ސޫރިޔާގެ އަލް-ޤުނަޔިޠިރަށް ޔަހޫދީ ފައުޖުން ދިން ނިރުބަވެރި ވައިގެ ޙަމަލާތަކެއްގައި ލުބްނާނުގެ ޙިޒްބުالله ޖަމާޢަތުގެ އިސް މެންބަރެއް ޝަހީދު ކޮށްލައިފިއެވެ. ޔަހޫދީ ފައުޖުން ޝަހީދު ކޮށްލާފައި ވަނީ އަދްހަމް ޖަޙޫތެވެ. އޭނާއަކީ, ޔަހޫދީން ވެރިވެގަނެފައިވާ އަލް-ޖޫލާންގެ އުސް ބިންތަކުގައި ތިބި ޔަހޫދީ ސިފައިންނާ ދެކޮޅަށް ޖާސޫސީ އޮޕަރޭޝަންތައް ހިންގަމުން ދިޔަ ޙިޒްބުاللهގެ އިސް މެންބަރެއް ކަމަށް ޔަހޫދީ ފައުޖުން ބުންޏެވެ.
ސޫރިޔާގެ އަލް-ޖޫލާންގެ އުސް ބިންތަކަށް ޔަހޫދީން ވެރިވެގަނެފައި ވަނީ 1967ވަނަ އަަހަރުގެ މެދުއިރުމަތީގެ ހަނގުރާމައިގައެވެ. ޔަހޫދީ ފައުޖުން ބުނީ, އެ ސަރަޙައްދުގައި ޤާއިމު ކޮށްފައިވާ ޔަހޫދީ ފައުޖުގެ އަސްކަރީ މަރުކަޒުތަކާއި ޔަހޫދީ ސިފައިންނާ ގުޅޭ ޖާސޫސީ މަޢުލޫމާތު ޖަޙޫތު ޙިޒްބުاللهގެ އިސްވެރިންނާ ހިއްސާ ކުރަމުން ގޮސްފައިވާ ކަމުގައެވެ. އަދި, ޙިޒްބުاللهން އެ ސަރަޙައްދުގައި ތިބި ޔަހޫދީ ސިފައިންނަށް ޙަމަލާ ދެނީ, ޖަޙޫތު ހިއްސާ ކުރަމުންދާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ކަމުގައެވެ.
މީގެ އަހަރެއް ކުރިން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ލާއިންސާނީ ޢުދުވާނެއް ފެށުމަށް ފަހު ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ދަނީ އީރާނާއި, ސޫރިޔާއާއި, ލުބްނާންގެ އިތުރުން ޔަމަނަށް ވެސް ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުންނެވެ. އަދި, ސެޕްޓެންބަރު 23ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ލާއިންސާނީ ޖަރީމާތަކެއް ފަށާފައެވެ. އަދި, އޮކްޓޫބަރު 1ވަނަ ދުވަހު ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން ވަނީ ބަރުހަތިޔާރާ އެކު ލުބްނާންގެ ދެކުނުގެ ސަރަހައްދުތަކަށް އެއްގަމު މަގުން އަރައިގަނެ ޤަތުލުޢާންމު އިތުރަށް ފުޅާ ކޮށްފައެވެ.
ޔަހޫދީންގެ ނިރުބަވެރި ޢުދުވާންތަކާ ގުޅިގެން މެދުއިރުމަތީގައި ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ އެތަކެއް ގުނައަކަށް އިތުރުވެފައެވެ. ޒަޔަނިސްޓުންގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ފޯނުން ގުޅުއްވައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ މި ކަމާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އެމެރިކާއަކީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރެވެ. އަދި, މެދުއިރުމަތީގެ ޤައުމުތަކުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް އެހީތެރިކަން ފޯރުކޮށްދޭން ބައިޑަން ގެންދަވަނީ ޔަހޫދީން ބޭނުންވާ ހުރިހާ ބާވަތެއްގެ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ފޮނުވަމުންނެވެ.
ބައިޑަން ހައްދުފަހަނަ އެޅި ނަަތަންޔާހޫއަށް ފޯނުން ގުޅުއްވާފައި މި ވަނީ, އީރާނަށް އަމާޒުކޮށް ނިރުބަވެރި ޙަމަލާތަކެއް ދިނުމަށް ޔަހޫދީ ފައުޖުން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. އެެއީ, އޮކްޓޫބަރު 1ވަނަ ދުވަހު އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން އިސްރާއީލާއި ޔަހޫދީ ފައުޖުގެ އަމާޒުތަކަށް 180އެއްހާ ބެލިސްޓިކް މިސައިލް ބޭނުން ކޮށްގެން ދީފައިވާ ނުރައްކާތެރި ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.
އީރާނުގެ ތެޔޮ ވަޅުތަކާއި ތެޔޮ ސާފު ކުރާ ކާރުޚާނާތަކުގެ އިތުރުން އެ ޤައުމުގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ބިނާ ކޮށްފައިވާ ކާރުޚާނާތަކަށް ޙަމަލާ ދިނުމަށް ވެސް ޔަހޫދީން ދަނީ ރާވަމުންނެވެ. މި ކަމާ ގުޅޭ ގޮތުން އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސުން ބުނީ, އެ ފަދަ ތަންތަނަށް ޙަމަލާ ދިނުމާ ދެކޮޅަށް ބައިޑަން ވާހަކަފުޅު ދައްކަވާފައިވާ ކަމުގައެވެ. އަދި, އީރާނުގެ ޢާންމު ރައްޔިތުންގެ ފުރާނައަށް ނުރައްވާ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ވެސް އޭނާ ވަނީ ނިރުބަވެރި ނަތަންޔާހޫއަށް ގޮވައިލައްވާފައެވެ.
އަލް-ޤުނަޔިޠިރުގެ އިތުރުން ޔަހޫދީ ފައުޖުން ވަނީ ސޫރިޔާގެ ޙުއްމުޞާއި ޙައްމާއަށް ވެސް ރަޙުމު ކުޑަ ވައިގެ ޙަމަލާތަކެއް ދީފައެވެ. ސޫރިޔާގެ ދައުލަތުގެ މީޑިޔާއިން ބުނީ ޙުއްމުޞަށް ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ސިނާޢީ މަސައްކަތްތައް ކުރާ ކާރުޚާނާތަކެއް ހުންނަ ސަރަޙައްދަކަށް ކަމުގައެވެ. ޙައްމާއަށް ދިން ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ކާރު އުފައްދާ ކާރުޚާނާއަކަށެވެ. އެ ޙަމަލާތަކާ ގުޅިގެން އެ ތަނުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގި ކަމަށް ވެސް އެ ޤައުމުގެ ދައުލަތުގެ މީޑިޔާއިން ރިޕޯޓު ކުރިއެވެ. މީގެ އިތުރުން, ދަރްޢާއަށް ވެސް ޔަހޫދީ ފައުޖުން ވަނީ ނުރައްކާތެރި ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި ލިބިފައިވާ ގެއްލުމުގެ ތަފުސީލު ސާފެއް ނޫނެވެ.
ސޫރިޔާގެ ރަށްތަކަށް ދިން ޙަމަލާތަކާ މެދު އެއްޗެއް ހާމަ ކުރަން ޔަހޫދީ ފައުޖުން ވަނީ ދެކޮޅު ހަދާފައެވެ. ނަމަވެސް, ސޫރިޔާގައި ހަރަކާތްތެރިވާ އީރާނާ ގުޅުން އޮތް ހަތިޔާރު އެޅި ޖަމާޢަތްތަކުގެ މެންބަރުންނާއި, އީރާނުގެ އައިއާރްޖީސީގެ ކޮމާންޑަރުންނާއި އޮފިސަރުންނަށް ޙަމަލާ ދޭނެ ކަމުގެ އިންޒާރު ޔަހޫދީން ކުރިން ދީފައިވެއެވެ.
ޔަހޫދީ ފައުޖުން ސޫރިޔާއަށް ނިރުބަވެރި ޙަމަލާތަކެއް ދީފައި މި ވަނީ ލުބްނާންގެ ބައިރޫތަށް ވަރުގަދަ ޙަމަލާތަކެއް އަމާޒު ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެންމެ ފަހުން ދީފައިވާ ޙަމަލާތަކުގައި ޙިޒްބުاللهގެ އިސް ދެ ކޮމާންޑަރުން ޝަހީދު ކޮށްލާފައިވާނެ ކަމުގައި ޔަހޫދީ ފައުޖުން ބުނި ނަމަވެސް ޙިޒްބުاللهން އެ ކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ލުބްނާނުގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 2,100އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައި ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 9,000އަށް އަރައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.2 މިލިޔަނަށް އުފުލިފައިވާއިރު, އދން ބުނީ އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ މަގުތަކުގެ މަތީގައި ކަމުގައެވެ.