ޔަހޫދީންނާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި އެމެރިކާގެ ބައެއް ސަރަހައްދުތަކަށް އަރާފައިވާ ނުރައްކާތެރި ތޫފާނެއް ކަމުގައިވާ މިލްޓަނާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް 4 އިންސައްތައިން އުފުލިއްޖެއެވެ. އީރާނާއި ޔަހޫދީންނާ ދެމެދު ނުތަނަވަސްކަމެއް އުފެދިފައި ވަނީ ފަލަސްޠީނާއި ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެންނެވެ. ތެލުގެ އަގުތައް އުފުލިފައި މި ވަނީ އީރާނަށް ޙަމަލާ ދިނުމަށް ޔަހޫދީން ރާވަމުންދާ ދަނޑިވަޅެއްގައެވެ.
ޔަހޫދީން އީރާނަށް ޙަމަލާ ދޭން ތައްޔާރުވަމުން ދަނީ, އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން ޒަޔަނިސްޓު ދައުލަތުގެ ރަށްތަކަށް ވަރުގަދަ ޙަމަލާތަކެއް ދިނުމުން އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ. 180އެއްހާ ބެލިސްޓިކް މިސައިލް ބޭނުން ކޮށްގެން އައިއާރްޖީސީން ޔަހޫދީންނަށް ޙަމަލާ ދީފައި ވަނީ, ފަލަސްޠީނާއި ލުބްނާނުގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ގުޅިގެންނެވެ. އަދި, ޖުލައި 31ވަނަ ދުވަހު އީރާނުގެ ވެރިރަށް ތަހްރާނަށް ދިން ނިރުބަވެރި ޙަމަލާގެ ބަދަލު ހިފުމުގެ ގޮތުންނެވެ.
ތަހްރާނަށް ދިން ޙަމަލާގައި ޔަހޫދީ ފައުޖުން ވަނީ ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލާފައެވެ. އަދި, އެއަށްފަހު ސެޕްޓެންބަރު 23ވަނަ ދުވަހު ލުބްނާނުގެ މުސްލިމުންނާ ދެކޮޅަށް ފެށި ލާއިންސާނީ ޖަރީމާތަކުގެ ތެރެއިން އެ ޤައުމުގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުالله ޝަހީދު ކޮށްލާފައެވެ. ސެޕްޓެންބަރު 27ވަނަ ދުވަހު ލުބްނާނުގެ ވެރިރަށް ބައިރޫތަށް ދިން ޙަމަލާތަކުގައި އައިއާރްޖީސީގެ ކޮމާންޑަރުގެ ނައިބު ޢައްބާސް ނިލްފުރޫޝާން ވެސް ޝަހީދު ކޮށްލިއެވެ.
ޔަހޫދީންނާއި އީރާނާ ދެމެދު ނުތަނަވަސް ކަން އިތުރުވެފައިވާ މި ދަނޑިވަޅުގައި މެދުއިރުމަތީގެ ޤައުމުތަކުން އެމެރިކާގެ ބާޒާރަށް ތެޔޮ ފޯރުކޮށްދިނުމަށް ހިރާސްތަކެއް ކުރިމަތިވާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން އަންދާޒާ ކުރެއެވެ. އަދި, އެމެރިކާގެ ފްލޮރިޑާ ސްޓޭޓަށް ބާރުގަދަ ތޫފާން މިލްޓަން އެރުމާ ގުޅިގެން އެ ޤައުމުގައި ހަކަތަ ބޭނުން ކުރާ މިންވަރު އިތުރުވާނެ ކަމަށް ބެލެވިފައިވާއިރު, ޗައިނާގައި ވެސް ހަކަތައަށް އޮތް ޑިމާންޑު އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.
މި ކަމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ 4 އިންސައްތައިން އުފުލިފައެވެ. މި ގޮތުން ބްރެންޓް ވަނީ 2.82 އެމެރިކާ ޑޮލަރު, ނުވަތަ 3.7 އިންސައްތަ އުފުލިފައެވެ. މިއާ އެކު, ބްރެންޓްގެ ފީފާއެއްގެ އަގު ވަނީ 79.40 އެމެރިކާ ޑޮލަރަށް އުފުލިފައެވެ. ވެސްޓް ޓެކްސަސް އިންޓަރމީޑިއޭޓް (ޑަބްލިޔުޓީއައި)ގެ އަގު ވެސް ވަނީ 2.61 އެމެރިކާ ޑޮލަރު, ނުވަތަ 3.6 އިންސައްތަ މައްޗަށް ޖެހިލާފައެވެ. އަދި, ޑަބްލިޔުޓީއައިގެ ސާފު ނުކުރާ ފީފާއެއްގެ އަގު ވަނީ 75.85 އެމެރިކާ ޑޮލަރަށް އުފުލިފައެވެ.
ތޫފާން މިލްޓަނާ ފްލޮރިޑާގެ ސަރަޙައްދުތަކަށް އެރުމުގެ ކުރިން ތެލަށް އޮތް ޑިމާންޑު ވަނީ އެތަކެއް ގުނައަކަށް ބޮޑުވެފައެވެ. އަދި, އެ ސްޓޭޓްގެ ތެޔޮ އަޅައިދޭ ސްޓޭޝަންތަކުގެ ތެރެއިން ހަތަރު ބައިކުޅަ އެއްބައި ސްޓޭޝަންތަކުން ތެޔޮ ހުސްވިއެވެ. ތޫފާނާ ގުޅިގެން ފްލޮރިޑާގެ އެކި ސަރަޙައްދުތަކުގައި ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާ ގޭބީސީތަކާއި ވިޔަފާރިތަކުގެ ޢަދަދު ވަނީ 3.4 މިލިޔަނަށް އުފުލިފައެވެ.