ޚަބަރު

ފަލަސްޠީނުގެ ފަތަޙާއި ޙަމާސާ ދެމެދު މަޝްވަރާތައް ބާއްވައިފި


ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ޕަލަސްޓީނިޔަން އޮތޯރިޓީގެ ރައީސް މަޙްމޫދު ޢައްބާސްގެ ފަތަޙް ޖަމާޢަތާއި, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާ ދެމެދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. މިޞްރުގެ ވެރިރަށް ޤާހިރާގައި ބޭއްވި މަޝްވަރާތަކުގައި އެންމެ ބޮޑަށް އަލިއަޅުވައިލާފައި ވަނީ, ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް ހުއްޓައިލުމުން, އެއަށް ފަހު ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރާނެ ގޮތްތަކާ ގުޅޭ ގޮތުންނެވެ.

މި އަހަރުގެ ޖުލައި މަހު ވެސް ދެ ފަރާތުން ވަނީ ޗައިނާގެ ވެރިރަށް ބެއިޖިންގގައި މި ފަދަ މަޝްވަރާތަކެއް ބާއްވާފައެވެ. އެ ބައްދަލުވުން ވިލަރެސް ކޮށްފައި ވަނީ ޗައިނާއިންނެވެ. އެ ބައްދަލުވުމުގައި, ހުޅަނގު އައްސޭރިއާއި ޣައްޒާގައި ގުޅިފައިވާ ސަރުކާރެއް އެކުލަވައިލުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފައެވެ. ފަތަޙާއި ޙަމާސާ ދެމެދު ދެބަސްވުންތަކެއް އުފެދިފައި ވަނީ 2007ވަނަ އަހަރު ޙަމާސުން ޣައްޒާގެ ވެރިކަމާ ޙަވާލުވުމުންނެވެ.

ޙަމާސް ޖަމާޢަތުން ބުނީ, ޤާހިރާގައި ބޭއްވި މަޝްވަރާތަކުގައި އެ ޖަމުޢިއްޔާ ތަމްސީލު ކުރައްވާފައި ވަނީ އެ ޖަމާޢަތުގެ އިސް އޮފިޝަލެއް ކަމުގައިވާ ޚަލީލް އަލް-ޙައްޔާ ކަމުގައެވެ. ފަތަޙް ޖަމާޢަތް ތަމްސީލު ކުރައްވާފައި ވަނީ އެ ޖަމާޢަތުގެ ވެރިޔާގެ ނައިބު މަޙްމޫދު އަލް-ޢަލޫލީއެވެ.

އެ ބައްދަލުވުމުގައި ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމުގައި ޙަމާސުން ބުންޏެވެ. އަދި, ޔަހޫދީންގެ އަޅުވެތިކަމުން ސަލާމަތްވެ, ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމު ކުރުމަށް އޮތް ގޮންޖެހުންތައް ޙައްލު ކުރާނެ ގޮތްތަކެއް ހޯދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރިއެވެ. މީގެ އިތުރުން, ޣައްޒާ ޢުދުވާން ނިމުމަކަށް ގެނައުމުން, އެ ސަރަޙައްދުގެ ސަރަޙައްދީ ރޮނގާއި ހުރަސްތައް ބެލެހެއްޓުމަށް ޚާއްޞަ ކޮމިޓީއެއް އެކުލަވައިލުމާ ގުޅޭ ގޮތުން ދެ ފަރާތުގެ ދެމެދުގައި މުހިންމު ވާހަކަތަކެއް ބާާއްވާފައިވެއެވެ.

ޙަމާސާއި ފަތަޙް ޖަމާޢަތާ ދެމެދު މުހިންމު މަޝްވަރާތަކެއް ބާއްވާފައި މި ވަނީ, ޣައްޒާ ޢުދުވާން ފެށި ފަހުން އަހަރެއް ފާއިތުވެފައިވާ ދަނޑިވަޅެއްގައެވެ. ޔަހޫދީ ފައުޖުން ދަނީ ފަތަޙް ޖަމާޢަތުގެ ޕަލަސްޓީނިޔަން އޮތޯރިޓީ (ޕީއޭ)ން ވެރިކަން ކުރާ ހުޅަނގު އައްސޭރީގެ ރަށްތަކުގައި ވެސް ލާއިންސާނީ ޖަރީމާތައް ހިންގަމުންނެވެ.

2023 އޮކްޓޫބަރު 7ން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 42,010އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 97,720 މީހުން ޒަޚަމު ކޮށްލާފައެވެ.