ޚަބަރު

އައު ކޮމާންޑު ސެންޓަރެއް ޤާއިމުކޮށް ޙިޒްބުاللهގެ ޖިހާދު ވަރުގަދަ ކުރަނީ


އައު ކޮމާންޑު ސެންޓަރެއް ޤާއިމުކޮށް, ޔަހޫދީންނާ ދެކޮޅަށް ދިގުދެމިގެންދާނެ ޖިހާދެއް ކުރަން ތައްޔާރަށް އޮތް ކަން ލުބްނާނުގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ މަޞްދަރުތަކުން ހާމަކޮށްފިއެވެ. ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ލުބްނާންގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޙިޒްބުاللهއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

ސެޕްޓެންބަރު 27ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ޙިޒްބުاللهގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުاللهގެ އިތުރުން ގިނަ އަދަދެއްގެ އިސް ކޮމާންޑަރުންތަކެއް ޝަހީދު ކޮށްލާފައެވެ. އަދި, ލުބްނާނުގެ ވެރިރަށް ބައިރޫތުގައި ހުންނަ އެ ޖަމާޢަތުގެ މައި މަރުކަޒާއި ކޮމާންޑު ސެންޓަރު ސުންނާފަތި ކޮށްލާފައެވެ. ނަމަވެސް, އެ ޖަމާޢަތުގެ މަޞްދަރުތަކުން ބުނީ, 48 ގަޑިއިރުގެ ތެރޭގައި އައު ކޮމާންޑު ސެންޓަރެއް ޤާއިމުކޮށް, ޔަހޫދީންނާ ދެކޮޅަށް ފަށާފައިވާ ޖިހާދު އިތުރަށް ފުޅާ ކޮށްފައިވާނެ ކަމުގައެވެ. އަދި, ޔަހޫދީ ފައުޖުގެ އަމާޒުތަކަށް ދެމުންދާ ޙަމަލާތައް އިތުރު ކޮށްފައިވާނެ ކަމުގައެވެ.

ޙިޒްބުاللهގެ ޖިހާދާ ގުޅޭ މަޢުލޫމާތު އިނގޭ މަޞްދަރުތަކުން ބުނީ, އެ ޖަމާޢަތުން ގުދަންކޮށް ރައްކާ ކޮށްފައިވާ ގިނަ އަަދަދެއްގެ ހަތިޔާރުތައް ނައްތައިލާފައިވާނެ ކަމުގައި ޔަހޫދީ ފައުޖުން ބުނި ނަމަވެސް, އެ ޖަމާޢަތުގެ ގުދަންތަކުގައި އަދިވެސް ގިނަ އަދަދެއްގެ ހަތިޔާރު ރައްކާކޮށްފައި ހުރި ކަމުގައެވެ. އޭގެ ތެރޭގައި ބާރުގަަދަ އަދި ނުރައްކާތެރި ބެލިސްޓިކް މިސައިލް ފަދަ ހަތިޔާރު ހިމެނޭއިރު, ޔަހޫދީންނާ ދެކޮޅަށް އެ ފަދަ ހަތިޔާރު ބޭނުން ކުރަން ފަށާފައި ނުވާ ކަން ވެސް މަޞްދަރުތަކުން ހާމަކުރިއެވެ.

ޙިޒްބުاللهގެ މުއާޞަލާތީ ނިޒާމު ފުނޑުފުނޑު ކޮށްލުމަށް ވެސް ޔަހޫދީ ފައުޖުން ދާދިފަހުން ނިރުބަވެރި ޙަމަލާއެއް ދިނެވެ. މި ގޮތުން, ޙިޒްބުاللهގެ މުޖާހިދުން މުއާޞަލާތު ކުރަން ބޭނުން ކުރާ ޕޭޖަރުތަކާއި ވޯކީޓޯކީތަކުގައި ގޮވައިތަކެތި ހަރުކޮށް, އެ ތަކެތި ގޮއްވައިލައިގެން އެ ޖަމާޢަތުގެ ގިނަ ޢަދަދެއްގެ މުޖާހިދުން ޒަޚަމު ކޮށްލިއެވެ. ނަމަވެސް މަޞްދަރުތަކުން ބުނީ, އެ ޖަމާޢަތުގެ މުއާޞަލާތި ނިޒާމު ފުނޑުފުނޑު ކޮށްލެވިފައި ނުވާ ކަމަށާއި, ކޮމާންޑު ސެންޓަރާއި ކުރީ ސަފުގައި ތިބި މުޖާހިދުންނާ ދެމެދު މުއާޞަލާތު ކުރަމުންދާ ކަމުގައެވެ.

އިސްރާއީލުގެ ތިންކް-ޓޭންކެއްގައި މަސްރަޙު ދިރާސާ ކުރައްވާ އެނެލިސްޓެއް ކަމުގައިވާ އަވްރަހަމް ލިވީން ވިދާޅުވީ ޔަހޫދީންނާ ދެކޮޅަށް ދިގުދެމިގެންދާނެ ޖިހާދެއް ކުރުމަށް ޙިޒްބުاللهން ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް ބެލެވޭ ކަމަށާއި, އެ ޖަމާޢަތް ބަލިކަށި ކޮށްލުމަކީ ޔަހޫދީ ފައުޖަށް ފަސޭހަވާނެ ކަމެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމުގައެވެ. "ޙިޒްބުاللهގެ ޗެއިން އޮފް ކޮމާންޑަށް ބޮޑެތި ގެއްލުންތަކެއް ދީފައިވީ ނަމަވެސް އިސްރާއީލުގެ ރަށްތަކަށް ޙަމަލާ ދިނުމުގެ ޤާބިލުކަން ނައްތައިލެވިފައެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.

އޮކްޓޫބަރު 1ވަނަ ދުވަހުން ފެށިގެން ލުބްނާނުގެ ދެކުނުގެ ސަރަޙައްދުތަކަށް އެއްގަމު މަތުން އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ ސިފައިންނަށް އަމާޒުކޮށް ވަރުގަދަ އަދި ނުރައްކާތެރި ޙަމަލާތަކެއް ދެމުންދާ ކަމުގައި ޙިޒްބުاللهން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވެއެވެ. ޙިޒްބުاللهން ވަނީ އޭގެ ތެރެއިން 12 ސިފައިން މަރައިލާފައެވެ. ޔަހޫދީ ފައުޖުން ވެސް ވަނީ, ޙިޒްބުاللهގެ ވަރުގަދަ ޙަމަލާތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. މަަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, ލުބްނާންގެ ދެކުނުގެ ސަރަޙައްދުތަކުގައި ޙިޒްބުاللهން ވަރަށް ބޮޑު, އަދި ވަރަށް ފުރިހަމަ ބިންގަރާސް ވިއުގައެއް ބިނާކޮށްފައިވާ ކަމަށާއި, ޔަހޫދީ ފައުޖަށް ޙަމަލާ ދޭން އެ ބިންގަރާސްތައް ބޭނުން ކުރަމުންދާ ކަމުގައެވެ.

ކިންގްސް ކޮލެޖު ލަންޑަނުގެ ސްކޫލް އޮފް ސެކިޔުރިޓީ ސްޓަޑީޒްގައި މަސްރަޙު ދިރާސާ ކުރައްވާ އެނެލިސްޓެއް ކަމުގައިވާ އަންދްރިޔާސް ކްރީގް ވިދާޅުވީ ޔަހޫދީ ފައުޖުގެ ޙަމަލާތަކުގައި ޙިޒްބުاللهއަށް ބޮޑެތި ގެއްލުންތަކެއް ދީފައިވީ ނަމަވެސް, އެ ޖަމާޢަތުގެ ހަތިޔާރު ގުދަންތައް ނައްތައިލެވިފައި ނުވާ ކަމުގައެވެ. މި ކަމަށް ބާރުދޭ ހެއްކަކީ, ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް ޙިޒްބުاللهން ދެމުންދާ ރޮކެޓު ޙަމަލާތައް މެދުކަނޑައިލާފައި ނެތުން ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި, އެ ޖަމާޢަތުގެ އަތްދަށުގައި ހުރި ބެލިސްޓިކް މިސައިލް ފަދަ ނުރައްކާތެރި ހަތިޔާރުތަކަކީ, އިތުރު ގޮތެއް ނެތިއްޖެ ހާލަތެއްގައި ބޭނުން ކުރުމަށް ތައްޔާރު ކޮށްފައިވާ ހަތިޔާރުތަކެއް ކަމަށް ޤަބޫލު ކުރައްވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ޖާސޫސީ އިދާރާއިން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު, ޙިޒްބުاللهން ގަނެ, ނުވަތަ އުފައްދައި ގުދަން ކޮށްފައިވާ މިސައިލާއި ރޮކެޓުގެ އަދަދު 150,000އަށްވުރެ އިތުރުވާނެއެވެ. ޙިޒްބުاللهގެ މަޞްދަރުތަކުން ބުނީ, ގައިޑެޑް މިސައިލް ފަދަ ބާރުގަދަ އަދި ނުރައްކާތެރި ހަތިޔާރު ބޭނުން ކުރަން ފަށައިފިނަމަ, ޔަހޫދީ ފައުޖުން ލުބްނާނުގެ ޢުމްރާނީ ވަސީލަތްތައް ފުނޑުފުނޑު ކޮށްލާނެ ކަމަށް ޤަބޫލު ކުރާ ކަމުގައެވެ. އަދި, އެ ފަދަ ފުރުޞަތެއް ޔަހޫދީންނަށް ދޭން އެ ޖަމާޢަތުން ބޭނުން ނުވާ ކަމުގައެވެ.

ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ލުބްނާނުގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 2,100އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައި ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 9,000އަށް އަރައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.2 މިލިޔަނަށް އުފުލިފައިވާއިރު, އދން ބުނީ އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ މަގުތަކުގެ މަތީގައި ކަމުގައެވެ.