ޚަބަރު

ޔަހޫދީ ސިފައިން ޣައްޒާގެ އުތުރުގެ ރަށްތަކުގައި ޤަތުލުޢާންމު ފުޅާކުރަނީ


ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން ޣައްޒާގެ އުތުރުގެ ރަށްތަކުގައި ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން, އެ ސަރަޙައްދުގެ ރަށްތަކުގައި ދިރިއުޅޭ އެތައް ހާސް ބަޔަކު ވަޒަނުން ބޭރުކޮށް, ޤަތުލުޢާންމު އިތުރަށް ފުޅާ ކޮށްފިއެވެ. ޒަޔަނިސްޓު ދައުލަތުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. މި ވަގުތު ޔަހޫދީ ފައުޖުން ދަނީ ބަރުހަތިޔާރާއި އަސްކަރީ ޓޭންކުފަހަރާ އެކު ޣައްޒާގެ އުތުރުގެ ރަށްތަކުގައި ދިރިއުޅޭ މީހުންނަށް މެދުކެނޑުމެއް ނެތި ރަޙުމު ކުޑަ ޙަމަލާތައް އަމާޒު ކުރަމުންނެވެ.

ޣައްޒާގެ އުތުރުގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން ބުނީ, ޔަހޫދީ ފައުޖުގެ އެންމެ ފަހުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޣައްޒާ ސިޓީއާއި އެ ސަރަޙައްދުގައި އޮންނަ ޝައިޚް ރަޟްވާން އަވަށަށް ކަމުގައެވެ. އަދި, ޢުދުވާނީ ޙަމަލާތަކުން ސަލާމަތްވުމަށް އެތައް ހާސް ބަޔަކަށް އަމިއްލަ ވަޒަން ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވާން މަޖުބޫރު ކޮށްފައިވާ ކަމުގައެވެ. މި ޢުދުވާންތަކުގައި ދަށުން އެ ސަރަޙައްދުގައި އޮތް ޖަބާލިޔާ ރެފިއުޖީ ކޭމްޕު ވަނީ ސުންނާފަތި ކޮށްލާފައެވެ.

ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ, އެ ސަހަރުގެ މެދުތެރޭގައި އޮތް ރަށްތަކަށް ވެސް ޔަހޫދީ ފައުޖުން ވައިގެ ޙަމަލާތައް އަމާޒު ކުރަމުންދާ ކަމުގައެވެ. އެންމެ ފަހުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އަލް-އަޤްޞާ ހަސްފަތާލުގެ ގޯތިތެރޭގައި ޖަހާފައިވާ ފޭލިގެތަކަށެވެ. އެއީ, ޔަހޫދީ ފައުޖުން ގެދޮރު ނެތިކޮށްލާފައިވާ އެތައް ސަތޭކަ ބަޔަކު ދިރިއުޅެމުންދާ ސަރަޙައްދެކެވެ. އެ ޙަމަލާތަކުގައި ތިން މީހުން ޝަހީދުކޮށްލައި އިތުރު 40އެއްހާ މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ ޞިއްޙީ ވުޒާރާއިން ހާމަކުރިއެވެ.

އެ ސަރަޙައްދުން ޢާންމު ކޮށްފައިވާ ވީޑިޔޯތަކުން ފެންނަނީ, ގިނަ އަދަދެއްގެ ރެފިއުޖީން ދިރިއުޅެމުން ދިޔަ ސަރަޙައްދަށް ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ދިން ވައިގެ ޙަމަލާތަކާ ގުޅިގެން ފޭލިގެތަކުގައި ރޯވެ, އަނދަމުންދާ މަންޒަރެވެ. ޔަހޫދީ ފައުޖުން ބުނީ, އެ ސަރަޙައްދަށް ބޮން އަޅާފައި ވަނީ, އެ ތަނުގައި ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން ހަރަކާތްތެރިވަމުން ދާތީ ކަމުގައެވެ. ނަމަވެސް, އެއީ ބަލިމީހުންގެ ޢާއިލާތަކާއި ގެދޮރު ނެތިކޮށްލާފައިވާ ރެފިއުޖީން ދިރިއުޅެމުންދާ ސަރަޙައްދެއް ކަން މުޅި ދުނިޔެ ވެސް ދަނެއެވެ.

ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން ވަނީ ޖަބާލިޔާގެ އިތުރުން އެ ސަރަޙައްދުގައި އޮތް ބަޔިތު ޙާނޫނާއި ބަޔިތު ލާހިޔާ ވަށައިލާފައެވެ. އެ ސަރަޙައްދުގައި 400,000އެއްހާ މީހުން ތާށިވެފައިވާ ކަމަށް އދން ހާމަކޮށްފައިވެއެވެ. މީގެ ނުވަ ވަރަކަށް ދުވަސް ކުރިން ޣައްޒާގެ އުތުރުގެ ރަށްތަކުގައި ޔަހޫދީ ފައުޖުން ފެށި ޤަތުލުޢާންމުގައި 300އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައި ޙަމާސުން ބުންޏެވެ. އަދި, ގަސްދުގައި ޢާންމުން ދިރިއުޅޭ ގެދޮރާއި ވަގުތީ ހިޔާތަކަށް ބޮންއަޅަމުންދާ ކަން އެ ޖަމާޢަތުން ހާމަކުރިއެވެ.

ޣައްޒާގެ މެދުތެރޭގައި އޮތް އަލް-ނުޞަޔިރާތު ރެފިއުޖީ ކޭމްޕަށް ވެސް ޔަހޫދީ ފައުޖުން ވަނީ ރަޙުމު ކުޑަ ޙަމަލާތަކެއް ދީފައެވެ. ބޮންއަޅާފައި ވަނީ އެތައް ސަތޭކަ ރެފިއުޖީން ވަގުތީ ގޮތުން ހިޔާވަހިކަން ހޯދަމުން ދިޔަ މަދަރުސާއަކަށެވެ. އެ ޙަމަލާގައި 22 މީހުން ޝަހީދު ކޮށްލިއެވެ. އޭގެ ތެރޭގައި 15 އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭ ކަން ޙަމާސުން ހާމަކުރިއެވެ. މަދަރުސާއަށް ބޮންއަޅައި ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 80އަށް އަރައެވެ.

ޣައްޒާ ސިޓީގައި ހުންނަ އަލް-ޝާޠިޢު ރެފިއުޖީ ކޭމްޕަށް ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާތަކެއްގައި ފަސް ކުޑަކުދިން ޝަހީދު ކޮށްލާފައިވާ ކަމުގައި ފަލަސްޠީނުގެ ވަފާ ނޫސް އޭޖެންސީން ރިޕޯޓު ކުރިއެވެ. ވަފާގެ އިތުރުން ޙަމާސުން ބުނީ, ޔަހޫދީ ފައުޖުގެ އަސްކަރީ ޑްރޯނަކުން އެ ކުދިންނަށް އަމާޒުކޮށް މިސައިލް ޙަމަލާއެއް ދީފައި ވަނީ, ކެފޭއެއް ކައިރީގައި ކުޅެން ތިބި ވަގުތުގައި ކަމުގައެވެ. މި ރަޙުމު ކުޑަ ޙަމަލާއާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަކުރަން ޔަހޫދީން ވަނީ ދެކޮޅު ހަދާފައެވެ. މިއާ އެކު, އޮކްޓޫބަރު 13ވަނަ ދުވަހު ޣައްޒާގެ އެކި ސަރަޙައްދުތަކަށް ޔަހޫދީ ފައުޖުން ދިން ޙަމަލާތަކުގައި ޝަހީދު ކޮށްލި މީހުންގެ ޢަދަދު ވަނީ 34އަށް އުފުލިފައެވެ.

ޣައްޒާގެ އުތުރުގައި ދިރިއުޅޭ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން މި ވަގުތު ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް އދން ވަނީ ކުށްވެރި ކޮށްފައެވެ. "ޣައްޒާގެ އުތުރުގައި ހިންގަމުންދާ ޖަރީމާތައް ދުލުން ބަޔާންކޮށްދެވޭ ވަރަށްވުރެ ބިރުވެރި. ޔަހޫދީ ފައުޖުން ދަނީ ޢުދުވާންތައް އިތުރުކޮށް ފުޅާ ކުރަމުން. ހަސްފަތާލުތައް ހުސް ކުރަން އޮތީ މަޖުބޫރު ކޮށްފައި. އަސާސީ ސާމާނު ވަނީ ހުސްވެފައި. އަމިއްލަ ވަޒަން ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވާން މަޖުބޫރު ކޮށްފައިވާ މީހުންނަށް އެހީ ލިބޭނެ ގޮތެއް ނެތް, އެ މީހުން ވަނީ ހައިހޫނުގައި ޖައްސާފައި. މި ޖަރީމާތައް ހުއްޓުވަން ޖެހޭ،" އދގެ އެހީއާ ބެހޭ އިދާރާގެ އިސް އޮފިޝަލެއް ކަމުގައިވާ ޖޮއިކް އެމްސޫޔާ ވިދާޅުވިއެވެ.

އެމެރިކާގެ ނައިބު ރައީސާ ކަމަލާ ހެރިސް ވެސް ވަނީ މި ކަމާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. "އިންސާނީ އެހީއަށް ޖެހިފައިވާ މީހުންނަށް އެ ތަކެތި ފޯރުކޮށްދިނުމަށް އިސްރާއީލުން ވަގުތުން އިތުރު މަސައްކަތް ކުރަން ޖެހޭ. ޢާންމު ރައްުޔިތުންގެ ފުރާނަ ރައްކާތެރިކޮށް, ކާބޯތަކެއްޗާއި, ފެނާއި ބޭސް ފޯރުކޮށްދޭން ޖެހޭނެ. އިންސާނިއްޔަތާ ބެހޭ ބައިނަލްއަޤުވާމީ ޤާނޫނުތަކަށް އިޙުތިރާމު ކުރަން ޖެހޭނެ،" ނޮވެންބަރު މަހު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަ ކުރައްވާ ހެރިސް ވިދާާޅުވިއެވެ.

2023 އޮކްޓޫބަރު 7ން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 42,227އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 98,464 މީހުން ޒަޚަމު ކޮށްލާފައެވެ.