ކުރިއަށް އޮތް އަހަރު މެލޭޝިޔާއިން ބައެއް ސަބްސިޑީތައް ދަށްކޮށް, އައު ޓެކުސްތައް ތަޢާރުފު ކުރަން މަސައްކަތް ކުރަމުންދާ ކަމުގައި އެނެލިސްޓުންނާއި އިޤުތިޞާދީ މާހިރުން ހާމަކޮށްފިއެވެ. މެލޭޝިޔާ ސަރުކާރުން މި ފަދަ ފިޔަވަޅުތަކެއް އަޅަން ނިންމާފައި މި ވަނީ މި ހިނގާ އަހަރާއި, ކުރިއަށް އޮތް އަހަރު ދައުލަތުގެ އާމްދަނީ ދަށްވާނެ ކަމަށް އަންދާޒާ ކުރެވިފައިވާތީ, މާލީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުންނެވެ.
2025ވަނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓާއި, ކުރުމަށް ނިންމާފައިވާ ޚަރަދުތަކުގެ ތަފުސީލު އޮކްޓޫބަރު 18ވަނަ ދުވަހު ބޮޑުވަޒީރު އަންވަރު އިބްރާހީމް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހާ ހިއްސާ ކުރައްވާނެއެވެ. އެނެލިސްޓުންނާއި އިޤުތިޞާދީ މާހިރުން ބުނީ, ކުރިއަށް އޮތް އަހަރު މެލޭޝިޔާގެ އާމްދަނީއާއި ޚަރަދުގެ ފަރަގު ކުޑަކުރަން އަންވަރުގެ ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމުގައެވެ. އަދި, ދިރިއުޅުމުގެ ޚަރަދުތައް އުފުލިފައިވާ މި ދަނޑިވަޅުގައި, އެ ކަން ޙައްލު ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމުގައެވެ.
އަންވަރުގެ ސަރުކާރުން އައު ޓެކުސްތައް ތަޢާރުފު ކުރަން ނިންމާފައިވާ މުދަލާއި ޚިދުމަތްތަކުގެ ތެރޭގައި 'ހައި-ވެލިޔު' މުދަލުގެ އިތުރުން ހަކުރު ބޭނުން ކޮށްގެން ފޮނިކޮށްފައިވާ ބުއިންތައް ހިމެނޭނެ ކަމުގައި މާހިރުން ބުންޏެވެ. ބައެއް މުދަލާއި ޚިދުމަތްތަކުން އައު ޓެކުސްތަކެއް ތަޢާރުފު ކުރަން އަންވަރުގެ ސަރުކާރުން ނިންމާފައިވީ ނަމަވެސް, ޢާންމުކޮށް މުދަލާއި ޚިދުމަތްތަކުން ނަގާ ޓެކުސް (ޖީއެސްޓީ) ބޮޑު ކުރުމަކީ މި ވަގުތުގެ ސިޔާސަތު ނޫން ކަމުގައި ވެސް މާހިރުން ބުންޏެވެ. ނަމަވެސް, ތެލުގެ ވިޔަފާރިން ދަައުލަތަށް ލިބޭ އާމްދަނީ މި އަހަރުގެ ތެރޭގައި ދަށަށްދާނެ ކަމަށް ލަފާކުރެވޭތީ, ޖީއެސްޓީ ބޮޑު ކުރަން ބައެއް ފަރާތްތަކުން ބާރުއަޅަމުންދާ ކަން ފާހަގަ ކުރެވެއެވެ.
މެލޭޝިޔާގެ ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ދާއިރާއަކީ ތެލުގެ ވިޔަފާރިއެވެ. ނަމަވެސް, ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު ދަށްވެފައިވާ ދަނޑިވަޅެއްގައި, މެލޭޝިޔާގެ ދައުލަތުގެ ތެޔޮ ކުންފުނި, ޕެޓްރޮނާސަށް ލިބޭ އާމްދަނީ ދަށަށްދާނެ ކަމަށް މާހިރުން އަންދާޒާ ކުރެއެވެ. 2024 އަހަރުގެ ބަޖެޓުގައި ހާމަކޮށްފައިވާ ގޮތުން, ޕެޓްރޮނާސުން މި އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި 7.45 ބިލިޔަން އެމެރިކާ ޑޮލަރު ދައްކާނެއެވެ. އެއީ, 2023ވަނަ އަހަރާ އަޅައިބަލާއިރު ދަށްވުމެކެވެ.
"ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު އެއް މިންގަނޑެއްގައި ހިފެހެއްޓައި ނެތުމާ ގުޅިގެން މި އަހަރު ޕެޓްރޮނާސްގެ ފަރާތުން ދައުލަތަށް ލިބޭ އާމްދަނީ އެތަކެއް ގުނައަށް ދަށަށްދާނެ ކަމަށް އަންދާޒާ ކުރެވޭ،" ބޭންކް މުއާމަލާތު މެލޭޝިޔާގެ އިސް އިކޮނޮމިސްޓު މުޙައްމަދު އަފްޒާނިޒާމު ޢަބްދުއްރަޝީދު ވިދާޅުވިއެވެ. ބައެއް ސަބްސިޑީތައް ދަށް ކުރުމާއި, އައު ޓެކުސްތައް ތަޢާރުފު ކުރުމާ ގުޅިގެން 2025ވަނަ އަހަރު މެލޭޝިޔާގެ އިޤުތިޞާދީ ދުވެލި 5 އިންސައްތައަށް ކުރިއަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމުގައި ވެސް މުޙައްމަދު އަފްޒާނިޒާމް ވިދާޅުވިއެވެ.
މި އަހަރު ފެށުމާ އެކު ވެސް މެލޭޝިޔާ ސަރުކާރުގެ ސަބްސިޑީ ނިޒާމު މުރާޖާކޮށް, ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެއެވެ. އޭގެ ތެރޭގައި ޑީސަލާއި, ކަރަންޓާއި, ކުކުޅު މަހުގެ ވިޔަފާރި ކުރާ ފަރާތްތަކަށް ބްލޭންކެޓުކޮށް ނުވަތަ އެންމެންނަށް އެއް ހަމައެއްގައި ފޯރުކޮށްދެމުން ދިޔަ ސަބްސިޑީތައް ކަނޑައިލުން ހިމެނެއެވެ. އެއަށް ފަހު, ސަބްސިޑީއަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ދަށް-ފަންތީގެ އާމްދަނީ ލިބޭ ގޭބީސީތަކަށް ސަބްސިޑީ ފޯރުކޮށްދިނުމަށް, ސަބްސިޑީގެ ނިޒާމު ވަނީ މުރާޖާ ކޮށްފައެވެ. އެއީ, ދައުލަތުގެ އާމްދަނީ އިތުރު ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެކެވެ.
މެލޭޝިޔާގެ މަރުކަޒީ ބޭންކުގެ އަންދާޒާތަކަށް ބަލާއިރު, މި އަަހަރު އެ ޤައުމުގެ އިޤުތިޞާދު 4އާއި 5 އިންސައްތައާ ދެމެދުގެ މިންވަރަކުން ކުރިއަރާނެއެވެ. އަދި, އިންފްލޭޝަން ރޭޓު 3 އިންސައްތައަށް ވުރެ މައްޗަށް އުފުލޭނެ ކަމަށް ނުބެލޭ ކަން އެ ބޭންކުން ވަނީ ހާމަކޮށްފައެވެ. މި އަހަރުގެ ދެވަނަ ކުއާޓަރުގައި މެލޭޝިޔާގެ އިޤުތިޞާދު ވަނީ 5.9 އިންސައްތައިގެ ދުވެލީގައި ކުރިއަރާފައެވެ. އެއީ, ފާއިތުވި 18 ވަރަކަށް މަހުގެ ތެރޭގައި ލިބިފައިވާ އެންމެ ބޮޑު ކުރިއެރުމެވެ.
މެލޭޝިޔާގެ ބޭންކެއް ކަމުގައިވާ ސީއައިއެމްބީގެ ދިރާސާ ކުރާ ގޮފިން ބުނީ, ސަރުކާރުން ގިނަ ދާއިރާތަކަށް ފޯރުކޮށްދެމުންދާ ސަބްސިޑީ ކުރިއަށް އޮތް އަހަރުގެ ތެރޭގައި ދަށް ކުރާނެ ކަމަށް ބެލެވޭ ކަމުގައެވެ. އޭގެ ތެރޭގައި އާރްއޯއެން95 މަރުކާގެ ޕެޓްރޯލާއި, ހަކުރާއި, މެލޭޝިޔާގައި އުފައްދާ ހަނޑުގެ ބާވަތްތައް ހިމެނޭނެ ކަމަށް ބެލެވޭ ކަމުގައި ސީއައިއެމްބީން ބުންޏެވެ.
ޚަރަދުތައް ކުޑަ ކުރުމަށް މެލޭޝިޔާ ސަރުކާރުން މަސައްކަތްތަކެއް ފަށާފައިވީ ނަމަވެސް, ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުމަށް މެލޭޝިޔާ ސަރުކާރުން އޮތީ ނިންމާފައެވެ. މެލޭޝިޔާގެ ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު 1.6 މިލިޔަނަށް އަރާއިރު, ޑިސެންބަރު 1ވަނަ ދުވަހުން ފެށިގެން އެ މީހުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. އެއީ, އުފުލެމުންދާ ދިރިއުޅުމުގެ ޚަރަދުތަކާ ގުޅިގެން ޢާންމު ރައްޔިތުންނަށް ކުރިމަތިވަމުންދާ މާލީ ދަތިކަމުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ނިންމާފައިވާ ނިންމުމެކެވެ.