ޚަބަރު

ޔަހޫދީން ވަނީ ޣައްޒާގެ ޞިއްޙީ ނިޒާމު ފުނޑުފުނޑު ކޮށްލާފައި: އދ


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން އެ ސަހަރުގެ ޞިއްޙީ ނިޒާމު ގަސްދުގައި ފުނޑުފުނޑު ކޮށްލާފައިވާ ކަމުގައި އދން ބުނެފިއެވެ. މި ކަން ތަޙުޤީޤު ކުރުމަށް ފަހު އދގެ އިންސާނީ ޙައްޤުތަކާ ބެހޭ ކުރީގެ ކޮމިޝަނަރު ނަވީ ޕިއްލޭ ނެރުއްވި ރިޕޯޓެއްގައި ބުނެފައި ވަނީ, ޣައްޒާގެ ޞިއްޙީ ނިޒާމު ފުނޑުފުނޑު ކޮށްލުމަކީ އިންސާނުންގެ ނަސްލެއް ނައްތައިލަން ހިންގާފައިވާ ހަނގުރާމައިގެ ކުށެއް ކަމުގައެވެ. ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް މިިހާރު ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ފަށާފައި ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ.

ޔަހޫދީ ފައުޖުގެ ލާއިންސާނީ ޢުދުވާނުގެ ދަށުން ގަސްދުގައި ޣައްޒާގެ ހަސްފަތާލުތަކާއި ޞިއްޙީ މަރުކަޒުތައް ނައްތައިލަން ހީލަތްތެރި ރޭވުމެއްގެ ދަށުން ޙަމަލާ ދެމުންދާ ކަން ޕިއްލޭގެ ރިޕޯޓުގައި ހާމަކުރިއެވެ. އަދި, ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިން ޝަހީދު ކޮށްލަން ގަސްދުގައި ޙަމަލާ ދީފައިވާ ކަމުގައި ވެސް ރިޕޯޓުގައި ބުނެފައިވެއެވެ. "[ޢުދުވާނީ] ޙަމަލާތަކުގެ ނުރައްކާ އެންމެ ބޮޑަށް ކުރަމުން ދަނީ ކުޑަކުދިންނަށް, އަދި ޞިއްޙީ ނިޒާމު ފުނޑުފުނޑު ކޮށްލުމާ ގުޅިގެން އެ ކުދިންނަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދަނީ ނޭދެވޭ އަސަރު ކުރަމުން،" ޕިއްލޭ ވިދާޅުވިއެވެ. އޭނާގެ ރިޕޯޓު, އޮކްޓޫބަރު 30ވަނަ ދުވަހު އދގެ ޢާންމު މަޖިލީހަށް ހުށަހަޅުއްވާނެއެވެ.

ޔަހޫދީންނަށް ފާޑުކިޔައި, އެ މީހުންގެ ލާއިންސާނީ ޖަރީމާތައް ކުށްވެރިކޮށް އދން ރިޕޯޓެއް ޢާންމު ކުރުމާ ގުޅިގެން ޔަހޫދީން ވަނީ އެ ކަމާ މެދު ހިތްހަމަނުޖެހިފައެވެ. ސްވިޓްޒަލެންޑުގެ ޖެނީވާގައި ހުންނަ އިސްރާއީލުގެ އެމްބަސީން ބުނީ, މިއީ ޔަހޫދީންގެ ދަޢުލަތުގެ ސައްޙަކަމާ މެދު ސުވާލު އުފެއްދުމުގެ މަޤުޞަދުގައި އދގެ އިންކުއައިރީ ކޮމިޝަނުން ތައްޔާރު ކޮށްފައިވާ ރިޕޯޓެއް ކަމުގައެވެ. އަދި, ޔަހޫދީންގެ ޙައްޤުތައް އދގެ ކޮނިޝަނުން ނިގުޅައިގަނެފައިވާ ކަމުގައެވެ.

ޣައްޒާއަށް ޔަހޫދީ ފައުޖުން ދެމުންދާ ލާއިންސާނީ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ އެތަކެއް ހާސް ބަޔަކަށް ފަރުވާ ދިނުމަށް މަސައްކަތް ކުރާ ޞިއްޙީ ޚިދުމަތްތެރިން ޝަހީދު ކޮށްލުމުގެ ނިޔަތުގައި ގަސްދުގައި ޙަމަލާ ދިނުމުގެ އިތުރުން, ހައްޔަރު ކޮށްގެން އެ މީހުންނަށް ލާއިންސާނީ އަނިޔާތައް ދެމުންދާ ކަމުގައި ވެސް އދގެ ރިޕޯޓުގައި ތުހުމަތު ކުރިއެވެ. އަދި, ބަލިމީހުން އުފުލާ އެމްބިޔުލާންސް ފަދަ އުޅަނދުފަހަރަށް ގަސްދުގައި ޙަމަލާދީ, ބަލިމީހުން އެއްތަނުން އަނެއް ތަނަށް އުފުލުމަށް ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ހުރަސް އަޅަމުންދާ ކަމުގައި ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ޕިއްލޭގެ ރިޕޯޓުގައި އެ ފަދަ ލާއިންސާނީ ޖަރީމާތަކުގެ މިސާލުތައް ވެސް ހިމަނާފައިވެއެވެ. މި ގޮތުން, ފެބުރުވަރީ މަހު ޣައްޒާއަށް ދިން ރަޙުމު ކުޑަ ޙަމަލާތަކެއްގައި ކުޑަ އަންހެން ކުއްޖެއް ކަމުގައިވާ ހިންދު ރަޖަބާއި އޭނާގެ ޢާއިލާގެ މެންބަރުން ޝަހީދު ކޮށްލި ހިތާމަވެރި ހާދިސާގެ މަޢުލޫމާތު ހިމަނާފައިވެއެވެ. އަދި, އެ މީހުންނަށް ޞިއްޙީ ފަރުވާ ދިނުމަށް މަސައްކަތް ކުރި ދެ ޞިއްޙީ ޚިދުމަތްތެރިންނަށް ޔަހޫދީ ފައުޖުން ގަސްދުގައި ޙަމަލާ ދީފައިވާ ކަން ވެސް ހާމަކޮށްފައިވެއެވެ. އަދި, ރަޖަބާއި އޭނާގެ ޢާއިލާގެ މެންބަރުންނަށް ޞިއްޙީ ފަރުވާ ދިނުމަށް ހަސްފަތާލަށް ގެންދަން މަސައްކަތް ކުރި އެމްބިޔުލާންސަށް ޙަމަލާ ދީފައިވާ ކަން ވެސް ފާހަގަކޮށްފައިވެއެވެ.

ޣައްޒާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޞިއްޙީ ޚިދުމަތްތެރިންގެ ޢަދަދު 1,000އަށްވުރެ މައްޗަށް އުފުލިފައިވާ ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން ހާމަކުރިއެވެ. އަދި, ބޭރު ޤައުމަކަށް ގެންގޮސް އިތުރު ފަރުވާ ދޭން ޖެހިފައިވާ މީހުންގެ ޢަދަދު 10,000އަށް އަރާ ކަމުގައި ވެސް އެ އިދާރާއިން ބުންޏެވެ. ނަމަވެސް, ޣައްޒާއާއި މިޞްރު ގުޅޭ ރަފަޙު ހުރަސް ބަންދުކޮށް, ޔަހޫދީ ފައުޖުން ދަނީ ބޭސްފަރުވާއަށް ބޭރަށް ދަތުރު ކުރުމަށް ވެސް ޣައްޒާގެ ރައްޔިތުންނަށް ހުރަސް އަޅާފައެވެ. ޔަހޫދީ ފައުޖުގެ އަނިިޔާވެރި ސިފައިން އެއްގަމު މަގުން ރަފަޙަށް އަރައި, އެ ރަށުގެ ސަރަޙައްދީ ރޮނގު ބަންދު ކޮށްފައި ވަނީ މޭ މަހުއެވެ.

ޣައްޒާގެ މައި ހަސްފަތާލުތައް ހުސް ކުރަން ޔަހޫދީ ފައުޖުން އެތަކެއް ފަހަރަކު އަމުރު ކޮށްފައިވެއެވެ. ނަމަވެސް, ޕިއްލޭގެ ރިޕޯޓުގައި ބުނީ, އެ ތަންތަނުގައި ތިބި ބަލިމީހުން އެހެން ހަސްފަތާލުތަކަށް ބަދަލު ކުރަން ޔަހޫދީ ފައުޖުން އެކަށީގެންވާ ވަގުތު ދީފައި ނުވާ ކަމުގައެވެ. އަދި, ބަލިމީހުން ބަދަލު ކުރަން ޔަހޫދީ ފައުޖުން އެހީތެރިކަން ފޯރުކޮށްދީފައި ނުވާ ކަމުގައި ވެސް އެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.

ޣައްޒާ ޢުދުވާނުގެ ދަށުން ޔަހޫދީ ފައުޖުން ހައްޔަރަށް ގެންގޮސްފައިވާ ފަލަސްޠީނުގެ އެތަކެއް ހާސް ރައްޔިތުންނަށް ޔަހޫދީންގެ ޖަލުތަކުގައި ލާއިންސާނީ އަނިޔާތައް ދެމުންދާ ކަން ވެސް ޕިއްލޭގެ ރިޕޯޓުގައި ފާހަގަކުރިއެވެ. އަދި, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ ޔަހޫދީ އަސީރުންނަށް ވެސް އަނިޔާތައް ދެމުންދާ ކަމުގައި އިންކުއައިރީ ރިޕޯޓުގައި ތުހުމަތު ކުރިއެވެ. ޙަމާސުން މި ތުހުމަތުތަކަށް ރައްދު ދީފައެއް ނެތެވެ.

މިއީ, ޣައްޒާ ޢުދުވާނުގެ ދަށުން ޔަހޫދީ ފައުޖުން ފަލަސްޠީނުގެ މުސްލިމުންނަށް ލާއިންސާނީ އަނިޔާތައް ދެމުންދާ ކަމާއި, ހަނގުރާމައިގެ ކުށްތައް ހިންގަމުންދާ ކަން އދގެ އިންކުއައިރީ ކޮމިޝަނުން ހާމަ ކޮށްފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. ޣައްޒާ ޢުދުވާނުގެ ކުރީކޮޅު އިންސާނިއްޔަތާ ބެހޭ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު އެތަކެއް ޖަރީމާތަކެއް ޔަހޫދީ ފައުޖުން ހިންގަމުންދާ އެ ކޮޮމިޝަނުން ކުރިން ވެސް ހާމަކުރިއެވެ. އެ ކޮމިޝަނުގެ ރިޕޯޓުތައް އެކުލަވައިލާފައި ވަނީ އަނިޔާ ލިބިފައިވާ މީހުންނާއި, މަންޒަރު ފެނުނު މީހުންގެ އިންޓަރވިއުތަކާއި, ސެޓެލައިޓް ފޮޓޯތައް ބޭނުން ކޮށްގެންނެވެ.

އދގެ އިންކުއައިރީ ކޮމިޝަނަށް އެއްބާރުލުން ދިނުމަށް ޔަހޫދީން ދަނީ ދެކޮޅު ހަދަމުންނެވެ. އަދި, އެއީ އިސްރާއީލާ ދެކޮޅަށް މަސައްކަތް ކުރާ ކޮމިޝަނެއް ކަމުގައި ޔަހޫދީން ވަނީ ތުހުމަތު ކޮށްފައެވެ. މި މޭރުމުން ތުހުމަތު ކުރުމަށް ފަހު, ކޮމިޝަނުގެ ތަޙުޤީޤުތަކަށް ޔަހޫދީން ހުރަސް އަޅަމުންދާ ކަން ވެސް އެ ކޮމިޝަނުން ހާމަކޮށްފައިވެއެވެ. މި ގޮތުން, ތަޙުޤީޤީ ޓީމުތަކަށް ފަލަސްޠީނުގެ ސަރަޙައްދުތަކަށް ދަތުރު ކުރުމަށް ހުރަސް އަޅާފައިވާ ކަމުގައި ކޮމިޝަނުން ބުންޏެވެ.

2023 އޮކްޓޫބަރު 7ން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 42,126އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 98,117 މީހުން ޒަޚަމު ކޮށްލާފައެވެ.