ޚަބަރު

އުތުރު ކޮރެޔާގެ ސިފައިން ޔޫކްރެއިންގައި ހަނގުރާމަ ކުރަމުންދާ ކަމަށް ޒެލެންސްކީ ތުހުމަތު ކުރައްވައިފި


ޔޫކްރެއިނަށް އަރައި ހަނގުރާމަ ކުރަމުންދާ ރަޝިޔާގެ ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުތުރު ކޮރެޔާއިން ސިފައިން ފޮނުވާފައިވާ ކަމުގައި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންްސްކީ ތުހުމަތު ކުރައްވައިފިއެވެ. އޭނާ ވިދާޅުވީ, ރަޝިޔާއާއި އުތުރު ކޮރެޔާއާ ދެމެދު ދިފާޢީ ގުޅުންތައް ބަދަހިކޮށް އުތުރު ކޮރެޔާއިން ސިފައިންނާއި ހަތިޔާރު ޔޫކްރެއިނަށް ފޮނުވަމުންދާ މި ދަނޑިވަޅުގައި, ޔޫކްރެއިންގެ މަދަދުގާރުންނާ އެކު ދިފާޢީ ގުޅުންތައް އިތުރަށް ހަރުދަނާ ކުރަން ޖެހިފައިވާ ކަމުގައެވެ.

އުތުރު ކޮރެޔާގެ ސިފައިން ޔޫކްރެއިނަށް ފޮނުވާފައިވާ ކަމަށާއި, ރަޝިޔާގެ ފައުޖުތަކާ އެއް ސަފެއްގައި އުތުރު ކޮރެޔާގެ ސިފައިން ޔޫކްރެއިންގެ ފައުޖުތަކާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ކަމަށް ދެކުނު ކޮރެޔާއިން ވެސް ދާދިފަހުން ތުހުމަތު ކުރިއެވެ. ނަމަވެސް ރަޝިޔާގެ ރިޔާސީ ގަނޑުވަރު, ކްރެމްލިނުން ވަނީ އެ ތުހުމަތުތައް ދޮގު ކޮށްފައެވެ. އުތުރު ކޮރެޔާއިން އިތުރު ސިފައިންނާއި ހަތިޔާރު ޔޫކްރެއިނަށް ފޮނުވުމަށް ތައްޔާރުވަމުންދާ ކަމަަށް ބުނެ ދެކުނު ކޮރެޔާއިން ކޮށްފައިވާ ތުހުމަތުތައް ވެސް ކްރެމްލިނުން ވަނީ ދޮގު ކޮށްފައެވެ.

"ރަޝިޔާއިން އުތުރު ކޮރެޔާ ފަދަ ދައުލަތްތަކާ އެކު ބާއްވަމުންދާ ގުޅުންތައް އިތުރަށް ބަދަހި ކުރަމުންދާ މަންޒަރު އަޅުގަނޑުމެންނަށް ފެނޭ. [އުތުރު ކޮރެޔާއިން ރަޝިޔާއަށް] ހަތިޔާރު ފޯރުކޮށްދިނުން އެކަންޏެއް ނޫން, އުތުރު ކޮރެޔާއިން ވަނީ [ރަޝިޔާގެ] އިސްތިޢުމާރީ ސިފައިންނާ ބައިވެރިވާން ސިފައިން ވެސް ފޮނުވާފައި،" ޒެލެންސްކީ ވިދާޅުވިއެވެ.

މި ކަމަށް އިޝާރާތް ކުރައްވައި ޒެލްންސްކީ ވަނީ, ޔޫކްރެއިނަށް އިތުރު ހަތިޔާރު ފޯރުކޮށްދިނުމަށް އެ ޤައުމުގެ މަދަދުގާރުންނަށް ގޮވައިލައްވާފައެވެ. އޭނާ ވިދާޅުވީ, ހަނގުރާމަ ހުއްޓައިލުމަށް ރަޝިޔާއަށް އިތުރަށް ބާރުއަޅައި, އިތުރު ފިއްތުންތައް ކުރިމަތި ކުރެވޭނީ ޔޫކްރެއިނަށް އިތުރު ހަތިޔާރު ފޮނުވައި, އަސްކަރީ ޤާބިލުކަން އިތުރު ކޮށްގެންދީގެން ކަމުގައެވެ. ރަޝިޔާގެ ރަށްތަކަށް ޔޫކްރެއިނުން ދެމުންދާ ޙަމަލާތަކުގައި ނޭޓޯގެ ބާރުތަކުން ފޮނުވަމުންދާ ދުރު-ރާސްތާގެ ހަތިޔާރު ބޭނުން ކުރުމުގެ ހުއްދަ ހޯދުމަށް އެދި ވެސް ޒެލެންސްކީ ގެންދަވަނީ އާދޭސް ދަންނަވަމުންނެވެ.

"މިއިން ކަށަވަރުވާ ކަމަކީ, އަޅުގަނޑުމެންގެ މަދަދުގާރުންނާ އެކު އޮތް ގުޅުންތައް ވެސް އިތުރަށް ހަރުދަނާކޮށް ބަދަހި ކުރަން ޖެހިފައިވާ ކަން. ކުރީ ސަފުގައި ހަނގުރާމަ ކުރަމުންދާ [ޔޫކްރެއިންގެ] ސިފައިންނަށް އިތުރު އެހީތެރިކަން ބޭނުންވޭ. އަޅުގަނޑުމެން މި ދަައްކަނީ ދުރު-ރާސްތާގެ ހަތިޔާރުގެ ޤާބިލު ކަން އިތުރު ކުރުމާއި, މެދުކެނޑުމެއް ނެތި [ޔޫކްރެއިންގެ ސިފައިންނަށް] ހަތިޔާރު ފޯރުކޮށްދިނުމުގެ ވާހަކަ،" ޒެލެންސްކީ ވިދާޅުވިއެވެ.

ދެކުނު ކޮރެޔާގެ ދިފާޢީ ވަޒީރު ކިމް ޔުން-ޔަން ވިދާޅުވީ ޔޫކްރެއިނަށް އަރައި ހަނގުރާމަ ކުރަމުންދާ ރަޝިޔާގެ ސިފައިންނަށް އެހީތެރި ކަން ފޯރުކޮށްދިނުމަށް އުތުރު ކޮރެޔާއިން ސިފައިން ފޮނުވުމުގެ ފުރުޞަތު ވަރަށް ބޮޑު ކަމުގައެވެ. ރަޝިޔާގެ ސިފައިންނާ އެއް ސަފެއްގައި ޔޫކްރެއިންގައި ހަނގުރާމަ ކުރަމުން ދިޔަ އުތުރު ކޮރެޔާގެ ސިފައިން ބަޔަކު މަރުވެފައިވާ ކަމުގެ ސައްޙަ ރިޕޯޓުތައް ލިބިފައިވާ ކަމުގައި ވެސް, ދެކުނު ކޮރެޔާގެ ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަ ފުޅު ދައްކަވަމުން ކިމް ވިދާޅުވިއެވެ.

ނަމަވެސް, ކްރެމްލިންގެ ތަރުޖަމާނު ދްމީތުރީ ޕިސްކޯފް ވަނީ ކިމްގެ ތުހުމަތުތައް ދޮގު ކުރައްވާފައެވެ. "މި ތުހުމަތައް ބޮޑަށް ވައްތަރީ ދޮގު ޚަބަރަކާ،" އޭނާ ވިދާޅުވިއެވެ.

ރަޝިޔާގެ ފައުޖުތަކާ ދެކޮޅަށް ޔޫކްރެއިންގެ ސިފައިން ކުރަމުންދާ ހަނގުރާމައިގައި ޔޫކްރެއިނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން ދަނީ އެމެރިކާއާއި ނޭޓޯގެ ބާރުތަކުންނެވެ. ރަޝިޔާގެ އިތުރުން މަސްރަޙު ދިރާސާ ކުރާ ބައެއް ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި, މިއީ ޔޫކްރެއިން މެދުވެރިއެއްގެ ގޮތުގައި ބޭނުން ކޮށްގެން އެމެރިކާއާއި ހުޅަނގުން ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައެކެވެ.

ޔޫކްރެއިނަށް ފޯރުކޮށްދެމުންދާ ހަތިޔާރު އިތުރު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހުޅަނގުގެ ބާރުތަކުން ހުސްވި ހަފުތާގައި ޖަރުމަނުވިލާތުގައި ބައްދަލުވުމެއް ބޭއްވުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް, އެމެރިކާގެ ފްލޮރިޑާ ސްޓޭޓަށް އެރި ބާރުގަދަ ތޫފާނެއް ކަމުގައިވާ މިލްޓަނާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އެ ދަތުރުފުޅު ފަސް ކުރައްވާފައެވެ. އެ ކަމާ ގުޅިގެން ފަސް ކޮށްފައިވާ ބައްދަލުވުން މި ހަފުތާގައި ބާއްވާނެ ކަމަށް ބެލެވެއެވެ. އެ ބައްދަލުވުމާ ގުޅޭ ގޮތުން ޒެލެންސްކީ ވިދާޅުވީ, ޔޫކްރެއިންގެ އަސްކަރީ ޤާބިލުކަން އިތުރު ކުރުމަށް އެ ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާނެ ކަމުގައެވެ.

2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން ރަޝިޔާއާއި އުތުރު ކޮރެޔާއާ ދެމެދު ގުޅުން ބަދަހި ކުރަން ފަށާފައިވާ ކަން ފާހަގަ ކުރެވެއެވެ. އުތުރު ކޮރެޔާގެ ޒައީމް ކިމް ޖޮންގ އުން 2023 ސެޕްޓެންބަރުގައި ރަޝިޔާއަށް ދިޔައެވެ. އަދި, ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާ އެކު މަޝްވަރާތައް ބާއްވައި, ރަޝިޔާގެ އަސްކަރީ މަރުކަޒުތަކާއި ހަތިޔާރު އުފައްދާ ކާރުޚާނާތަކެއް ޒިޔާރަތް ކުރިއެވެ. މި އަހަރުގެ ޖޫން މަހު ޕުޓިން ވެސް ވަނީ އުތުރު ކޮރެޔާގެ ވެރިރަށް ޕްޔުންގޔަންގަށް ދަތުރުފުޅެއް ކުރައްވާފައެވެ.

ޔޫކްރެއިންގެ އިތުރުން އެމެރިކާއާއި ދެކުނު ކޮރެޔާއިން ވެސް ތުހުމަތު ކުރާ ގޮތުގައި އުތުރު ކޮރެޔާއިން ދަނީ ރަޝިޔާއަށް ހަތިޔާރު ވިއްކަމުންނެވެ. އަދި, ރަޝިޔާއިން އެ ހަތިޔާރުތައް ޔޫކްރެއިންގެ ސިފައިންނާއި ޢާންމު ރައްޔިތުންނާ ދެކޮޅަށް ބޭނުން ކުރާ ކަމުގައި ވެސް އެ ޤައުމުތަކުން ތުހުމަތު ކުރެއެވެ. ޖަނަވަރީ 2ވަނަ ދުވަހު ޔޫކްރެއިންގެ ޚަރްކިވަށް ރަޝިޔާއިން ދިން ޙަމަލާއެއްގައި އުތުރު ކޮރެޔާއިން އުފައްދާފައިވާ މިސައިލެއް ބޭނުން ކޮށްފައިވާ ކަމުގައި އދން ވެސް ބުނެފައިވެއެވެ. އދން ބުނީ, އެ ޙަމަލާގައި ބޭނުން ކޮށްފައި ވަނީ އުތުރު ކޮރެޔާއިން އުފައްދާފައިވާ ހުވާސޮންގ-11 މަރުކާގެ ބެލިސްޓިކް މިސައިލެއް ކަމުގައެވެ.