މެދުއިރުމަތީގެ ޤައުމުތަކުގެ މުސްލިމުންނާ ދެކޮޅަށް ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ފަށަން އެމެރިކާއިން ތައްޔާރުވެފައިވާ ކަމުގެ އިޝާރާތެއް ދީފިއެވެ. އެމެރިކާގެ ދިފާޢީ އިދާރާ, ޕެންޓެގަނުން ބުނީ ޒަޔަނިސްޓު ދައުލަތުގައި ދިރިއުޅޭ ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރި ކަން ކަށަވަރު ކޮށްދިނުމަށް އެމެރިކާ ސިފައިންނާއި ބަރުހަތިޔާރު އިސްރާއީލަށް ފޮނުވަން ނިންމާފައިވާ ކަމުގައެވެ. މިއީ, އީރާނާ ދެކޮޅަށް ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ފެށުމަށް އެމެރިކާއިން ތައްޔާރުވެފައިވާ ކަމުގެ އިޝާރާތެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
ފަލަސްޠީނާއި ލުބްނާންގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ. ސޫރިޔާއާއި ޔަމަނުގެ ސިޔާދަތީ މިިނިވަންކަމާއި އިސްތިޤުލާލަށް ބެލުމެއް ނެތި, ޔަހޫދީ ފައުޖުން ދަނީ އެ ޤައުމުތަކަށް ވެސް ބޮންއަޅަމުންނެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ, އިސްރާއީލަށް އެމެރިކާ ސިފައިންގެ ލަޝްކަރެއް ފޮނުވަން ނިންމާފައި ވަނީ ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކަމުގައެވެ.
މިއީ, މެދުއިރުމަތީގެ މަސްރަޙު އިތުރަށް ހޫނުކޮށް, އެ ސަރަޙައްދުގެ ބޮޑު ބާރެއްގެ ގޮތުގައި ބެލެވޭ އީރާނާ ދެކޮޅަށް ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ފެށުމަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާއިން އަޅަން ނިންމާފައިވާ ފިޔަވަޅެއްގެ ގޮތުގައި ބެލުމުގެ ފުރުޞަތު އެބައޮތެވެ. ޔަހޫދީންގެ ޖަރީމާތަކަށް ކެތް ނުކުރެވިގެން އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން އޮކްޓޫބަރު 1ވަނަ ދުވަހު ޒަޔަނިސްޓު ދައުލަތުގެ ރަށްތަކުގައިވާ ޔަހޫދީ ފައުޖުގެ އަމާޒުތަކަށް ވަރުގަދަ ޙަމަލާތަކެއް ދިނެވެ. 180އެއްހާ ބެލިސްޓިކް މިސައިލް ބޭނުން ކޮށްގެން އައިއާރްޖީސީން ދިން ޙަމަލާތަކުގައި ޔަހޫދީންނަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ޔަހޫދީން މި ވަގުތު ދަނީ އީރާނުގެ ކިބައިން ބަދަލު ހިފަން ތައްޔާރުވަމުންނެވެ.
އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާއިން ފިޔަވަޅުތައް އަޅަމުންދިޔަ ނަމަވެސް, ދުނިޔޭގެ ލޯތަކުގެ ކުރިމަތީގައި ބައިޑަން ދައްކަވަމުން ގެންދަވަނީ އެހެން މޫނެކެވެ. ވިދާޅުވަމުން ގެންދަވަނީ ދިމާ އިދިކޮޅު ވާހަކަތަކެކެވެ. ޔަހޫދީންނަށް ގޮވައިލައްވާފައި ވަނީ މެދުއިރުމަތީގައި ނުރައްކާތެރި ހަނގުރާމައެއް ފެށިދާނެ ފަދަ އެއްވެސް ފިޔަވަޅެއް ނޭޅުމަށެވެ. އަދި, އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ޤާއިމު ކޮށްފައިވާ މަރުކަޒުތަކާއި ހަކަތަ އުފައްދާ މަރުކަޒުތަކަށް ޙަމަލާ ދިނުމާ ދެކޮޅު ކަމުގައި ވެސް ބައިޑަން ގެންދަވަނީ ވިދާޅުވަމުންނެވެ.
ޕެންޓެގަންގެ ތަރުޖަމާނު ޕެޓްރިކް ރައިޑަރ ވިދާޅުވީ ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ އިތުރުން މެދުއިރުމަތީގެ ޤައުމުތަކުގައި ޤާއިމުކޮށްފައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ ޤައުމުން ފިޔަވަޅުތައް އަޅަމުންދާ ކަމުގައެވެ. ޔަހޫދީންގެ ދިފާޢީ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވުމަށް އެމެރިކާއިން މީގެ ކުރިން އިސްރާއީލަށް ސިފައިން ފޮނުވާފައެއް ނެތެވެ.
ނަމަވެސް, އީރާނާއި އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ މުޖާހިދުންނާއި ހަތިޔާރު އެޅި ޖަމާޢަތްތަކުން ޔަހޫދީންގެ ރަށްތަކަށް ދެމުންދާ ޙަމަލާތައް ދިފާޢު ކުރުމުގައި އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ބައިވެރިވެ, އެހީތެރިވެދީފައެވެ. އެ ކަން ކޮށްފައި ވަނީ މެދުއިރުމައްޗަށް ފޮނުވާފައިވާ އަސްކަރީ މަނަވަރުތަކާއި, މެދުއިރުމަތީގެ އެހެން ޤައުމުތަކުގައި ޤާއިމު ކޮށްފައި ތިބި ސިފައިންނާއި އަސްކަރީ މަތިންދާބޯޓުތައް ބޭނުން ކޮށްގެންނެވެ.
އެމެރިކާ ސިފައިން އިސްރާއީލާށް ދާނީ އެންމެ ފަހުގެ ޒަމާނީ ބަރުހަތިޔާރާއި މިސައިލްތަކާ ވެސް އެކުގައެވެ. ޕެންޓެގަނުން ބުނީ, އެމެރިކާއިން އުފައްދާފައިވާ 'ޓަރމިނަލް ހައި އެލްޓިޓިއުޑް އޭރިޔާ ޑިފެންސް' ނިޒާމު ނުވަތަ ތާޑް ނިޒާމު އިސްރާއީލުގެ ރަށްތަކުގައި ޤާއިމު ކޮށްދިނުމަށް ނިންމާފައިވާ ކަމުގައެވެ. އެ ތަކެތި އޮޕަރޭޓު ކުރާނީ އެމެރިކާ ސިފައިން ކަމަށް ބެލެވެއެވެ. މިއާ އެކު, ޔަހޫދީންގެ ރަށްތަކުގައި ޤާއިމު ކޮށްފައިވާ ވައިގެ ދިފާޢީ ނިޒާމުގެ ޤާބިލުކަން އެތަކެއް ގުނައަކަށް އިތުރު ކުރެވޭނެއެވެ.
ޒަޔަނިސްޓު އިސްރާއީލަށް އެމެރިކާ ސިފައިން ފޮނުވަން ނިންމުމުން އީރާނުން ވަނީ މި ކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވިދާޅުވީ, އިސްރާއީލަށް އެމެރިކާ ސިފައިންނާއި ބަރުހަތިޔާރު ފޮނުވުމަކީ, މެދުއިރުމަތީގެ ޤައުމުތަކުގައި ޤާއިމު ކޮށްފައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިން އިތުރު ނުރައްކަލަކަށް ހުށަހެޅުމުގެ އަމަލެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމުގައެވެ.
"މި ސަރަޙައްދުގައި ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ނުފެށުމަށް އަޅުގަނޑުމެން މި ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން, އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ ރައްޔިތުންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭން ހުރަސް ކުރަން ޖެހޭނެ އެއްވެސް ރަތް ރޮނގެއް ނޯންނާނެޔޭ،" ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ދީފާނެ އިތުރު ޙަމަލާއަކާ ދެކޮޅަށް އިންޒާރު ދެއްވަމުން ޢަރާޤިޖީ ވިދާޅުވިއެވެ. މެދުއިރުމަތީގެ މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ވެސް ބުނީ, ޔަހޫދީންނާ ދެކޮޅަށް ބޮޑު ހަނގުރާމައެއް ނުފެށުމަށް އީރާނުން ގިނަގުނަ މަސައްކަތްތަކެއްކޮށް, ފިޔަވަޅުތައް އަޅަމުންދާ ކަމުގައެވެ.
އޮކްޓޫބަރު 1ވަނަ ދުވަހު އީރާނުން ޔަހޫދީ ފައުޖަށް އަމާޒުކޮށް ނުރައްކާތެރި ޙަމަލާތަކެއް ދީފައި ވަނީ, ޖުލައި 31ވަނަ ދުވަހު ޔަހޫދީން އީރާނުގެ ވެރިރަށް ތަހްރާނަށް ދިން ނިރުބަވެރި ޙަމަލާއެއްގެ ބަދަލު ހިފުމުގެ ގޮތުންނެވެ. އެ ޙަމަލާގައި ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ކުރީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލިއެވެ. އަދި, ސެޕްޓެންބަރު 27ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ ވެރިރަށް ބައިރޫތަށް ބޮންއަޅައި, މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުالله ޝަހީދު ކޮށްލާފައެވެ. އެ ޙަމަލާތަކުގައި އައިއާރްޖީސީގެ ކޮމާންޑަރުގެ ނައިބު ޢައްބާސް ނިލްފުރޫޝާން ވެސް ޝަހީދު ކޮށްލިއެވެ. އެ ޙަމަލާތަކުގެ ބަދަލު ހިފުމަކީ އީރާނަށް ލިބިގެންވާ ޙައްޤެކެވެ.