ޚަބަރު

ޔަހޫދީންގެ މަސްލަހަތު ޙިމާޔަތް ކޮށްދޭން އެމެރިކާއިން ޔަމަނަށް އިތުރު ޙަމަލާތަކެއް


މެދުއިރުމަތީގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ އިސްތިޢުމާރީ ސިފައިން ޔަމަނުގެ ފަސް ސަރަޙައްދަކަށް ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ. މިއީ, ޔަހޫދީންގެ މަސްލަހަތު ޙިމާޔަތް ކޮށްދިނުމަށާއި, ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭން އެމެރިކާއިން ފަށާފައިވާ އަސްކަރީ ހަރަކާތުގެ ދަށުން ދީފައިވާ ޙަމަލާތަކެކެވެ. ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ވިދާޅުވީ, އެމެރިިކާގެ ޢުދުވާނީ ޙަމަލާތައް އަމާޒު ކޮށްފައިވާނީ ޔަމަނުގައި ހަރަކާތްތެރިވާ ޙޫޘީ ޖަމާޢަތުގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުތަކަށް ކަމުގައެވެ.

ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން މީގެ އަހަރެއްހާ ދުވަސް ކުރިން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޖަރީމާތަކާ ގުޅިގެން ޙޫޘީން ވަނީ އަސްކަރީ ހަރަކާތެއް ފަށާފައެވެ. އަދި, ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކުގެ އިތުރުން ރަތް ކަނޑުން ދަތުރު ކުރާ ޔަހޫދީންނާ ގުޅުން އޮތް އާގުބޯޓުފަހަރަށް ޙަމަލާ ދޭން ފަށާފައެވެ. ޙަމަލާތައް އަމާޒު ކުރަމުންދާ އުޅަނދުފަހަރުގެ ތެރޭގައި އިސްރާއީލަށް މުދާ އުފުލާ އާގުބޯޓުފަހަރު ވެސް ހިމެނެއެވެ. ރަތް ކަނޑުގެ ސަރަޙައްދަށް އަސްކަރީ މަނަވަރުތައް ފޮނުވައި, ޙޫޘީންނާ ދެކޮޅަށް އެމެރިކާއިން އަސްކަރީ އޮޕަރޭޝަނެއް ފަށާފައި ވަނީ ޔަހޫދީންގެ މަސްލަހަތު ޙިމާޔަތް ކުރުމުގެ ނަމުގައެވެ.

"އެމެރިކާ ސިފައިންގެ ޙަމަލާތައް އަމާޒު ކޮށްފައި ވާނީ ޢާންމު ރައްޔިތުންނާއި އަސްކަރީ މަނަވަރުތަކަށް ޙަމަލާ ދިނުމަށް ޙޫޘީން ބޭނުން ކުރަމުންދާ ހަތިޔާރުތައް ރައްކާކޮށްފައި ހުރި ބިންގަރާސްތަކަށް،" އޮސްޓިން ވިދާޅުވިއެވެ. އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރިއްޔާ ގުޅިގެން ޙޫޘީން ބަލިކަށި ކޮށްލުމުގެ ނަމުގައި ޔަމަނަށް ބޮންއަޅަން ފެށުމާ ގުޅިގެން އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން އެ ދެ ޤައުމުގެ އަސްކަރީ މަނަވަރުތަކާއި އެ ދެ ޤައުމާ ގުޅުން އޮތް އާގުބޯޓުފަހަރަށް ވެސް ޙޫޘީންގެ ޙަމަލާތައް އަމާޒު ކުރަން ފެށިއެވެ. ރަތް ކަނޑުގެ އިތުރުން ޢަދަން ކަނޑާއި, މެޑިޓެރޭނިޔަން ކަނޑު އަދި އިންޑިޔާ ކަނޑަށް ވެސް ޙޫޘީންގެ އަސްކަރީ ހަރަކާތްތައް ވަނީ ފުޅާ ކޮށްފައެވެ.

މި މަހުގެ ކުރީކޮޅު ވެސް އެމެރިކާގެ އަސްކަރިއްޔާއިން ޔަމަނަށް ވަރުގަދަ ޙަމަލާތަކެއް ދިނެވެ. ޔަމަނުގެ ޢާންމު ރައްޔިތުން ބުނީ އެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އަސްކަރީ މަރުކަޒުތަކާއި ވައިގެ ބަނދަރަކަށް ކަމުގައެވެ. ޣައްޒާ ޢުދުވާނާ ގުޅިގެން ޙޫޘީން ފަށާފައިވާ އަސްކަރީ ހަރަކާތުގެ ދަށުން ރަތް ކަނޑު ހުރަސްކޮށް ދަތުރު ކުރާ އާގުބޯޓުފަހަރަށް 100 ވަރަކަށް ފަހަރު ޙަމަލާތައް އަމާޒު ކޮށްފައިވެއެވެ. ޙޫޘީންގެ ޙަމަލާތަކުގައި ބޭނުން ކޮށްފައި ވަނީ ޒަމާނީ މިސައިލްތަކާއި އަސްކަރީ ޑްރޯންތަކެވެ. އެ ޙަމަލާތަކުގައި ދެ އުޅަނދު ފަައްތައިލާފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

އެމެރިކާއިން ޔަމަނަށް ދިން ޙަމަލާތަކާ ދިމާކޮށް ޔަހޫދީ ފައުޖުން ވަނީ ސޫރިޔާގެ ރަށްތަކަށް އަމާޒުކޮށް ވެސް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. ސޫރިޔާގެ ދައުލަތުގެ މީޑިޔާއިން ބުނީ, އެ ޤައުމުގެ ސިޔާދަތީ މިނިވަން ކަމާއި އިސްތިޤުލާލަށް ބެލުމެއް ނެތި ޔަހޫދީ ފައުޖުގެ އެންމެ ފަހުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ މެޑިޓެރޭނިޔަން ކަނޑުގެ އައްސޭރިފަށުގައި އޮތް ބަނދަރުމަތީ ރަށެއް ކަމުގައިވާ އަލް-ލާޒިޤިއްޔާއަށް ކަމުގައެވެ.

ޔަހޫދީ ފައުޖުގެ ނިރުބަވެރި ޙަމަލާތަކާ ގުޅިގެން ނުރައްކާތެރި އަލިފާނުގެ ހާދިސާތަކެއް ހިނގައި, ދެ މީހަކު ޒަޚަމުވިއެވެ. ސޫރިޔާގެ ދައުލަތުގެ މީޑިޔާއިން ބުނީ, އަލިފާންގަނޑު ނިއްވައިލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި, ޙަމަލާތަކުގައި ޢާންމުންގެ ގެދޮރާއި ޢުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައެވެ. އެ ސަރަޙައްދަށް ޙަމަލާ ދިނުމަށް ޔަހޫދީ ފައުޖުން ބޭނުން ކުރި ބައެއް ހަތިޔާރު ސޫރިޔާގެ އަސްކަރިއްޔާއިން ދިފާޢުކޮށް ވައްޓައިލާފައިވާ ކަމުގައި ވެސް އެ ޤައުމުގެ ދައުލަތުގެ މީޑިޔާއިން ރިޕޯޓު ކުރިއެވެ.

ފަލަސްޠީނާއި ލުބްނާނުގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންދާ މި ދަނޑިވަޅުގައި ސޫރިޔާގެ ރަށްތަކަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ދެމުންދާ ޙަމަލާތައް ވެސް ވަނީ އިތުރު ކޮށްފައެވެ. ބައެއް ޙަމަލާތައް ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް ވެސް އަމާޒުކޮށް, ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ. ނަމަވެސް, މި ޙަމަލާތަކުގެ ޒިންމާ އުފުލަން ޔަހޫދީ ފައުޖުން ދަނީ ދެކޮޅު ހަދަމުންނެވެ.