ޚަބަރު

ޙަމާސްގެ ސިންވާރު ޝަހީދު ކޮށްލާފައިވާނެ ކަމަށް ޔަހޫދީން ބުނެފި


ފަލަސްޠީިނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާ ޔަޙްޔާ އަލް-ސިންވާރް ޝަހީދު ކޮށްލާފައިވާނެ ކަމުގައި ޔަހޫދީ ފައުޖުން ބުނެފިއެވެ. ޔަހޫދީ ފައުޖުން ބުނީ 62 އަހަރުގެ ސިންވާރު ޝަހީދު ކޮށްލާފައި ވަނީ ޣައްޒާގެ ދެކުނުގެ ސަރަޙައްދަށް ދިން ނިރުބަވެރި ޙަމަލާތަކެއްގައި ކަމުގައެވެ. ނަމަވެސް, ޙަމާސް ޖަމާޢަތުން އެ ކަން ކަށަވަރު ކޮށްދީފައެއް ނެތެވެ.

ސިންވާރު ކުރިން ފުރުއްވަމުން ގެންދަވާފައި ވަނީ ޙަމާސްގެ އަސްކަރީ ގޮފީގެ އިސް ކޮމާންޑަރުގެ މަޤާމެވެ. އެ ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާގެ މަޤާމާ އޭނާ ހަވާލުވެ ވަޑައިގަތީ, އެ މަޤާމު ކުރިން ފުރުއްވަމުން ގެންދެވި އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލުމާ ގުޅިގެންނެވެ. ހަނިއްޔާ ޝަހީދު ކޮށްލާފައި ވަނީ ޔަހޫދީ ފައުޖުން އިރާނުގެ ވެރިރަށް ތަހްރާނަށް ޖުލައި 31ވަނަ ދުވަހު ދިން ނިރުބަވެރި ޙަމަލާއެއްގައެވެ.

ޔަހޫދީން ޤަބޫލު ކުރާ ގޮތުގައި, އެ މީހުންގެ އަޅުވެތިކަމާ ދެކޮޅަށް ތެދު, ޙަމާސުން މީގެ އަހަރެއްހާ ދުވަސް ކުރިން ޒަޔަނިސްޓު ދައުލަތުގެ ރަށްތަކަށް ދީފައިވާ ޖިހާދީ ޙަމަލާގެ މޭސްތިރިއަކީ ސިންވާރެވެ. އެ ޙަމަލާގައި ގިނަ ޢަދަދެއްގެ ޔަހޫދީން މަރައިލުމަށް ފަހު, ޙަމާސުން ވަނީ އިތުރު ޔަހޫދީންތަކެއް ރަހީނު ކޮށްގެން ޣައްޒާއަށް ގެންގޮސްފައެވެ.

ޙަމާސްގެ ޖިހާދީ ޙަމަލާތަކާ ގުޅިގެން ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލުމަށް ލާއިންސާނީ ޢުދުވާނެއް ފެށުމަށް ފަހު, ސެޕްޓެންބަރު 23ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ މުސްލިމުން ޝަހީދު ކުރުމަށް ވެސް ޖަރީމާތަކެއް ފަށާފައެވެ. އަދި, އޮކްޓޫބަރު 1ވަނަ ދުވަހު އެއްގަމު މަގުން ލުބްނާންގެ ދެކުނުގެ ރަށްތަކަށް އަރައިގަނެ, ޤަތުލުޢާންމު އިތުރަށް ފުޅާ ކޮށްފައެވެ.

ސިންވާރު ޝަހީދު ކޮށްލާފައިވާނެ ކަމަށް ޔަހޫދީން އިޢުލާނު ކުރުމާ އެކު އެ ކަމަށް އެންމެ ފުރަތަމަ ވެސް މަރުޙަބާ ކިޔާފައި ވަނީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް މައިކް ޖޮންސަނެވެ. އެ ކަމާ ގުޅޭ ގޮތުން ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ, ސިންވާރު ޝަހީދު ކޮށްލެވުނު ނަމަވެސް, ޣައްޒާގެ މުސްލިމުން ޝަހީދު ކުރުމަށް ފަށާފައިވާ ލާއިންސާނީ ޖަރީމާތައް ހުއްޓައިލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމުގައެވެ.

ސިންވާރަކީ ޙަމާސްގެ އެންމެ ބާރުގަަދަ އެއް ލީޑަރެވެ. އޭނާގެ އުމުރުގެ ބޮޑު ބަޔެއް ހޭދަ ކުރައްވާފައި ވަނީ ޔަހޫދީންގެ ޖަލުތަކުގައެވެ. 62 އަހަރުގެ ސިންވާރް އުފަންވެ ވަޑައިގަތީ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ ރެފިއުޖީ ކޭމްޕެއްގައެވެ. ޙަމާސްގެ ހަތިޔާރު އެޅި ގޮފީގެ އިސް ކޮމާންޑަރުގެ މަޤާމަށް އޭނާ ޢައްޔަން ކޮށްފައި ވަނީ 2017ވަނަ އަހަރުއެވެ. އޭނާއަކީ ޖެހިލުންކުޑަ, ހިތްވަރުގަދަ މުޖާހިދެކެވެ.

2023 އޮކްޓޫބަރު 7ން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 42,438އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 99,246 މީހުން ޒަޚަމު ކޮށްލާފައެވެ.