ރުޕޭ ކާޑުގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފުކުރުމުގެ ސަބަބުން އިންޑިއާގެ ފަތުރުވެރިންގެ މާކެޓް އިތުރުކުރުމަށް މަގުފަހިވެގެންދާނެކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ރުޕޭ ކާޑުގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިމަހުގެ 7 ވަނަ ދުވަހުއެވެ.
ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި)އިން ތަޢާރަފުކޮށްފައިވާ ރުޕޭ އަކީ އިންޑިއާގެ ފުރަތަމަ ގްލޯބަލް ކާޑު ޕޭމަންޓް ނެޓްވޯކެވެ. މިއީ މިހާރު ދުނިޔޭގެ 300 މިލިޔަނަށްވުރެ ގިނަ މީހުން ބޭނުންކުރަމުންދާ ޚިދުމަތެކެވެ. ރުޕޭ ކާޑުގެ ޚިދުމަތް ފޯރުކޮށްދޭ ބޭންކެއް މެދުވެރިކޮށް، އެކާޑު ލިބިފައިވާ ކޮންމެ ބަޔަކަށްވެސް ބޭނުންކުރެވޭނެއެވެ.
ދުނިޔޭގެ 6 ޤައުމެއްގައި މި ކާޑު ބޭނުންކުރެވެއެވެ. އެއީ، ސިންގަޕޫރު، ޔޫއޭއީ، ބޫޓާން، ނޭޕަލް އަދި މޮރިޝަސްގެ އިތުރުން ދިވެހިރާއްޖެއެވެ. ރާއްޖޭގައި ރުޕޭ ކާޑުގެ ޚިދުމަތް ފަށާފައިވަނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށެވެ. އެގޮތުން އެ ބޭންކުގެ އޭޓީއެމް އަދި ޕީއޯއެސް ކާޑު މެޝިންތަކުގައި ރުޕޭ ކާޑު ބޭނުންކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖެއަށް ރުޕޭ ކާޑުގެ ޚިދުމަތް ތަޢާރަފުކުރުމަކީ ރާއްޖޭގެ މާލީ ދާއިރާ މިހާރަށްވުރެ ކުރިއަރުވާ ޒަމާނީ އީވޮލެޓްތަކުގެ ޚިދުމަތްތައް ރާއްޖެއަށް ތަޢާރަފުކުރުމަށް ކުރާ މަސައްކަތްތަކުގައި ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށެވެ.
ރާއްޖޭގައި މި ޚިދުމަތް ތަޢާރަފުވެގެން ދިއުމުން އިންޑިއާއިން ރާއްޖެ އަންނަ ފަރާތްތަކަށް ރާއްޖޭގައި މުދަލާއި ޚިދުމަތުގެ އަގަށް މި ކާޑުން ފައިސާ ދެއްކޭނެކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި މީގެ ސަބަބުން އިންޑިއާގެ ފަތުރުވެރިންގެ މާކެޓް އިތުރުކުރުމަށް މަގުފަހިވެގެންދާނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
The RuPay card, introduced on Oct 7th, 2024 during HEP Dr. @MMuizzu’s state visit to India, marks a key steps in modernizing the Maldives financial sector. Here are some FAQs about the RuPay card. We are also gearing up our efforts to implement Local Currency Settlement soon pic.twitter.com/R41yvxjNIc
— Mohamed Saeed (@em_saeed) October 16, 2024
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެފަހުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް 1.5 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، އިންޑިއާ ހިމެނެނީ 6 ވަނަ އަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މާކެޓްގެ ގޮތުގައެވެ.
އެގޮތުން އިންޑިއާއިން އެކަނިވެސް މިއަހަރުގެ މިހާތަނަށް 95،072 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އެއީ އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ %6.1 އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން އިންޑިއާކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރޭގައި އިންޑިއާއާއި ރާއްޖެއާ ދެމެދު ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ވަނީ ދެ ޤައުމުގެ މެދު މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށްގެންގޮސްފައެވެ. ހަމައެހެންމެ ފަތުރުވެރިކަމާއި، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ރާއްޖޭގައި ހުރި ފުރުޞަތުތައް އަންގައިދިނުމަށް އިންޑިއާގެ 3 ސްޓޭޓެއްގައި ބިޒްނަސް ފޯރަމްތައް ވަނީ ބާއްވާފައެވެ.