެވެ. ޔެނެރޯލޫ ވަނީ, މި ތުހުމަތުތަކުގެ ޙަޤީޤަތް ސާފުކޮށްދިނުމަށް އެ ޤައުމުގެ ވިޔަފާރިއާ ބެހޭ ވަޒީރު ޢުމަރު ބޯލާތުގެ ކިބައިން އެދިވަޑަގައިގަންނަވާފައެވެ. ޔެނެރޯލޫ ވިދާޅުވީ, ފަލަސްޠީނުގެ ރައްޔިތުންނަށް ކަމަށް ބުނެ ތުރުކީވިލާތުގެ ސަރުކާރުން އިސްރާއީލަށް މުދާ ފޯރުކޮށްދެމުންދާ ކަމުގައެވެ.

ނަމަވެސް, ބޯލާތު ވަނީ މި ތުހުމަތުތައް ދޮގު ކުރައްވާފައެވެ. ތުރުކީވިލާތުގެ ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނީ, އެ ޤައުމުން ފަލަސްޠީނަށް ވިއްކާ މުދާ ބޭނުން ކުރަމުން ދަނީ ފަލަސްޠީނުގެ ބިންތަކުގައި ދިރިއުޅޭ ރައްޔިތުން ކަމުގައެވެ. އަދި, މުދާ އެތެރެ ކުރަނީ ޣައްޒާއާއި ހުޅަނގު އައްސޭރީގެ އިތުރުން އިރުމަތީ ޤުދުސަށް ކަމުގައެވެ.

އޭޕްރިލް މަހުގެ ތެރޭގައި ތުރުކީވިލާތުގެ ސަރުކާރުން ވަނީ 54 ބާވަތެއްގެ މުދާ ޔަހޫދީންނަށް ވިއްކުން މަނާ ކޮށްފައެވެ. އަދި, މޭ މަހުގެ 2ވަނަ ދުވަހު އެ ޤައުމުން ވަނީ ޒަޔަނިސްޓުންނާ އެކު ބާއްވަމުން ދިޔަ ވިޔަފާރީގެ ގުޅުންތަކަށް ނިމުމެއް ގެނެސްފައެވެ. އެ ގުޅުންތައް އަލުން ބަދަހި ކުރަން ފަށާނީ, ޣައްޒާ ޢުދުވާން ހުއްޓައިލުމުން ކަމުގައި ވެސް ތުރުކީވިލާތުން ބުންޏެވެ. އެ ނިންމުމުގެ ކުރިން ތުރުކީވިލާތާއި އިސްރާއީލާ ދެމެދު އަހަރެއްގެ މައްޗަށް 7 ބިލިޔަން އެމެރިކާ ޑޮލަރު ވިޔަފާރި ކުރަމުން ދިޔައެވެ.

ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ މެދު އެންމެ ފާޅުކަން ބޮޑުކޮށް ދެކޮޅު ހައްދަވަމުން ގެންދަވާ އެއް ވެރިޔަކީ ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާނެވެ. މެދުއިރުމަތީގައި ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ފެށުމަށް ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންުޔާހޫ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ, އުރްދުޣާން ދާދި ފަހުން ނަތަންޔާހޫއަށް ބަހުގެ ޙަމަލާތަކެއް އަމާޒު ކުރެއްވިއެވެ. އަދި, ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އިސްލާމީ ޤައުމުތަކުގެ އެންމެ ބޮޑު އިއްތިޙާދު, އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕޮރޭޝަން (އޯއައިސީ)ގެ ބައްދަލުވުމެއް ބޭއްވުމަށް ވެސް އޭނާ ވަނީ ދަޢުވަތު އަރުވާފައެވެ.

2023 އޮކްޓޫބަރު 7ން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 41,965އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 97,590 މީހުން ޒަޚަމު ކޮށްލާފައެވެ.