ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިޔާ ރެފިއުޖީ ކޭމްޕުގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ފުޅާކޮށް, ކާބޯތަކެތި ހޯދަން ކިޔޫ ހަދައިގެން ތިބި ބަޔަކަށް ޙަމަލާދީ އޭގެ ތެރެއިން 10 މީހުން ޝަހީދުކޮށްލައިފިއެވެ. އަސްކަރީ ޓޭންކުފަހަރާއި ބަރުހަތިޔާރު ބޭނުންކޮށް މީގެ 11 ދުވަސް ކުރިން ޖަބާލިޔާ ވަށައިލުމަށް ފަހު, ޔަހޫދީ ފައުޖުން ދަނީ އެ ސަރަޙައްދުގައި ތާށިކޮށްލާފައިވާ އެތަކެއް ހާސް ބަޔަކު ޝަހީދުކޮށްލަން ރަޙުމު ކުޑަ ޙަމަލާތަކެއް ދެމުންނެވެ. އެ ސަރަޙައްދުގައި 400,000އަށްވުރެ ގިނަ މީހުން ތާށިވެފައިވާ ކަމަށް އދން އަންދާޒާ ކުރެއެވެ.
ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ހިންގަން ފަށާފައި ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. މި ޢުދުވާނުގެ ދަށުން މި ވަގުތު އެންމެ ނުރައްކާތެރި ޙަމަލާތަކެއް ދެމުން ދަނީ ޣައްޒާގެ އުތުރުގެ ސަރަޙައްދުތަކަށެވެ. ޖަބާލިޔާގެ އިތުރުން އެ ސަރަޙައްދުގައި އޮތް ބަޔިތު ލާޙިޔާއާއި ބަޔިތު ހާނޫނަށް ވެސް ޔަހޫދީ ފައުޖުގެ އަސްކަރީ ޓޭންކުފަހަރާއި ބަރުހަތިޔާރު ވަނީ ފޮނުވާފައެވެ. އަދި, އެ ސަރަޙައްދުތަކުގައި ތާށިވެފައިވާ މީހުން ޝަހީދު ކުރަން ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ދަނީ ޤަތުލުޢާންމު ހިންގަމުންނެވެ.
އިންސާނީ ޙައްޤުތަކާ ބެހޭ އދގެ އިދާރާއިން ވަނީ މި ކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ އިދާރާއިން ބުނީ, ޣައްޒާގެ އުތުރުގެ ރަށްތައް ބަންދުކޮށް ވަކިކޮށްލަން ޔަހޫދީ ފައުޖުން މަސައްކަތް ކުރަމުންދާ ކަމުގައެވެ. "ޣައްޒާގެ އުތުރުގެ ރަށްތައް ވަކިކޮށްލަން ފަށާފައިވާއިރު, އެ ސަރަޙައްދުގެ ރައްޔިތުންނަށް އަމިއްލަ ވަޒަނަށް އެނބުރި ދިޔުމުގެ ފުރުޞަތު ދޭނެ ކަމަށް ނުބެލެވޭތީ, އަދި ޣައްޒާގެ އުތުރުގެ ރަށްތައް ހުސް ކުރަން އަންގަމުންދާތީ ކަންބޮޑުވޭ. ގިނަ ޢަދަދެއްގެ ބަަޔަކު ގަދަބާރުން މަޖުބޫރު ކޮށްގެން އަމިއްލަ ވަޒަނުން ނެރޭތީ ކަންބޮޑުވޭ،" އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ, ޖަބާލިޔާއަށް އެންމެ ފަހުން ދީފައިވާ ރަޙުމު ކުޑަ ޙަމަލާތަކުގައި 10 މީހުން ޝަހީދު ކޮށްލާފައިވާއިރު, އިތުރު 40 މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭ ކަން ވެސް އެ ވުޒާރާއިން ހާމަކުރިއެވެ. އެއަށްފަހު, ޝައިޚް ރަޟްވާން އަވަށަށް ބޮންއަޅައި އިތުރު އަށް މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.
އދން ބުނީ, ޖަބާލިޔާގައި ތާށި ކޮށްލާފައިވާ މީހުން މި ވަގުތު ތިބީ ވަރަށް ނިކަމެތި ހާލުގައި ކަމުގައެވެ. ޖަބާލިޔާގައި ތާށި ކޮށްލާފައިވާ 50,000އެއްހާ މީހުންނަށް ސާފު ބޯފެނާއި, ކާބޯތަކެތީގެ އިތުރުން ބޭސްފަރުވާ ކުރެވޭނެ ގޮތެއް ނެތް ކަމުގައި ވެސް އދން އިންޒާރު ކުރިއެވެ. އެ ސަރަޙައްދުގައި ހުރި, ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ އިދާރާ (އުންރްވާ)ން ހިންގާ ވަގުތީ ހިޔާތައް ބަންދު ކުރަން ވެސް ޔަހޫދީ ފައުޖުން ވަނީ މަޖުބޫރު ކޮށްފައެވެ. މި ކަން ކުށްވެރި ކުރައްވަމުން ޙަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ ސާމީ އަބޫ ޒަހްރީ ވިދާޅުވީ "[ޔަހޫދީ ފައުޖުން ހިންގަމުންދާ] ހަނގުރާމައިގެ ކުށްތައް ހުއްޓުވަން ބައިނަލްއަޤުވާމީ މުޖުތަމަޢުން ފިޔަވަޅުތަކެއް އަޅަން ޖެހޭ" ކަމުގައެވެ.
އދގެ ސެކްރެޓަރީ-ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވަނީ ޔަހޫދީ ފައުޖުން ޣައްޒާގެ ރައްޔިތުންނަށް ޖައްސަމުންދާ ނިކަމެތި ހާލާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާގެ ރިޔާސީ ގަނޑުވަރު, ވައިޓް ހައުސްގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ތަރުޖަމާނު ބުނީ ފަލަސްޠީނުގެ ޢާންމު ރައްޔިތުންގެ ފުރާނައަށް ފާރަވެރިވުމަކީ ޔަހޫދީ ފައުޖުގެ ޒިންމާއެއް ކަމުގައެވެ. އޭނާ އިޝާރާތް ކޮށްފައި ވަނީ, އަލް-އަޤްޞާ ހަސްފަތާލުގެ ގޯތިތެރޭގައި ޖަހާފައިވާ ފޭލިގެތަކުގައި ދިރިއުޅެމުން ދިޔަ ރެފިއުޖީންނަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާތަކަށެވެ.
"[ޙަމަލާތަކާ ގުޅިގެން] ރެފިއުޖީންގެ ހަށިތަކުގައި ރޯވެ އަނދަމުންދާ މަންޒަރު ފެންނަ ވީޑިޔޯތަކާއި ފޮޓޯތަކަކީ ބަލަން އުނދަގޫވި މަންޒަރުތަކެއް, އެ ކަމުގެ ކަންބޮޑުވުން އިސްރާއީލުގެ ސަރުކާރާ ވާނީ ހިއްސާ ކޮށްފައި. އެ ތަނުގައި ހިނގާފައި އެ ވަނީ ވަރަށް ބިރުވެރި ހާދިސާއެއް،" ވައިޓް ހައުސްގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ތަރުޖަމާނު ބުންޏެވެ. އެމެރިކާއިން މިހެން ބުނި ނަމަވެސް, އެ ޤައުމުން ދަނީ ޣައްޒާގެ މުސްލިމުން ޝަހީދު ކުރަން ޔަހޫދީ ފައުޖުން ބޭނުން ކުރަމުންދާ ނުރައްކާތެރި އަދި ފަނާކުރަނިވި ބޮންތަކާއި މިސައިލްތައް މެދުކެނޑުމެއް ނެތި ފޯރުކޮށްދެމުންނެވެ.
2023 އޮކްޓޫބަރު 7ން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 42,289އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 98,684 މީހުން ޒަޚަމު ކޮށްލާފައެވެ.