ޚަބަރު

ޣައްޒާ ޢުދުވާނާ ގުޅިގެން ޔަހޫދީންގެ އިޤުތިޞާދީ ދުވެލި ދަށަށް


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން ޒަޔަނިސްޓު ދައުލަތުގެ އިޤުތިޞާދު ކުރިއަރަމުންދާ ދުވެލި އިތުރަށް ދަށަށް ގޮސްފިއެވެ. ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ހިންގަން ފަށާފައި ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ.

އެ ޢުދުވާނުގެ ދަށުން އެތައް ހާސް ބަޔަކު ޝަހީދު ކޮށްލައި, ޣައްޒާގެ އިޤުތިޞާދު ފުނޑުފުނޑު ކޮށްލާފައިވާއިރު, ޔަހޫދީންނަށް ވެސް ވަނީ އިޤުތިޞާދީ ހީނަރުކަމާއި މާލީ ދަތިކަން ކުރިމަތިވެފައެވެ. ޒަޔަނިސްޓު އިސްރާއީލުގެ ސެންޓްރަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސުން އެންމެ ފަހުން ޝާއިޢު ކޮށްފައިވާ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި, ޤައުމީ އުފެއްދުންތެރިކަން އޭޕްރީލާއި ޖޫން މަހުގެ ތެރޭގައި ކުރިއަރާފައި ވަނީ އެންމެ %0.3ންނެވެ.

އޭގެ ކުރީގެ ތަފާސްހިސާބުތަކަށް ބަލައިލާއިރު, މާރިޗު މަހު އުފެއްދުންތެރިކަން ކުރިއަރާނެ ކަމަށް އަންދާޒާ ކޮށްފައި ވަނީ %0.7ންނެވެ. އަދި, 2023 އޮގަސްޓު މަހުގެ އަންދާޒާތަކަށް ބަލާއިރު, އެ މިންވަރު %1.2ގައި ކުރިއަރާނެ ކަމަށް ތަފާސްހިސާބުތަކުން ސާފުވެއެވެ.
ޣައްޒާ ޢުދުވާނާ ގުޅިގެން އިސްރާއީލުން ބޭރު ކުރާ މުދަލުގެ މިންވަރު ވަނީ ބޮޑުތަނުން ދަށްވެފައެވެ. ނަމަވެސް, ދައުލަތުގެ ޚަރަދުތައް އިތުރުކޮށް, އެކި ދާއިރާތަކުން އިންވެސްޓުމެންޓުތައް އިތުރު ކުރުމާ ގުޅިގެން އިޤުތިޞާދަށް ކޮންމެ ވެސް ވަރެއްގެ ތަސައްލީއެއް ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ހާމަވެއެވެ.

ޣައްޒާގެ މުސްލިމުން ޝަހީދު ކުރުމަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން ޒަޔަނިސްޓު ދައުލަތުގެ އިޤުތިޞާދަށް ވެސް ވަނީ ބޮޑު ލޮޅުންތަކެއް އަރާފައެވެ. އިސްރާއީލުގެ މަރުކަޒީ ބޭންކުން ކުރިން އަންދާޒާ ކޮށްފައި އޮތީ, 2024ވަނަ އަހަރުގެ ތެރޭގައި އެ ޤައުމުގެ އިޤުތިޞާދު %1.5ގައި ކުރިއަރާނެ ކަމުގައެވެ. ނަމަވެސް, އެ އަންދާޒާ މިހާރު މި ވަނީ މުރާޖާ ކޮށްފައެވެ. ޔަހޫދީންގެ މަރުކަޒީ ބޭންކުން ހުސްވި ހަފުތާގައި ބުނީ, އިޤުތިޞާދު ކުރިއަރާ ދުވެލި %0.5އަށް ދަށަށް ދާނެ ކަމަށް މިހާރުގެ އަންދާޒާތަކުން ހާމަވާ ކަމުގައެވެ.

ޣައްޒާ ޢުދުވާނާ ގުޅިގެން ޔަހޫދީންގެ އިޤުތިޞާދު ހީނަރުވަމުންދާ މި ދަނޑިވަޅުގައި, އިސްރާއީލުގައި ތަކެތީގެ އަގުތައް ވެސް ވަނީ އިންތިހާއަށް އުފުލެން ފަށާފައެވެ. އަދި, ޔަހޫދީ ޢާންމުންނަށް ކުރިމަތިވެފައިވާ މާލީ ބުރަ ވަނީ ބޮޑުވެފައެވެ. އަދި, ނަތަންޔާހޫގެ ސަރުކާރުގެ ލާއިންސާނީ ހަނގުރާމައާ ގުޅިގެން ޔަހޫދީ ޢާންމުން ވަނީ މާޔޫސްވެ, ވިޔަފާރި ކުރުމާއި ޚަރަދު ކުރުން ހުއްޓައިލާފައެވެ. މާލީ ދަތިތަކާ ގުޅިިގެން ހައްދުފަހަނަ އެޅި ނަތަންޔާހޫގެ ސަރުކާރާ މެދު އެ ޤައުމުގެ ޢާންމުން ހިތްހަމަނުޖެހިފައިވާ މި ދަނޑިވަޅުގައި އިންޓްރެސްޓު ރޭޓު އުފުލަން ޖެހިދާނެ ކަމުގެ އިންޒާރު މަރުކަޒީ ބޭންކުން ވަނީ ކޮށްފައެވެ. މި އަހަރުގެ ފުރަތަަމަ ހަތަރު މަހުގެ ތެރޭގައި ޔަހޫދީންގެ އުފެއްދުންތެރިކަން %17.2ން ކުރިއަރާފައިވެއެވެ.

2023ގެ ފަހު ކުއާޓަރުގެ ތަފާސްހިސާބުތަކަށް ބަލައިލާއިރު, ޔަހޫދީ ޢާންމުން ޚަރަދު ކުރާ މިންވަރު ވަނީ %26.9އަށް ދަށްވެފައެވެ. އަދި ބޭރުން މުދާ އެތެރެކުރާ މިންވަރު ވަނީ %18.3އަށް ދަށްވެފައެވެ. ޢާންމުން ދިރިއުޅޭ ގެދޮރު ޢިމާރާތް ކުރުމުގެ ސިނާޢަތުގެ އިންވެސްޓްމެންޓުތައް ވެސް ވަނީ %67.8އަށް ވެއްޓިފައެވެ. އަދި ސަރުކާރުގެ ޚަރަދުތައް ވަނީ %88.1އަށް އުފުލިފައެވެ. އެންމެ ބޮޑު ޚަރަދެއް ކޮށްފައި ވަނީ މުސްލިމުންދާ ދެކޮޅަށް ފަށާފައިވާ ޢުދުވާނަށެވެ. ދެން ޚަރަދުތައް ހިނގާފައި ވަނީ ވިޔަފާރިތަކާއި ޢާންމު ރައްޔިތުންގެ ޚަރަދުތައް ބެލެހެއްޓުމަށާއި ބަދަލު ދިނުމަށެވެ.

2023 ވަނަ އަހަރު ޔަހޫދީންގެ އިޤުތިޞާދަށް %3.5ގެ ކުރިއެރުމެއް ލިބޭނެ ކަމަށް ކުރިން އަންދާޒާ ކުރެވުނު ނަމަވެސް ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އޮކްޓޫބަރު 7 ވަނަ ދުވަހު ހިންގި އަސްކަރީ ޙަރަކާތާ ގުޅިގެން އެ ހުފަވެންތައް ވަނީ ފެންވެފައެވެ. އެމެރިކާ ޑޮލަރަށްވުރެ ޔަހޫދީންގެ ފައިސާގެ އަގު ވެސް ވަނީ %0.6އަށް ވެއްޓިފައެވެ.