ކުޅިވަރު

ޓީ20 ވިމެންސް ކްރިކެޓް ވޯލްޑް ކަޕް: ނިއު ޒީލަންޑް ސެމީއަށް، އިންޑިއާ ކަޓައިފި


ޔޫއޭއީގައި މިހާރު ކުރިއަށްދާ ޓީ20 ވިމެންސް ކްރިކެޓް ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ފަސޭހަކަމާއެކު ޕާކިސްތާން ބަލިކޮށް ނިއު ޒީލަންޑުން ސެމީ ފައިނަލަށް ދަތުރުކުރިއިރު، އިންޑިއާ މުބާރާތުން ކަޓައިފިއެވެ.

ނިއު ޒީލަންޑުން މި މެޗު ކާމިޔާބުކުރީ 54 ލަނޑުގެ ތަފާތަކުންނެވެ.

މި ފަހަރުގެ މުބާރާތުގައި އޮސްޓްރޭލިއާއިން ކުޅުނު ހަތަރު މެޗު ކާމިޔާބުކޮށްގެން ގްރޫޕް އޭގެ އެއްވަނަ މަގާމާއެކު ސެމީ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފައިވާއިރު، އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނަ ޓީމުގެ ގޮތުގައި ސެމީގެ އަނެއް ޖާގަ ހޯދީ ނިއު ޒީލެންޑެވެ. ތިނެއްގައި އޮތް އިންޑިއާ އަށް ހަތަރު މެޗުން ލިބުނީ ހަތަރު ޕޮއިންޓެވެ. ހަތަރުވަނައިގައި އޮތް ޕާކިސްތާނަށް ދެ ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮވެ ނިންމާލި ސްރީ ލަންކާ އަށް ޕޮއިންޓެއްނުލިބެއެވެ.

ދުބާއީގައި ރޭ ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ނިއު ޒީލެންޑުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ވަނީ ހަ ވިކެޓަށް 110 ލަނޑުހަދައިފައެވެ. ނިއު ޒީލެންޑުން އެންމެ ރަނގަޅަށް ކުޅުނު ސުޒީ ބޭޓްސް 28 ލަނޑު ހެދިއިރު، ދެން އެންމެ ރަނގަޅަށް ކުޅުނު ބްރޫކް ހަލިޑޭ 22 ލަނޑުހެދިއެވެ. މީގެއިތުރުން އެ ޓީމުގެ ކެޕްޓަން ސޯފީ ޑެވިން 19 ލަނޑުހެދިއެވެ. މި އިނިންގްސްގައި ޕާކިސްތާނުން އެންމެ ރަނގަޅަށް އުކި ނަޝްރާ ސަންދޫ ތިން ވިކެޓްނެގިއެވެ.

ޖަވާބުގައި ކުޅެން އެރި ޕާކިސްތާނުގެ ހުރިހާ ކުޅުންތެރިން 11.4 އޯވަރުގެ ތެރޭގައި ނުބައިވީ އެންމެ 56 ލަނޑަށެވެ. ޕާކިސްތާނުން އެންމެ ރަނގަޅަށް ކުޅުނީ ކެޕްޓަން، ފާތިމާ ސަނާ އެވެ. އޭނާ ވަނީ 21 ލަނޑުހަދައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ވިކެޓްކީޕަރު، މުނީބާ އަލީ ވަނީ 11 ބޯޅައިން 15 ލަނޑުހަދައިފައެވެ.

މި އިނިންގްސްގައި ނިއު ޒީލެންޑުން އެންމެ ރަނގަޅަށް އުކި އަމޭލިއާ ކާރ ތިން ވިކެޓްނެގިއިރު، އެޑެން ކާސަން ދެ ވިކެޓްނެގިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނިއު ޒީލެންޑްގެ އެޑެން ކާސަން އެވެ.

މި މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ގްރޫޕް ބީ ގައި ހިމެނޭ އިންގްލެންޑް ނިކުންނާނީ ވެސްޓް އިންޑީޒްއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 7 ޖަހާއިރު އެވެ.