އިނގިރޭސި ޕްރިމިއަރ ލީގުގައި ފުލަމާ ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން އެސްޓަން ވިލާ ކާމިޔާބުކޮށް، 26 އަހަރުގެ ތެރޭގައި ލީގުގެ ފުރަތަމަ އަށް މެޗަށްފަހު އެ ޓީމަށް މިހާތަނަށް ލިބުނު އެންމެ ރަނގަޅު ނަތީޖާ ހޯދައިފިއެވެ.
މި މެޗުން މޮޅުވުމާއެކު އެސްޓަން ވިލާއަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 8 މެޗުން 17 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނަ މަގާމް ލިބިފައެވެ. އެއްވަނައިގައި އޮތް ލިވަޕޫލްއަށް 7 މެޗުން 18 ޕޮއިންޓް ލިބިފައިވާއިރު މެންޗެސްޓަރ ސިޓީއަށްވެސް 7 މެޗުން ލިބިފައިވަނީ 17 ޕޮއިންޓެވެ.
ފުލަމްގެ ކްރެވަން ކޮޓޭޖްގައި ކުޅުނު މި މެޗުގެ ފަސްވަނަ މިނިޓުގައި ފުލަމްގެ ރައުލް ހިމިނޭޒް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. ނަމަވެސް އޭގެ ހަތަރު މިނިޓު ފަހުން އެސްޓަން ވިލާގެ މޯގަން ރޮޖާރސް ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މި މެޗުގައި ފުރަތަމަ ފަހަރަށް އެސްޓަން ވިލާއިން ކުރި ހޯދާފައިވަނީ މެޗުގެ 59 ވަނަ މިނިޓުގައި އޮލީ ވޮޓްކިންސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި ލަނޑަށްފަހު ދެވަނަ ފަހަރަށް ފުލަމްއަށް މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް ރަގަޅު ފުރުސަތެއް ވަނީ ލިބިފަ އެވެ. ފުލަމް އަށް ރެފްރީ ޕެނަލްޓީއެއް ދިން ނަމަވެސް އެސްޓަން ވިލާގެ ކީޕަރު އާޖެންޓީނާގެ މާޓިނޭޒް ވަނީ އެންޑްރިއަސް ޕެރޭރާ ފޮނުވާލި ޕެނަލްޓީ ދިފާއުކޮށްފަ އެވެ.
ފުލަމް އަށް މި މެޗުގައި މައްސަލަތަކާއި ކުރިމަތިލާން ޖެހުނީ މެޗުގެ 64 ވަނަ މިނިޓުގައި ޖޯޗިމް އެންޑަރސަން އަށް ރެފްރީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ފުލަމް އިން ކުޅެން ފެށިތާ ފަސް ވަނަ މިނިޓުގައި އެ ޓީމުގެ އިއްސާ ޑިއޮޕް އަތުން ބައިކޮޅަށް ވަން ލަނޑާއެކު މެޗުގެ ނަތީޖާ ވަނީ 3-1 އަށް ބަދަލުވެފަ އެވެ.
މި މެޗުގައި އިތުރު ވަގުތުގެ ކުޅުމުގައި އެސްޓަން ވިލާގެ ޖޭޑަން ޕިލޮޖެން އަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާއިއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.