އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމަތު އާއި ދެކޮޅަށް އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ކުޅުނު މެޗުން 3-2 ގެ ނަތީޖާއަކުން ލިވަޕޫލް ބަލިވެއްޖެއެވެ.
ބޯންމަތުގެ ވައިޓަލިޓީ ސްޓޭޑިއަމްގައި އެގާރަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ބޯންމަތުން ވަނީ މޮޅު ކުޅުމެއް ދައްކާ ލިވަޕޫލްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފައެވެ.
މި މެޗުގައި ބޯންމަތު އިން ލީޑު ނަގާފައިވަނީ މެޗުގެ 26 ވަނަ މިނިޓުގައި ލިވަޕޫލްގެ ޑިފެންޑަރ ވެންޑައިކަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އެވަނިލްސަން ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އަދި މެޗުގެ 33 ވަނަ މިނިޓުގައި ބޯންމަތުގެ އެލެކްސް ހިމިނޭޒް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ.
އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން މި މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ވަނީ ލަނޑެއް ޖަހާ އެ ޓީމުގެ އުންމީދު އައު ކޮށްފައެވެ. މި ލަނޑަކީ ވެންޑައިކް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
ލިވަޕޫލުން މި މެޗުގެ ނަތީޖާ އެއްވަރުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދިހަ މިނިޓަށް ވެފައިވަނިކޮށް ޑޮމިނިކް ސޮބޮޒްލާއީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގެ ފަސްވަނަ މިނިޓުގައި ބޯންމަތުގެ އަމީން އަދްލީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-2 އަށް ބަދަލުކޮށްފައެވެ.
މި ނަތީޖާ އާއި ބޯންމަތުން ވަނީ ލީގުގައި މިހާތަނަށް ކުޅުނު 23 މެޗުން ލިބިފައިވާ 30 ޕޮއިންޓާއެކު ތާވަލުގެ 13 ވަނަ މަގާމް ހޯދާފައެވެ. މި އަހަރު އަދި ޕްރިމިއާ ލީގުގެ މެޗަކުން މޮޅުވެފައިނުވާ ލިވަޕޫލް އަށް ލިބިފައިވާ 36 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ.