ބާރުގަދަ ތޫފާނެއް ކަމުގައިވާ މިލްޓަންގެ ސަބަބުން އެމެރިކާގެ ފްލޮރިޑާ ސްޓޭޓުން 16 މީހުން މަރުވެ, އެތައް މިލިޔަން ބަޔަކަށް ކަރަންޓުގެ ޚިދުމަތް ކެނޑިއްޖެއެވެ. ތޫފާނާ ގުޅިގެން ފްލޮރިޑާގެ އައްސޭރިފަށުގައި އޮންނަ ގިނަ ރަށްތަކަށް އުދައަރާފައިވާއިރު, މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހުމާ ގުޅިގެން ގިނަ ސަރަޙައްދުތަކެއްގައި ފެންބޮޑުވެ, ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ފެންބޮޑުވެފައިވާ މަގުތަކާއި ގެދޮރުގައި ހެދިފައިވާ ކިސަޑާއި ކުނި ސާފު ކުރުމުގެ މަސައްކަތް ފަށާފައިވާއިރު, ކަރަންޓުގެ ޚިދުމަތް ކެނޑުނު ސަރަޙައްދުތަކަށް އެ ޚިދުމަތް އަލުން ގުޅައިދިނުމަށް އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.
ފްލޮރިޑާގެ ސަރަޙައްދުތަކަށް ތޫފާން މިލްޓަން އަރާފައި ވަނީ, އެ ފަދަ ބާރުގަދަ އެހެން ތޫފާނެއް ކަމުގައިވާ ހެލީން އެ ސަރަޙައްދަށް އެރިތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ. ހެލީންއާ ގުޅިގެން ކުރިމަތިވި އެކި ހާދިސާތަކުގައި އެމެރިކާއިން 200އެއްހާ މީހުން މަރުވިއެވެ. ތޫފާނާ ގުޅިގެން ފްލޮރިޑާގެ ބައެއް ސަރަޙައްދުތަކަށް ނަގޫރޯޅިތައް އެރުމާ ގުޅިގެން ވެސް ގެދޮރާއި ޢުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
ފްލޮރިޑާގެ ގަވަރުނަރު ރޮން ޑިސެންޓިސް ވިދާޅުވީ, ތޫފާނާ ގުޅިގެން ގެއްލުން ލިބިފައިވާ ސަރަޙައްދުތަކުން 2,200އެއްހާ ލޮރީގެ ކުނި ސާފު ކޮށްފައިވާ ކަމުގައެވެ. އަދި, ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުން ކުރާ ގިނަ އަދަދެއްގެ ޓަވަރުތަކާއި ވަސީލަތްތަކަށް ތޫފާނާ އެކު ޖެހެމުންދިޔަ ބާރު ވަޔާ ގުޅިގެން ގެއްލުންވެފައިވާއިރު, އެ ތަކެތީގެ އިތުރުން މުއާޞަލާތީ ޚިދުމަތްތައް ދިނުމަށް ބޭނުން ކުރާ ވަސީލަތްތައް މަރާމާތު ކުރުމަށް އިދާރާތަކުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
ތޫފާން މިލްޓަނާ ގުޅިގެން 3.4 މިލަޔަން ގޭބީސީއަކާއި ވިޔަފާރިއަކުން ކަރަންޓުގެ ޚިދުމަތް ކެނޑުނެވެ. އޭގެ ތެރެއިން ގިނަ ތަންތަނަށް އަލުން ޚިދުމަތް ގުޅައިދިނުމުގެ މަސައްކަތް ކުރަމުންދާއިރު, އަދިވެސް 2.27 ތަނަކަށް ކަރަންޓު ނުލިބޭ ކަމުގައި ކަރަންޓުގެ ޚިދުމަތާ ގުޅޭ ތަފާސްހިސާބުތައް ޝާއިޢުކުރާ ޕަވަރއައުޓޭޖުން ހާމަކުރިއެވެ. ތޫފާން ހެލީންގެ ސަބަބުން ކަރަންޓުގެ ކެނޑިފައިވާ ބައެއް ސަރަޙައްދުތަކަށް ވެސް އަދިވެސް ކަރަންޓުގެ ޚިދުމަތް ގުޅައިދެވިފައި ނުވާ ކަމުގައި އެ ސަރަޙައްދުތަކުގެ ރައްޔިތުން ބުންޏެވެ.
ތޫފާނާ ގުޅިގެން ލިބިފައިވާ ގެއްލުންތައް މަރާމާތު ކުރުމާއި, މަގުތައް ސާފު ކުރުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ފްލޮރިޑާގެ ނޭޝަނަލް ގާޑުގެ 6,500އެއްހާ ސިފައިން ދަނީ މަސައްކަތް ކުރަމުންނެވެ. އޮކްޓޫބަރު 13ވަނަ ދުވަހު ރައީސް ޖޯ ބައިޑަން, ފްލޮރިޑާގައި އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ސަރަޙައްދުތަކަށް ޒިޔާރަތް ކުރައްވައި, އެ ސަރަޙައްދުގެ ހާލަތު ބައްލަވައިލައްވާނެ ކަމުގައި އެ ޤައުމުގެ ރިޔާސީ ގަނޑުވަރު, ވައިޓް ހައުސުން ހާމަކުރިއެވެ. ތޫފާނާ ގުޅިގެން ގެއްލުން ލިބިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން އިތުރު ފައިސާ ހޯދުމަށް ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅާނެ ކަމުގައި ވެސް ވައިޓް ހައުސުން ބުންޏެވެ.
ފްލޮރިޑާގެ ކުއްލި ހާލަތްތަކާ ބެހޭ އިދާރާގެ އިސް އޮފިޝަލެއް ކަމުގައިވާ ސީކޭ މޯ ވިދާޅުވީ, ތޫފާނާ ގުޅިގެން 13 އިމާރާތެއް އެއްކޮށް ހަލާކުވެފައިވާއިރު, އިތުރު 111 އިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައެވެ. ތޫފާން ހެލީންގެ ސަބަބުން ފްލޮރިޑާގެ އައްސޭރިފަށުގެ ރަށްތަކަށް އުދައަރައި, ފެންބޮޑުވުމާ ގުޅިގެން ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ނަމަވެސް, މިލްޓަނާ ގުޅިގެން ގިނަ ސަރަޙައްދުތަކަކަށް އުދައަރާފައި ނުވާއިރު, ތޫފާނާ ގުޅިގެން ވައިބާރުވުމާ ގުޅިގެން ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ޑިސެންޓިސް ވިދާޅުވީ, ތޫފާނާ ގުޅިގެން ގެދޮރުގައި ތާށިވި 1,200އެއްހާ މީހުން ސަލާމަތްކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ޖެހުނު ކަމުގައެވެ.
މިލްޓަނަކީ އެޓްލާންޓިކް ކަނޑުގެ ސަރަޙައްދުގައި ތާރީޚުގައި ވެސް އުފެދިފައިވާ ފަސްވަނައަށް އެންމެ ބާރުގަދަ, އަދި ނުރައްކާތެރި ތޫފާނެވެ. މޫސުމާ ބެހޭ މާހިރުން ބުނީ, 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ކެޓެގަރީ 1ން އެންމެ ބާރުގަދަ ކެޓެގަރީ 5އަށް ތޫފާން މިލްޓަން ބަދަލުވެފައިވާ ކަމުގައެވެ. ފްލޮރިޑާގެ ސަރަޙައްދުތަކަށް އެރިއިރު ތޫފާން އޮތީ ކެޓެގަރީ 3ގެ ތޫފާނެއްގެ ގޮތުގައެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, މިލްޓަނާ ގުޅިގެން ލިބިފައިވާ ގެއްލުމުގެ އަގު 30 ބިލިޔަން އެމެރިކާ ޑޮލަރާއި 60 ބިލިޔަން އެމެރިކާ ޑޮލަރުގެ އަގަކަށް އަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމުގައެވެ.