ޚަބަރު

ޔުނިފިލްގެ ސިފައިންނަށް ޙަމަލާ ދިނުމަކީ ހަނގުރާމައިގެ ކުށެއްގެ ގޮތުގައި ބެލެވިދާނެ: ގުތެރޭޝް


އދގެ ސުލްޙަ ބަލަހައްޓާ ފައުޖު (ޔުނިފިލް)ގެ ސިފައިންނަށް ޙަމަލާ ދިނުމަކީ ހަނގުރާމައިގެ ކުށެއްގެ ގޮތުގައި ބެލުމުގެ ފުރުޞަތު އޮތް ކަމަށް ވިދާޅުވެ އދގެ ސެކްރެޓަރީ-ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ޔަހޫދީންނަށް އިންޒާރު ދެއްވައިފިއެވެ. މި ކަން ހާމަ ކުރައްވާފައި ވަނީ އދގެ ތަރުޖަމާނު ސްޓިފަން ދުޖަރީކެވެ. ގުތެރޭޝް ޔަހޫދީންނަށް އިންޒާރު ކުރައްވާފައި މި ވަނީ ލުބްނާންގައި ހުންނަ ޔުނިފިލްގެ މައި މަރުކަޒުގެ އިތުރުން ވޮޗްޓަވަރުތަކާއި ވަސީލަތްތަކަށް ޔަހޫދީ ފައުޖުން ނިރުބަވެރި ޙަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައެވެ.

ޔުނިފިލުން ބުނީ, ޔަހޫދީ ފައުޖުގެ މިރްކަވާ މަރުކާގެ ދެ އަސްކަރީ ޓޭންކު އެ މަރުކަޒުގެ މައި ދޮރާށީގައި ޖައްސައި, ގެއްލުން ދީފައިވާ ކަމުގައެވެ. އަދި, އެއަށްފަހު އެ ދެ ޓޭންކު މަރުކަޒުގެ ގޯތިތެރެއަށް ވައްދައި, ޔުނިފިލްގެ ސިފައިންނަށް ބިރުދައްކާފައިވާ ކަމުގައެވެ. އަދި, މަރުކަޒުގެ ތެރެއަށް ވަތް ދެ ޓޭންކު ބޭރަށް ނެރުމަށް ފަހު, ޔަހޫދީ ފައުޖުން އަސްކަރީ ޓޭންކުފަހަރު ބޭނުން ކޮށްގެން ޔުނިފިލްގެ މަރުކަޒު ހުންނަ ސަރަޙައްދަށް ވަރުގަަދަ ޙަމަލާތަކެއް ދީފައިވާ ކަމުގައި ވެސް އެ އިދާރާއިން ބުންޏެވެ. ޔަހޫދީ ފައުޖުން ދިން ނިރުބަވެރި ޙަމަލާތަކާ ގުޅިގެން ދުމުގެ އަސަރުކޮށްގެން ޔުނިފިލްގެ ބައެއް ސިފައިން ބަލިވި ކަމުގައި ވެސް އެ އިދާރާއިން ހާމަކުރިއެވެ.

މި ކަމާ މެދު ކަންބޮޑުވުން ފާޅު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ދުޖަރީކް ވިދާޅުވީ, ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ ސިފައިންގެ ހާލަތު ގުތެރޭޝް ބައްލަވާފައިވާ ކަމުގައެވެ. އޭނާ އިޝާރާތް ކުރައްވާފައި އެ ވަނީ, ފާއިތުވި ހަފުތާއެއްހާ ދުވަހު ޔަހޫދީ ފައުޖުން ދިން ނިރުބަވެރި ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ ޔުނިފިލްގެ ފަސް ސިފައިންނަށެވެ. އަދި, ޔަހޫދީންގެ އިންޒާރުތަކަށް ޖެހިލުންވެ, ޔުނިފިލްގެ ސިފައިން އދން ނުފައިބާނެ ކަމަށާއި, ލުބްނާނުގައި އދގެ ދިދަ ވިހުރެމުންދާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

"ޔުނިފިލްގެ ސިފައިންނާއި މަރުކަޒުތަކަށް އެއްވެސް ހާލެއްގައި ޙަމަލާ ދީގެން ނުވާނެ ކަން ސެކްރެޓަރީ-ޖެނެރަލް [ގުތެރޭޝް] ވަނީ ތަކުރާރު ކުރައްވާފައި. ސުލްޙަ ބަލަހައްޓާ ސިފައިންނަށް ޙަމަލާ ދިނުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު އަމަލެއް, އިންސާނިއްޔަތާ ބެހޭ ޤާނޫނުތަކާ ޚިލާފު އަމަލެއް. އެއީ, ހަނގުރާމައިގެ ކުށެއްގެ ގޮތުގައި ބެލިދާނެ،" ދުޖަރީކް ވިދާޅުވިއެވެ.

މިއީ, ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޔުނިފިލްގެ މައި މަރުކަޒާއި ސިފައިން ތިބޭ ޓަވަރުތަކަށް ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ޙަމަލާ ދީފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. ޔަހޫދީ ފައުޖުގެ ޙަމަލާތަކުގައި ޔުނިފިލުން ޤާއިމު ކޮށްފައިވާ ސީސީޓީވީ ކެމެރާ ނިޒާމާއި މުއާޞަލާތީ ނިޒާމު ވެސް ވަނީ ފުނޑުފުނޑު ކޮށްލާފައެވެ. އދގެ މަޞްދަރުތަކުން ބުނީ, މިއީ ލުބްނާނުގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ހަނގުރާމައިގެ ކުށްތަކުގެ ހެކި ނައްތައިލަން ދީފައިވާ ޙަމަލާތަކެއް ކަމުގައެވެ.

ޔުނިފިލްގެ ސިފައިންނަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ދެމުންދާ ނިރުބަވެރި ޙަމަލާތައް ކުށްވެރި ކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ޔަހޫދީންގެ މަދަދުގާރުން ވެސް ހިމެނެއެވެ. އޭގެ ތެރޭގައި ވިލާތުގެ އިއްތިހާދު (އީޔޫ) ވެސް ހިމެނެއެވެ. އީޔޫގެ ޚާރިޖީ ސިޔާސަތާ ބެހޭ މުޝީރު ޖޮސެފް ބޮރެއި ވިދާޅުވީ ޔުނިފިލްގެ ސިފައިންނަށް އަމާޒުކޮށް ޔަހޫދީ ސިފައިން ދީފައިވާ ޙަމަލާތައް އެ އިއްތިޙާދުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމުގައެވެ.

"އދގެ ސުލްޙަ ބަލަހައްޓާ ސިފައިންނަށް ދީފައިވާ އެ ފަދަ ޙަމަލާތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު, ބަލައިގަނެވޭނެ އަމަލެއް ނޫން. އެ ފަދަ ޙަމަލާތައް ވަގުތުން ހުއްޓައިލަން ޖެހޭ. އދގެ މިޝަންތަކާ ދެކޮޅަށް ދޭ އެ ފަދަ ޙަމަލާތައް އީޔޫގެ ފަރާތުން ކުށްވެރި ކުރަން. ޚާއްޞަކޮށް, ޔުނިފިލްގެ ސިފައިންނަށް އިސްރާއީލުގެ ދިފާޢީ ބާރުން [ޔަހޫދީ ފައުޖުން] ޙަމަލާދީ އޭގެ ތެރެއިން ބަޔަކު ޒަޚަމުކޮށްލި ޙަމަލާތައް ފާހަގަ ކުރަން،" ބޮރެއިގެ އޮފީހުން ނެރުނު ބަޔާނެއްގައި އޭނާ ވިދާޅުވިއެވެ.

ޔުނިފިލްގެ މައި މަރުކަޒަށް ޔަހޫދީ ފައުޖުން ނިރުބަވެރި ޙަމަލާތަކެއް ދީފައިވާ ކަން އެ އިދާރާއިން ހާމަ ކުރުމާ ގުޅިގެން ޔަހޫދީން ވަނީ އެ ކަމުން ރެކި, ކަމުގެ ޙަޤީޤަތް އޮޅުވައިލުމުގެ ގޮތުން ދޮގު ވާހަކަތަކެއް ފަތުރާފައެވެ. ޔަހޫދީ ފައުޖުން ބުނީ, އަސްކަރީ ޓޭންކުފަހަރުން ޔުނިފިލްގެ މައި މަރުކަޒަށް ވަދެފައި ވަނީ, ލުބްނާނުގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهން ދެމުން ދިޔަ ވަރުގަދަ ޙަމަލާތަކަކުން ރައްކާތެރި ކަން ހޯދުމަށް ކަމުގައެވެ. ޙިޒްބުاللهގެ ޙަމަލާތަކުގައި ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިންގެ 25 މީހަކު ޒަޚަމުވި ކަމުގައި ވެސް އެ މީހުން ބުންޏެވެ. އަދި, ޔުނިފިލްގެ ސިފައިންނަށް ބިރު ދައްކާފައިވާ ކަމަށް އެ އިދާރާއިން ކޮށްފައިވާ ތުހުމަތު ޔަހޫދީ ފައުޖުން ދޮގު ކުރިއެވެ.

ބޮރެއި ވިދާޅުވީ އދގެ މުވައްޒަފުންނާއި, އިމާރާތްތަކާއި މުދަލުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ޒިންމާ ހުރިހާ ފަރާތެއްގެ ކޮނޑުގައި އެޅިފައިވާ ކަމުގައެވެ. "ލުބްނާންގެ ދެކުނުގެ ސަރަޙައްދުގައި އަމަންއަމާން ކަން ދަމަހައްޓަން އިސް ދައުރެއް އަދާ ކުރަމުންދާ ޔުނިފިލްގެ ސިފައިންނަށް ދިން ޙަމަލާތަކާ ގުޅޭ ފުރިހަމަ ތަޙުޤީޤެއް ހިންގައި, އޭގެ ތަފުސީލުތަކަށް އަޅުގަނޑުމެން އިންތިޒާރު ކުރަން،" އޭނާ ވިދާޅުވިއެވެ.

ޔުނިފިލްގެ ސިފައިންނަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ދެމުންދާ ނިރުބަވެރި ޙަމަލާތައް ކުށްވެރި ކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާ ވެސް ހިމެނެއެވެ. އޮކްޓޫބަރު 13ވަނަ ދުވަހު ޒަޔަނިސްޓު ދައުލަތުގެ ހައްދުފަހަނަ އެޅި ދިފާޢީ ވަޒީރު ޔޮއާވް ގަލާންތަށް ފޯނުން ގުޅުއްވައި އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ވަނީ މި ކަމާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ޔުނިފިލާއި ލުބްނާނުގެ އަސްކަރިއްޔާގެ ސިފައިންގެ ފުރާނައަށް ނުރައްކާކުރުން ހުއްޓައިލަން އޮސްޓިން ގޮވައިލައްވާފައިވާ ކަމުގައި އެމެރިކާގެ ދިފާޢީ ވުޒާރާއިން ބުންޏެވެ.